ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި އެމެރިކާއިން ބޮސްނިއާ ބަލިކޮށް، ގަދަ 16 ޔަގީންކުރި މެޗުގައި ރަތް ކާޑު ދެއްކި އެމެރިކާގެ އިތުބާރު ފޯވަޑް ފޮލާރިން ބަލޮގަންއަށް ބެލްޖިއަމާ ދެކޮޅަށް ކުޅެވޭނެ ގޮތަށް ފީފާއިން އަދަބު ލުއިކޮށްދިން މައްސަލައިގައި އަދިވެސް އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާ ކަމަށް ބެލްޖިއަމްގެ ފުޓުބޯޅަ އިދާރާއިން ބުނެފިއެވެ.

އުމުރުން 25 އަހަރުގެ ބަލޮގަންއަށް އެ މެޗުގައި ރަތް ކާޑު ދެއްކީ ބޮސްނިއާގެ ޑިފެންޑަރު ޓަރިކް މުހަރެމޮވިޗް ފައިގެ ކުޑަހުޅު މައްޗަށް އެރުމުން، އެއީ ނުރައްކާތެރި ކުޅުމެއް ކަމަށް ނިންމައިފައެވެ. ކުއްލިއަކަށް އެ ރަތް ކާޑުގެ އެއް މެޗު ސަސްޕެންޝަން އަހަރެއް ދުވަހަށް ސަސްޕެންޑެޑް ބޭންއަކަށް ހަދަން ނިންމާފައިވުމާ އެކު އެކަމަށް ފާޑު ކިޔުންވެސް އަމާޒުވިއެވެ.

ބަލޮގަން ބެލްޖިއަމާ ދެކޮޅަށް ގަދަ 16 ގައި ކުޅުނު ނަމަވެސް އެމެރިކާ ވީ ބައްޔެވެ. ރަތް ކާޑު މައާފުކުރުމުގައި ޓްރަމްޕް ވަނީ ފީފާ ރައީސް ޖިއާނީ އިންފަންޓީނޯއަށް ފޯން ކޯލެއް ކުރައްވައިފައެވެ. އަދި ޓްރަމްޕް އެވާހަކަ ވެސް ދައްކަވާފައި ވެސް ވެއެވެ.

އެ ވާހަކައިގެ ތެރެއިން ޓްރަމްޕް ވިދާޅުވެފައި ވަނީ އެއީ ފައުލެއް ނޫން ކަމަށާއި އޭނާ ރިޕްލައި ބެލި ކަމަށެވެ. އަދި އެ "ރެފްރީގެ ފަތިފުށް ބެލީމަ ޝައްކުވާ ކަންކަން ފެންނާނެ،" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެ މައްސަލައިގައި ރޯޔަލް ބެލްޖިއަމް ފުޓްބޯލް އެސޯސިއޭޝަން (އާރްބީއެފްއޭ) އާއި ޔޫއެފާއިންވެސް ޝަކުވާ އުފުލާފައިވެއެވެ. އެ މައްސަލައިގައި ސީދާ ޖަވާބެއް ދޭން ފީފާއިން ދެކޮޅު ހެދި ކަމަށް ބެލްޖިއަމުން ބުނެފައިވާ އިރު، އެގައުމުން މިހާރު އެދިފައި ވަނީ އެ މައްސަލަ އަންނަ އޮކްޓޯބަރު މަހު 15 ގައި އޮންނަ ފީފާގެ ކައުންސިލް ބައްދަލުވުމަށް ހުށަހަޅައިދިނުމަށެވެ.

އާރްބީއެފްއޭގެ ރައީސް ޕަސްކޭލް ވެން ޑޭމް ވިދާޅުވީ ވޯލްޑް ކަޕަށްފަހު މިހާރު ދެ މަސް ވެގެން ގޮސްފައިވާ އިރު، އަދިވެސް އެކަށީގެންވާ ޖަވާބެއް ފީފާއިން ނުދޭ ކަމަށެވެ. އަދި އެކަމުގައި ނިންމުން ނިންމަން ބެލި ކަންކަމާއި އެ ޕްރޮސެސް ހިނގާ ދިޔަގޮތް ދެފުށް ފެންނަ ގޮތަކަށް ސާފުކޮށްދޭން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވޯލްޑް ކަޕަށްފަހުވެސް ފީފާގެ ފެއިލްވި އިންވެސްޓްމަންޓް ޕްލޭނާ ހެދި، ޔޫއެފާއާއި އޭއެފްސީގެ އިތުރުން އެހެން ބައެއް ބައްރުތަކުންވެސް ފީފާގެ ރައީސް އިންފަންޓީނޯއާ ދެކޮޅަށް އަޑު އުފުލާފައިވާ އިރު، މައްސަލަތަކުގައި ގޮތް ނިންމުމަށް ފީފާއިން ގެންގުޅޭ އުސޫލު މިހާރު ސާފު ނުވާ ކަމަށް ޔޫއެފާއިންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި މުސްތަގުބަލުގައިވެސް އެފަދަ ރަތް ކާޑުތަކުގައި ގޮތް ނިންމަން ފީފާގެ މައްސަލަ ނިންމުމުގެ މަރުހަލާ ސާފުވާން ޖެހޭ ކަމަށް ބެލްޖިއަމާއި ޔޫއެފާއިން ބުނެފައިވެއެވެ.

ބަލޮގަންއަށް ދެއްކި ރަތް ކާޑަކީ ވޯލްޑް ކަޕް ތާރީހުގެ 189 ވަނަ ރަތް ކާޑެވެ. އޭނާއަކީ ރަތް ކާޑުގެ ސަސްޕެންޝަނުން ސަލާމަތްވި ދެވަނަ ކުޅުންތެރިޔާއެވެ. ކުރިން 1962 ވަނަ އަހަރު ބްރެޒިލްގެ ގަރިންޗާ ވަނީ ރަތް ކާޑު ސަސްޕެންޝަނަކުން ސަލާމަތްވެފައެވެ.