މާލެއާއި ވިލިމާލެ ގުޅުވާލަދޭ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބުރިޖުމަތިން ފައިމަގުގައި ވިލިމާލެއަށް ވަޑައިގެންފިއެވެ.
ތިލަމާލެ ބުރިޖު މަޝްރޫއުގެ ދަށުން މާލެއާއި ވިލިމާލެ ގުޅުވައިދިނުމަށްޓަކައި އިންސްޓޯލްކުރަންޖެހޭ އެންމެ ފަހު ސެގްމަންޓު ގުޅާލައި، އެ ދެ ރަށުގެ ދެމެދުގައިވާ ބުރިޖުގެ މައި އޮނިގަނޑުގެ މަސައްކަތް، ކޮންޓްރެކްޓަރު އެފްކޮންސް އިން ފުރިހަމަކޮށްފައިވަނީ މިމަހުގެ 22 ގައެވެ.
މިއީ މާލެއާއި ވިލިމާލެއާ ދެމެދު ބުރިޖުގެ ސުޕާސްޓްރަކްޗަރު އެކީ ގުޅުވާލުމަށްފަހު، އެއްގަމުމަގުން ދެ ރަށް ގުޅިގެން ރައީސް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މާލޭގެ ސައިޓުން ފެއްޓެވި މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި މަޝްރޫއުގެ ފަންނީ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މަޝްރޫއުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ފަހުގެ މައުލޫމާތު ރައީސް ހޯއްދަވައި، މަސައްކަތް އަވަސްކުރުމަށް ދެއްވަންޖެހޭ އިރުޝާދުތައް އެ މަނިކުފާނު ދެއްވިއެވެ.
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ކުރީ ސަރުކާރުން ފެށި ތިލަމާލެ ބުރިޖު މަޝްރޫއަކީ، އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން މާލެ ސަރަހައްދުގައި މިވަގުތު ކުރިއަށްދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަސައްކަތެވެ.
މި މަޝްރޫއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިމަހުގެ 26 ގައި ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ތިލަމާލެ ބްރިޖު މަޝްރޫއުގެ ފެންވަރާމެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި، އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ. އަދި ސިނަމާލެ ބްރިޖުގެ ކޮލިޓީ ކަށަވަރުކުރި ދުނިޔޭގެ މަޝްހޫރު ކުންފުނި އާރޮޕްއިން ތިލަމާލެ ބްރިޖުގެ ފެންވަރުވެސް ވަރަށް ގާތުން ބަލަހައްޓަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
އަދި އޭރު ސިނަމާލެ ބްރިޖުގެ ކަންކަމުގައި އިސްކޮށް އުޅުއްވި ޑިރެކްޓަރު މި މަޝްރޫއުގައިވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާތީ، ފެންވަރުގެ ގޮތުން އެއްވެސް އުނިކަމެއް ނާންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
"ސިނަމާލެ ބްރިޖްގެ ކޮލިޓީ ބަލަހައްޓަން ހަޔާ ކުރި ކުންފުނި. އާރޮޕްއަކީ ދުނިޔޭގެ އެންމެ ރަނގަޅު އެއްކުންފުނި. އޭރުވެސް އެ ކުންފުނީގެ އިސްކޮށް ހުރި ޑިރެކްޓާ ތިލަމާލެ މަޝްރޫއުގައިވެސް އުޅޭނީ. އެ ކޮލިޓީގައި މި މަޝްރޫއުވެސް ކުރިއަށްގެންދާނެ. ވަރަށް ގާތުން ބަލަމުންދަނީ" ރައީސް ވިދާޅުވެފައިވެއެވެ.
މާލެއާއި ވިލިމާލެއާ ދެމެދު މިހާރު ގުޅައިލެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވެފައިވަނީ، ގުޅީފަޅާ ހަމައަށް ބްރިޖު ގުޅައިލުމުން ތާރުއެޅުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި މުޅި މަޝްރޫއު ފުރިހަމަވެގެންދާނީ ތިލަފުށްޓާ ހަމައަށް ގުޅާލެވުމުން ކަމަށާއި، ވީ އެންމެ އަވަހަކަށް އާންމުންނަށް މި ބްރިޖު ހުޅުވައިލުމަކީ ސަރުކާރުގެ ބޮޑު އަމާޒެއްކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
"ތިލަމާލެ ބްރިޖްގެ ހުރިހާ މަސައްކަތްތަކެއް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އުންމީދުކުރަން. ތިލަފުއްޓާ ހަމައަށް ގުޅާލައިގެން މުޅި މަޝްރޫއު ނިންމާލެވޭނީ" ރައީސް ވިދާޅުވެފައިވެއެވެ.
މި މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގުމިނުގެ ކަނެކްޓިވިޓީއެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ އިރު، މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ހައިވޭތައް ހެދުމުގެ މަސައްކަތްވެސް އަންނާނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.
ހައުސިން މިނިސްޓްރީން މިދިޔަ މަހު މައުލޫމާތުދިން ގޮތުގައި ބުރިޖު މަޝްރޫއުގެ 74.90 ޕަސަންޓު މަސައްކަތް ވަނީ ނިމިފައެވެ. މައިގަނޑު ގޮތެއްގައި މިހާރު ކުރިއަށްދަނީ ބުރިޖުގެ ތަނބުތައް ގުޅާލުމަށް އަޅަންޖެހޭ ޑެކްތައް އިންސްޓޯލް ކުރުމުގެ މަސައްކަތެވެ. އެގޮތުން ބުރިޖު ޑެކަށް ބޭނުންވާ ޖުމުލަ 1222 ސެގްމަންޓުގެ ތެރެއިން 90.4 ޕަސަންޓް ސެގްމަންޓް މިހާރު ކާސްޓުކޮށް ނިމިފައިވާ އިރު، އޭގެ ތެރެއިން 72.9 ޕަސަންޓު ސެގްމަންޓް މިހާރު އިންސްޓޯލްކޮށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އެކި ސަބަބުތަކާ ހުރެ މަޝްރޫއު ލަސްވި ނަމަވެސް، އަންނަ އަހަރުގެ ނިޔަލަށް މުޅި މަޝްރޫއު ނިންމުމަކީ ސަރުކާރުގެ އަމާޒެވެ. މި ބިޔަ މަޝްރޫއަށް ޖުމުލަ 500 މިލިއަން ޑޮލަރު ނުވަތަ ހަތް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ.
ތިލަމާލެ ބުރިޖު
ތިލަމާލެ ބުރިޖު
ތިލަމާލެ ބުރިޖު
ތިލަމާލެ ބުރިޖު
ކޮމެންޓް