ރާއްޖޭގެ ތަރައްގީއަށް މުހިންމު ބޮޑެތި މަޝްރޫއުތައް އަވަސް ދުވެއްޔެއްގައި ނިންމުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ތިލަމާލޭ ބްރިޖުގެ މަޝްުރޫއުން ހާމަވަމުންދާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވައިލުމަށް ކުރިއަށްގެންދާ އެ މަޝްރޫއުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ރައީސް މިއަދު ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ. އެ ޒިޔާރަތުގައި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްއަލިބާއި، ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސައިޓުގައި ހުންނަވައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، ތިލަމާލެ ބްރިޖަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަން ދައްކުވައިދޭ މުހިންމު ރަމްޒެއް ކަމަށެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާއި އެ ގައުމުގެ ސަރުކާރުން އެ މަސައްކަތަށް ދެއްވި ހާއްސަ ސަމާލުކަމާއެކު، މާލެއާއި ވިލިމާލެ ގުޅާލުމުގެ ބައި މިހާރު ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"ދެން މީގެން މި ދޭހަކޮށްދެނީ އަޅުގަނޑުމެން މިކަހަލަ މުހިއްމު ހުރިހާ މަޝްރޫއުތަކެއް ބާރު ސްޕީޑުގައި ގެންގޮސް ނިންމުމަށް އިސްކަންދޭކަން. އެނގިވަޑައިގަންނަވާނެ ފަދައިން މި ސަރުކާރު ފެށިގެން އައި އިރުގައި ބޮޑެތި ބައެއް މަޝްރޫއުތައް ބާރު ސްޕީޑުގައި ގެންގޮސް ނިންމައިލަން މަސައްކަތްކުރި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތިލަމާލެ ބުރިޖު މަޝްރޫއު އެއްކޮށް ނިމުމުން މާލެ ސަރަހައްދަށް އިގްތިސޯދީ ގޮތުން ބޮޑެތި ލުއިފަސޭހަތަކާއި ކުރިއެރުންތައް ލިބޭނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަދި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލްގެ މަސައްކަތްތައްވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.

އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ހިންގާ އެފަދަ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ވީހާވެސް އަވަހަކަށް ނިންމުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ދައުރު ނިމުނުއިރު ތިލަމާލެ ބުރިޖުގެ މަޝްރޫއުގެ ނިމިފައިވަނީ 30 ޕަސަންޓެވެ. ނަމަވެސް މި ސަރުކާރުން އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާއެކު ކުރި މަސައްކަތުން މަޝްރޫއުގެ ސްޕީޑް ވަނީ އަވަސްކުރެވިފައެވެ. އެގޮތުން މިހާރު ބްރިޖުގެ 70 ޕަސަންޓް މަސައްކަތް ވަނީ ނިމިފައެވެ.

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅައިލުމަށް ގާއިމުކުރާ 6.7 ކިލޯމީޓަރުގެ އެ ބްރިޖަކީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ އެހީއާއި، 400 މިލިއަން ޑޮލަރުގެ ލޯނުގެ އިތުރުން ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، ޖުމްލަ 500 މިލިއަން ޑޮލަރު ހޭދައެއް ކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއާއެކު ގުޅިފަޅާއި ތިލަފުށީގެ މަގުތަކާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.