ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން، ނުވަތަ އޭގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިއަދު ގާނޫނަށް އިސްލާހު ގެނެސް ފާސްކޮށްފިއެވެ.

މަޖިލީހުން މިއަދު ފާސްކުރި މަސްތުވާތަކެތީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައިވާގޮތުން ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައި މަސްތުވާތަކެތި އެތެރެކުރާ މައްސަލަތަކުގައި މަރުގެ އަދަބު ކަނޑައެޅޭނެ އެވެ.

މި ބިލު މިއަދު ފާސްކުރީ 65 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ބިލުގައިވާ ގޮތުން ތިން ޝަރުތެއް ފުރިހަމަވާ ނަމަ އެ މީހެއްގެ މައްޗަށް މަރުގެ އަދަބު އިއްވަން ޖެހޭނެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނެބިސް ކަމުގައި ވުން،
  • އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވުން،
  • އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ ކެނެބިސް އަދި ޑައިމޯފިން ފިޔަވައި ޖަދުވަލު އެކެއްގައި ހިމެނޭ މަސްތުވާކެއްޗެއް ނަމަ 100 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކަމުގައިވުން،

ނަަމަވެސް ބިލްގައިވާގޮތުން މަރުގެ އަދަބު ކަނޑައެޅޭނީ އެ މީހަކު ދިވެހިރާއްޖެއަށް އެތެރެކުރި މަސްތުވާ އެއްޗަކީ އެ މީހަކު އެތެރެވިއިރު އެތެރެކުރި އެއްޗަކަށްވާ ނަމަ އެވެ.

ބިލުގައިވާ ގޮތުން މިފަދަ މައްސަލައެއްގައި މީހެއްގެ މައްޗަށް އަދަބު ކަނޑައެޅިއްޖެ ނަމަ އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަން ވާނެއެވެ.

ބިލުގައި ބުނަނީ، މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތުގެ މަތިން ހުކުމް ކުރުމުންނެވެ. ސުޕްރީމް ކޯޓުގެ ބެންޗުން އިއްތިފާގު ނުވާ ހާލަތުގައި އިއްވަން ޖެހޭނީ އުމުރަށް ޖަލަށްލުމާ އެކު 100,000 ރުފިޔާއިން ފެށިގެން 10,000,000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ހުކުމެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން އުމުރަށް ޖަލަށް ލުމަކީ 25 އަހަރަށް ޖަލަށް ލުމެވެ. ނަމަވެސް، ބިލަށް ކޮމިޓީން އިސްލާހު ގެނެސްފައިވާ ގޮތުގައި މި ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރަށް ޖަލަށް ލުން ކަމަށް ބުނެފައި ވަނ،ީ ޕެރޯލްގެ ދަށުން ދޫ ނުކުރެވޭ ގޮތަށް އަދި، މާފު ނުދެވޭ ގޮތަށް އެ މީހަކު އުމުރު ދުވަހަށް ޖަލަށް ލުމަށެވެ.

މި ގާނޫނުގައި އުމުރަށް ޖަލަށް ލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކީ އެއްވެސް ގޮތަކަށް އަދަބު މާފު ކޮށްދެވިގެން ނުވަތަ ލުއިކޮށްދެވިގެން ނުވާނެ ކުށްތަކެއް ކަމަށް ވެސް ބިލުގައި ވެއެވެ.

މިފަދަ މައްސަލަތަކުގައި ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ވެސް ވެގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.