ގައުމީ ޓީމުގައި ކުޅެނިކޮށް ލިބުނު އަނިޔާގެ ސަބަބުން ކިލިއަން އެމްބާޕޭ އެނބުރި ރެއާލް މެޑްރިޑަށް ދާން ނިންމާފައިވާ ކަމަށް ފްރާންސްގެ ކޯޗު، ޑިޑިއޭ ޑިޝޭމްޕްސް ބުނެފިއެވެ.

އުމުރުން 26 އަހަރުގެ ފްރާންސް ކެޕްޓަން އެމްބާޕޭއަށް އަނިޔާވީ ރޭ އެގައުމުން އަޒަރްބައިޖާނާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުގައެވެ. އެމެޗުގެ 83 ވަނަ މިނެޓުގައި އެމްބާޕޭއަށް އަނިޔާވެ ބާލަން ޖެހިފައިވާ އިރު، އޭނާއަށް ކުރިމަތިވީ ކުޑަހުޅުގެ އަނިޔާއެކެވެ.

ރޭގެ މެޗުގައި ފްރާންސުން 3-0 އިން އަޒަރްބައިޖާން ބަލިކޮށް، ތާވަލުގެ އެއްވަނަ ދަމަހައްޓާފައިވާ އިރު، އެމެޗުގައިވެސް އެމްބާޕޭ ވަނީ ގޯލެއް ޖަހައި އެސިސްޓެއްވެސް ފުރިހަމަ ކޮށްދީފައެވެ.

މިހާތަނަށް މި ސީޒަނުގައި އެމްބާޕޭ ފެންނަނީ ވަރުގަދަ ފޯމެއްގައިވެސް މެއެވެ. ރެއާލަށް ކުޅުނު 10 މެޗުން އޭނާ ވަނީ 14 ގޯލް ކާމިޔާބު ކޮށްފައެވެ.

ފްރާންސް ކޯޗު، ޑިޝޭމްޕްސް ބުނީ އަނިޔާގެ ސަބަބުން އެމްބާޕޭއަށް ފްރާންސް ސްކޮޑު ދޫކޮށްލައި، އެނބުރި ކްލަބަށް ދާން ހުއްދަ ދީފައިވާ ކަމަށެވެ. ގައުމީ ޓީމުން އެކަން ޔަގީންކޮށްދިން ނަމަވެސް، އަނިޔާގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި އެމްބާޕޭއަށް ލިބުނު އަނިޔާގެ ތަފްސީލު އެނގޭނީ ކްލަބަށް ގޮސް، އިތުރު ޓެސްޓްތަކާއި ސްކޭންތައް ހެދުމަށްފަހުއެވެ.