އަންނަ އަހަރު އުތުރު އެމެރިކާގައި އޮންނަ ވޯލްޑް ކަޕް 2026 ގެ ގުރު ނެގުމުގައި، މިވަގުތު ދުނިޔޭ ރޭންކިންގެ އެންމެ ގަދަ ހަތަރު ޓީމަށް ހާއްސަ ކަމެއް ދީ، މުބާރާތުގެ ނޮކްއައުޓް ފުރަތަމަ ކޮޅުގައި ވާދަކުރަން ނުޖެހޭނެ ގޮތެއް ހޯދަން ފީފާއިން ނިންމައިފިއެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕް އެމެރިކާގެ އިތުރުން ކެނެޑާއާއި މެކްސިކޯގައި ބާއްވާ އިރު، މުބާރާތުގައި 48 ގައުމަކުން ވާދަކުރާނެއެވެ. މިއީ އެ އަދަދަށް ވޯލްޑް ކަޕެއްގައި ޓީމުތައް ވާދަކުރާ ފުރަތަމަ ފަހަރެވެ.

ވޯލްޑް ކަޕްގެ ގުރު ނެގުން އަންނަ މަހުގެ ފަސްވަނަ ދުވަހު އެމެރިކާގެ ވޮޝިންޓަންގައި އޮންނަ އިރު، ގިނަ ޓީމުތައް ވާދަކުރާތީ ގުރުގެ އުސޫލަށް ވަނީ ބަދަލެއް ގެނެސްފައެވެ. ފީފާއިން ބުނީ އެ ބަދަލު ގެންނަން ނިންމާފައި ވަނީ މުބާރާތުގެ ފައިނަލަށް ޓީމުތައް ދަތުރުކުރާ ދެފަޅި ހަމަހަމަ ކުރުމަށް ވިސްނައިގެން ކަމަށެވެ.

ފީފާއިން މިހާރު ނިންމާފައި ވަނީ ދުނިޔޭގެ އެއްވަނައިގައި އޮތް ސްޕެއިނާއި ދެވަނައިގައި އޮތް ދުނިޔޭ ޗެމްޕިއަން އާޖެންޓީނާ ދެ ފަޅީގެ ދެ ގްރޫޕަށް ލުމަށެވެ. އަދި ހަމައެހެން ތިންވަނައިގައި އޮތް ފްރާންސާއި ހަތަރު ވަނައިގައި އޮތް އިންގްލެންޑަށްވެސް ގުރު ނެގުމުގައި އެ އުސޫލުން އަމަލުކުރަން ވަނީ ނިންމައިފައެވެ.

ފީފާއިން އެގޮތަށް ގުރު ނަގަން ނިންމާފައި ވަނީ އެއްވަނައާއި ދެވަނަ ޓީމު، ތިންވަނައާއި ހަތަރު ވަނަ ޓީމު، ފައިނަލުގެ ކުރިން ނޮކްއައުޓް ބުރުގައިވެސް ވާދަކުރަން ނުޖެހޭނެ ކަހަލަ ގޮތެއް ހޯދުމަށެވެ. އެހެން ނަމަވެސް އެގޮތަށް އެކަން ހިނގާނެ ހާލަތަކީ އެ ހަތަރު ޓީމުން ގްރޫޕްތަކުގެ އެއްވަނަ ހޯދައިފިނަމަ އެކަންޏެވެ.

މިފަހަރުގެ ވޯލްޑް ކަޕް ގުރުވެސް ހަތަރު ޕޮޓަކަށް ބަހާލައިގެން ނަގާ އިރު، ޓީމުތައް ސީޑް ކުރާނީ ދުނިޔޭ ރޭންކިންނަށް ބަލައިގެންނެވެ. އޭގެ އިތުރުން ބައްރުތަކުން ގްރޫޕްތަކަށް ދާ ޓީމުތައް މިފަަހަރުވެސް ލިމިޓް ކުރާނެއެވެ. ޔޫއެފާ ފިޔަވާ ދެން ހިމެނޭ އަނެއް ކޮންފެޑެރޭޝަންތަކުން، ކޮންމެ ގްރޫޕަކަށް ދާނީ ޓީމެކެވެ.

ޔޫއެފާއިން 16 ގައުމު ވާދަކުރާތީ، ގްރޫޕެއްގައި ދެގައުމު ހިމެނޭނެއެވެ.