ފީފާގެ ފައިސާއަށް ހިޔާނަތްތެރިވި މައްސަލަ ރާއްޖެއަށް ނުބެލޭނެކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިޔާނާތާ ގުޅިގެން ދައުލަތުން ކުރާ ހިޔާނަތްތެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާ ރައްދުވާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލް ވިދާޅުވެއްޖެއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ބުނެފައިވަނީ އެ ދެ ދައުވާ އުފުލާފައިވަނީ ބައްސާމް، އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރި އިރު، އެ އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ހިޔާނާތްތެރިވެ، އެފްއޭއެމަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި އެމެރިކާ ޑޮލަރުން ދޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކުގެ އެކައުންޓުތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
އެގޮތުން ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އުފުލީ ބައްސާމް، އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެފައިވާތީއެވެ.
މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލީ އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމުގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން އަމީން ކޮންސްޓްރަކްޝަނަށް ޖީއެސްޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމުލަ 23 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކިއެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާތީއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ވަނީ ބައްސާމްގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅައިފައެވެ. އެ ހުށަހެޅުންތައް ހުށަހަޅުއްވައިދެއްވަމުން ބައްސާމުގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ ފީފާގެ ގަވާއިދުގައިވާ ގޮތުން ފީފާއިން ދޭ ފައިސާއެއްގެ މައްސަލަ ބެލެނީ ފީފާއަށް ކަމަށެވެ. ރާއްޖެއަށް އެ ފައިސާގެ މައްސަލައެއް ބެލެނީ ފީފާއިން އެ މައްސަލައެއް ބަލައިދިނުމަށް ރާއްޖޭގައި އެދުމުންކަމަށް ޝާއިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފީފާއިން އަދި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީންވެސް އެފަދަ މައްސަލައެއް ބަލަން ފުލުހަށް ނުވަތަ ޕްރޮސިކިއުޝަނަށް ހުށަހަޅާފައިނުވާ ކަމަށެވެ.
ޝާއިރު ވިދާޅުވީ ފީފާގެ ފައިސާގެ މައްސަލަތަކާއި މިފަދަ އެހެން މައްސަލަ ބެލުމަށް ފީފާއިން ވަނީ އެތިކަލް ކޮމިޓީއެއް ގާއިމުކޮށްފައިވާ ކަމަށާއި އަދިި އެފަދަ މައްސަލަ ބެލުމަށް ސްޕޯޓްސް އާބިޓްރޭޝަން ފަދަ މުއައްސަސާތައް ހުންނަ ކަމަށެވެ.
ފީފާގެ އެތެރޭގެ އިންތިހާބަކާ ގުޅިގެން 2012 ވަނަ އަހަރުގެ ތެރޭގައި ސޯޝަލް ސެންޓަރުގައި ހިންގި މާރާމާރީއެއްގެ މައްސަލަ ނުބަލަން ފުލުހުން ނިންމާފައިވާކަން ޝާއިރު ފާހަގަކުރެއްވިއެވެ.
ވަކީލަށްފަހު ވާހަކަދައްކަވަމުން ބައްސާމްވެސް ވިދާޅުވީ އެފްއޭއެމްއަށް، ފީފާއިން ދޭ ފަންޑެއްގެ މައްސަލަ ބަލާނީ ފީފާގެ އެތެރެއިން ކަމަށެވެ. ފީފާއިން އެދިގެން ނޫން ގޮތަކަށް އެހެން ބަޔަކަށް އެ މައްސަލައެއް ނުބެލޭނެކަމަށް ބައްސާމް ވިދާޅުވިއެވެ.
"އެ ގައުމެއްގެ ޖުޑިޝަލް ނިޒާމުގެ ތެރެއިން ބަލާ ކަންކަމެއް ނޫން މިއީ. މީގެ ކުރިން ފީފާއިން ވެސް މި މައްސަލަ ބަލާފައިވޭ. އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީން ސަސްޕެންޑް ވެސް ކުރި. ނަމަވެސް މައްސަލަ ބަލާފައި މައްސަލަ ނެތް ކަމަށް ނިންމާފައި އޮތީ،" ބައްސާމް ވިދާޅުވިއެވެ.
އެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވީ ރާއްޖޭގައި ހިނގާ ޖިނާއީ ކަންކަން ބެލުމުގެ އިހުތިސޯސް ރާއްޖެއަށް ލިބިގެންވާ ކަމަށާއި މި މައްސަލައަކީ އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވި މައްސަލައެއް ކަމަށެވެ.
ދައުލަތުން ވިދާޅުވީ ރާއްޖޭގެ ގާނޫނުތައް ނުހިނގާނެ ގޮތަށް ފީފާއާއި ފީފާގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމުން އުފައްދާފައިވާ އެފްއޭއެމްއަށް ޑިޕްލޮމެޓިކް އިމްތިޔާޒެއް ނުވަތަ ޑިޕްލޮމެޓިކް އިމުޔުނިޓީއެއް ލިބިދީފައިނުވާ ކަމަށެވެ. އެފަދަ އެއްބަސްވުމެއްގައި ނުވަތަ މުއާހަދާއެއްގައިވެސް ރާއްޖެއިން ސޮއިކޮށްފައިނުވާކަން ދައުލަތުން ފާހަގަކުރެއްވިއެވެ.
މި މައްސަަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހުވެސް ތާއީދުކުރެއްވީ ދައުލަތުގެ ވާހަކަތަކަށެވެ.
އެގޮތުން ގާޒީ ވިދާޅުވީ ފީފާގެ ގަވާއިދުތަކަށްވުރެ ބޮޑަށް ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ކޯޓަށް އިސްވާނެ ކަމަށެވެ. ގާޒީ ވިދާޅުވީ އެފްއޭއެމްގެ ހިޔާނާތާ ގުޅިގެން ކުރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތްތަކަށް ފީފާއިންވެސް އަދި އެފްއޭއެމުންވެސް މިހާތަނަށް ދެކޮޅު ހަދާފައިނުވާ ކަމަށެވެ.
ގާޒީ ވިދާޅުވީ ކޯޓުގެ ޝަރީއަތްތަކާ ގުޅިގެން ފީފާއިން ވަކި އެއްޗެއް ނުބުނުމުން ދޭހަވަނީ މިއީ ފީފާގެ އިޖުރާއަތްތަކާ ހިލާފަށް ކުރިއަށްދާކަމެއް ނޫންކަން ކަމަށެވެ.
ބައްސާމުގެ ފަރާތުން އެ ހުށަހެޅި ހުށަހެޅުން ގާޒީ ބަލައިނުގަތުމުން އޭނާގެ ވަކީލު އަލީ ޝާހު ވިދާޅުވީ ގާޒީގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. އެހެންވެ ގާޒީގެ ނިންމެވުން މިއަދު ލިޔުމުން ދޫކުރުމަށް ޝާހު އެދިވަޑައިގަތެވެ.
ނަމަވެސް ގާޒީ ވިދާޅުވީ ކޯޓުގެ ރަސްމީ މަސައްކަތުގެ ގަޑި ހަމަވެފައިވާތީ އެ ލިޔުން މިއަދު ދޫނުކުރެވިދާނެ ކަމަށާއި އަޑުއެހުން ނިމޭތާ 24 ގަޑިއިރުގެ ތެރޭގައި އެ ލިޔުން ދޫކުރާނެ ކަމަށެވެ.
ބައްސާމުގެ މައްޗަށް ދައުލަތުން މީގެކުރިން ކޮށްފައިވާ ހިޔާނާތުގެ ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއެއް ސާބިތުވުމުގެ ސަބަބުން މިހާރުވެސް ދަނީ ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެ ދެ ދައުވާއަކީވެސް އެފްއޭއެމްގެ ހިޔާނާތާ ގުޅިގެން ކުރި ދެ ދައުވާއެކެވެ.
މުހައްމަދު އިޝާން
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް
ދައުލަތުގެ މުއައްސަސާ އަކުން ވައްކަން ކޮށްފަ ކޮން ވާހަކައެއް..އެފްއޭއެމް އެއީ ބައްސާމުގެ ތަރިކައިގައި ހިމެނޭ ތަނެއްތަ؟
ހުދުހުދު - 7 މަސް ކުރިން