ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި އެމެރިކާއިން ބޮސްނިއާ ބަލިކޮށް، ގަދަ 16 ޔަގީންކުރި މެޗުގައި ރަތް ކާޑު ދެއްކި އެމެރިކާގެ އިތުބާރު ފޯވަޑް ފޮލާރިން ބަލޮގަންއަށް ބެލްޖިއަމާ ދެކޮޅަށް ކުޅެވޭނެ ގޮތަށް ފީފާއިން އަދަބު ލުއިކޮށްދިނުމާ ގުޅިގެން، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން ގަވާއިދު އިސްލާހުކުރަން މަސައްކަތް ކުރާ ކަމަށް ނޫސްތައް ބުނެފިއެވެ.
އުމުރުން 25 އަހަރުގެ ބަލޮގަންއަށް އެ މެޗުގައި ރަތް ކާޑު ދެއްކީ ބޮސްނިއާގެ ޑިފެންޑަރު ޓަރިކް މުހަރެމޮވިޗް ފައިގެ ކުޑަހުޅު މައްޗަށް އެރުމުން، އެއީ ނުރައްކާތެރި ކުޅުމެއް ކަމަށް ނިންމައިފައެވެ. ކުއްލިއަކަށް އެ ރަތް ކާޑުގެ އެއް މެޗު ސަސްޕެންޝަން އަހަރެއް ދުވަހަށް ސަސްޕެންޑެޑް ބޭންއަކަށް ހަދަން ނިންމާފައިވުމާ އެކު އެކަމަށް ފާޑު ކިޔުންވެސް އަމާޒުވިއެވެ.
ބަލޮގަން ބެލްޖިއަމާ ދެކޮޅަށް ގަދަ 16 ގައި ކުޅުނު ނަމަވެސް އެމެރިކާ ވީ ބައްޔެވެ. ރަތް ކާޑު މައާފުކުރުމުގައި ޓްރަމްޕް ވަނީ ފީފާ ރައީސް ޖިއާނީ އިންފަންޓީނޯއަށް ފޯން ކޯލެއް ކުރައްވައިފައެވެ. އަދި ޓްރަމްޕް އެވާހަކަ ވެސް ދައްކަވާފައި ވެސް ވެއެވެ.
އެ ވާހަކައިގެ ތެރެއިން ޓްރަމްޕް ވިދާޅުވެފައި ވަނީ އެއީ ފައުލެއް ނޫން ކަމަށާއި އޭނާ ރިޕްލައި ބެލި ކަމަށެވެ. އަދި އެ "ރެފްރީގެ ފަތިފުށް ބެލީމަ ޝައްކުވާ ކަންކަން ފެންނާނެ،" ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އެ މައްސަލައިގައި ރޯޔަލް ބެލްޖިއަމް ފުޓްބޯލް އެސޯސިއޭޝަން (އާރްބީއެފްއޭ) އާއި ޔޫއެފާއިންވެސް ޝަކުވާ އުފުލާފައިވެއެވެ. އެ މައްސަލައިގައި ސީދާ ޖަވާބެއް ދޭން ފީފާއިން ދެކޮޅު ހެދި ކަމަށް ބެލްޖިއަމުން ބުނެފައިވާ އިރު، އެގައުމުން މިހާރު އެދިފައި ވަނީ އެ މައްސަލަ އަންނަ އޮކްޓޯބަރު މަހު 15 ގައި އޮންނަ ފީފާގެ ކައުންސިލް ބައްދަލުވުމަށް ހުށަހަޅައިދިނުމަށެވެ.
ނޫސްތައް ބުނެފައި ވަނީ ދެން އެންމެ އަވަހަށް އޮންނަ ފީފާ ކައުންސިލް ބައްދަލުވުމުގައި އެފަދަ ރަތް ކާޑުތަކަށް މައާފު ނުދެވޭނެހެން ގަވާއިދަށް އިސްލާހު ގެންނަން ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. ފީފާ މެމްބަރު 37 ގައުމަކުން ކައުންސިލް ބައްދަލުވުމުގައި އެންމެ އަވަހަށް އިށީންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
ބަލޮގަންގެ ރަތް ކާޑު މައާފުކުރުމުގެ އިތުރުންވެސް ގިނަ ކަންތައްތަކަކާހެދި ފީފާގެ ރައީސް އިންފަންޓީނޯ އަށް ޕްރެޝަރު ބޮޑުވެފައިވާ އިރު، އެ ގަވާއިދަށް ބަދަލު ގެންނަ ނަމަވެސް، އިންފަންޓީނޯއަށް އޮތް ޕްރެޝަރު ކުޑަ ނުވާނެ ކަމަށްވެސް ނޫސްތައް ބުނެއެވެ.
ފީފާ
ފީފާ
ފީފާ
ކޮމެންޓް