ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ތިލަމާލެ ބުރިޖު މަޝްރޫއުގެ ދަށުން ވިލިމާލެއާއި ގުޅިފަޅާ ދެމެދު އަޅާ ބުރިޖުގެ އެންމެ ފަހު ސެގްމެންޓް މިއަދު ހަރުކޮށް، އެ ދެ ރަށް ގުޅާލައިފިއެވެ.

އެކަން ފާހަގަކުރައްވައި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ތިލަމާލެ ބުރިޖުގެ މި މަސައްކަތަކީ އެ މަޝްރޫއުގައި ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ.

30 އޮކްޓޯބަރު 2026، ވިލިމާލެއާއި ގުޅިފަޅު ގުޅުވައިދޭ ތިލަމާލެ ބުރިޖުގެ ފަހު ސެގްމަންޓު ގުޅުވާލުން -- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ބުރިޖުގެ ފަހު ސެގްމަންޓު ހަރުކޮށް ވިލިމާލެއާއި ގުޅިފަޅު ގުޅާލެވުމަކީ ދަތުރުފަތުރުގެ ގޮތުން ބޮޑަށް ގުޅިފައިވާ މުސްތަގުބަލަކަށް ވާސިލުވުމަށް އެޅުނު އިތުރު ފިޔަވަޅެކެވެ. ތިލަމާލެ ބުރިޖުގެ މަޝްރޫއުގެ ތެރެއިން މި ދެ ރަށް ގުޅާލުމުގެ އަމަލީ މަސައްކަތުގެ އެ ބައި ނިމިގެންދިއުމަކީ މަޝްރޫއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

މީގެ އިތުރުން، މި ކާމިޔާބީއާ ގުޅިގެން މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ އެފްކޮންސްއަށާއި، އަރޫޕްގެ އިތުރުން އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ޓީމަށް މިނިސްޓަރު ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި މި މަޝްރޫއު ކުރިއަށްގެންދިއުމުގައި އިންޑިއާ ސަރުކާރުން ފޯރުކޮށްދޭ އަގުހުރި އެހީތެރިކަމަށާއި، މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ބުރަ މަސައްކަތްކުރި ހުރިހާ ފަރާތްތަކަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

30 އޮކްޓޯބަރު 2026، ވިލިމާލެއާއި ގުޅިފަޅު ގުޅުވައިދޭ ތިލަމާލެ ބުރިޖުގެ ފަހު ސެގްމަންޓު ގުޅުވާލުން -- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ

މަޝްރޫއުގެ ދަށުން މާލެއާއި ވިލިމާލެ ގުޅުވައިދިނުމަށްޓަކައި ހަރުކުރަންޖެހޭ އެންމެ ފަހު ސެގްމަންޓު ގުޅާލައި، އެ ދެ ރަށުގެ ދެމެދުގައިވާ ބުރިޖުގެ މައި އޮނިގަނޑުގެ މަސައްކަތް ވެސް އެފްކޮންސް އިން ވަނީ ފުރިހަމަކޮށްފައެވެ. މާލެއާއި ވިލިމާލެ ގުޅުވާލުމުގެ އެ މަސައްކަތް އެފްކޮންސްއިން ފުރިހަމަކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ.

މިނިސްޓްރީގެ އޮފިޝަލަކު މިދިޔަ އަންގާރަ ދުވަހު "ވަން"އަށް މައުލޫމާތުދެއްވި ގޮތުގައި ތިލަމާލެ ބުރިޖުގެ މުޅި މަސައްކަތުގެ 80.32 ޕަސަންޓު މިހާރު ވަނީ ނިމިފައެވެ. ބުރިޖު މަސައްކަތުގެ ސައިޓުގައި މިހާރު މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބުރިޖުގެ ޑެކަށް ބޭނުންވާ ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

ބުރިޖުގެ ޑެކަށް ޖުމްލަ 1,222 ސެގްމަންޓް ބޭނުންވާ އިރު، އޭގެ ތެރެއިން 98.53 ޕަސަންޓު ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިންމައިފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

30 އޮކްޓޯބަރު 2026، ވިލިމާލެއާއި ގުޅިފަޅު ގުޅުވައިދޭ ތިލަމާލެ ބުރިޖުގެ ފަހު ސެގްމަންޓު ގުޅުވާލުން -- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ

މި މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގުމިނުގެ ކަނެކްޓިވިޓީއެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ އިރު، މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ހައިވޭތައް ހެދުމުގެ މަސައްކަތްވެސް އަންނާނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.

މި ބިޔަ މަޝްރޫއަށް ޖުމުލަ 500 މިލިއަން ޑޮލަރު ނުވަތަ ހަތް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ.