މިރޭ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ޗެލްސީން އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ބެންފިކާއާ ދެކޮޅަށް ނުކުންނަ އިރު، މިހާރު ބެންފިކާގައި ހުރި ކޯޗު ޖޯސޭ މޮރީނިއޯއަށް ސްޓެމްފޯޑް ބްރިޖުން މަރުހަބާ ކިޔަން ތައްޔާރު ކަމަށް ޗެލްސީ ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.

މޮރީނިއޯއަކީ ޗެލްސީގެ ތާރީހު ދުށް އެންމެ މޮޅު އެއް ކޯޗެވެ. އޭނާ ވަނީ 2004އިން 2007 އަކަށް އަދި 2013 އިން 2015 އަށް ޗެލްސީއަށް ކޯޗުކަން ކޮށްދީ، އެ ކްލަބާއެކު ތިން ޕްރިމިއާ ލީގު ހޯދައިފައެވެ. އޭރު މޮރީނިއޯއަކީ ގިނަ ބައެއްގެ ނަޒަރުގައި ޔޫރަޕްގެ އެންމެ ވަރުގަދަ ކޯޗެވެ.

މިވަގުތު މޮރީނިއޯ ހުރީ އޭނާގެ ކޯޗިން ކެރިއަރު ފެށި ކްލަބު ބެންފިކާގެ ކޯޗުކަމުގައެވެ. ދާދިފަހުން އެ ކްލަބާ ހަވާލުވި ކޯޗު މޮރީނިއޯއަށް ޗެލްސީ ދަނޑު އަދިވެސް ހާއްސަވާ އިރު، ޕްރި މެޗު ޕްރެސްގައި އޭނާ ބުނީ އަބަދުވެސް ޗެލްސީއަށް ލޯބިކުރާ ކަމަށެވެ.

"އަހަންނަކީ އަދިވެސް ނޫކުލައަށް (ޗެލްސީއަށް) ލޯބިކުރާނެ މީހެއް. ޗެލްސީ ދަނޑަކީ އަބަދުވެސް ހޯމް ދަނޑެއްގެ އިހުސާސް ކުރެވޭނެ ދަނޑެއް. އަހަންނަކީ ޗެލްސީ ތާރީހުގެ ބައެއް، ޗެލްސީއަކީ އަހަރެންގެ ތާރީހުގެ ބައެއް. އަބަދުވެސް އެކަންކަން ހާއްސަ ވާނެ. އަހަރެން މޮޅު ކޯޗަކަށް ހަދަން ޗެލްސީ އެހީވި، ޗެލްސީ ބޮޑު ކްލަބަކަށް ހަދަން އަހަންނަށް އެހީވެވުނު،" މޮރީނިއޯ ބުންޏެވެ.

ޗެލްސީ ކޯޗު މަރެސްކާ އެ ވާހަކަތަކަށް ބުނީ މޮރީނިއޯއަކީ މުޅި ފުޓުބޯޅައިގެ ލެޖެންޑެއް ކަމަށާއި، ޗެލްސީން އަބަދުވެސް އޭނާއަށް ކިޔާނީ ހޫނު މަރުހަބާއެއް ކަމަށެވެ.

"އަހަރެން އަމިއްލަ ވިސްނުމުން ގަބޫލުކުރާއިރުވެސް މޮރީނިއޯއަކީ މި ކްލަބުގެ ލެޖެންޑެއް. އޭގެ އިތުރުން އިޓަލީގައިވެސް އޭނާއަކީ ލެޖެންޑެއް. އެއީ އިންޓަ މިލާނާއެކު ހޯދި ޓްރެބަލްއާއެކު. މޮރީނިއޯ މިހާރު ސާބިތުކޮށްދީފި، އޭނާއަކީ މުހިއްމު ކޯޗެއްކަން. އެހެންވީމަ އެކަމަށް އިތުރު ވާހަކައެއް ނޯންނާނެ. މި ކްލަބުން އޭނާއަށް އަބަދުވެސް ކިޔާނީ ފުރިހަމަ މަރުހަބާއެއް،" އިޓަލީއަށް ނިސްބަތްވާ މަރެސްކާ ބުންޏެވެ.

މަރެސްކާ ބުނީ ޗެމްޕިއަންސް ލީގުގެ ކޮންމެ މެޗަކީވެސް ވަރުގަދަވާނެ މެޗެއް ކަމަށާއި، ޗެމްޕިއަންސް ލީގުގެ ފެންވަރު އަބަދުވެސް މަތިވާނެ ކަމަށެވެ.