އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑް އަދި ލިވަޕޫލުން ކުޅުނު މެޗުތަކުންވެސް ބަލިވި އިރު، މެންޗެސްޓާ ސިޓީން ތަފާތު ބޮޑުކޮށް ބާންލީ ބަލިކޮށްފިއެވެ.

މިހާތަނަށް ހުރިހާ މެޗަކުން މޮޅުވަމުން އައި ލިވަޕޫލުން ސީޒަނުގެ ފުރަތަމަ ބައްޔާ ކުރިމަތިލާން ޖެހިފައިވާ އިރު، އެޓީމު މިރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލެސް ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑުން މިރޭ ބްރެންޓްފޯޑު ކައިރިން ރަށުން ބޭރުގައި 3-1 އިން ބަލިވި އިރު، ޗެލްސީން އަމިއްލަ ދަނޑުގައި ބްރައިޓަން އަތްދަށުވީ 3-1 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑުން މިއަދުގެ މެޗަށް ނުކުތީ އެންމެފަހުން ލީގުގައި ކުޅުނު މެޗުގައި ޗެލްސީ ބަލިކޮށްފައި އޮވެގެންނެވެ. އެހެންނަމަވެސް އެޓީމުގެ ފޯމު އޮތީ އެންމެ ރަނގަޅަކަށް ނޫނެވެ. މިހާތަނަށް އާ ކޯޗު ރުބެން އަމޯރިމް ކްލަބާ ހަވާލުވިފަހުން، ލީގުގައި ޖެހިޖެހިގެން ދެ މެޗުން މޮޅުވެފައި ނުވާ އިރު، ފުރަތަމަ 20 މިނެޓް ތެރޭގައި އެޓީމު ކޮޅަށް ދެ ގޯލު ވަދެފައިވެއެވެ.

ބްރެންޓްފޯޑަށް އެ ދެގޯލުވެސް ކާމިޔާބުކޮށްދިނީ އީގޯ ތިއާގޯއެވެ. ތިއާގޯގެ ދެވަނަ ގޯލަށް ހަ މިނެޓް ހިނގިތަނާ ބެންޖަމިން ސެސްކޯ ގޯލެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، ދެވަނަ ހާފުގައި މެޗު އެއްވަރުކުރުމަށް ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ބްރޫނޯ ފެނާންޑޭޒް އަތުން ވީ ނާކާމިޔާބެވެ.

ބްރެންޓްފޯޑުން މެޗުން ތިން ޕޮއިންޓް ޔަގީންކުރީ ފަހުވަގުތު މަތިއަސް ޖެންސެން ޖެހި ގޯލާވެސް އެކުގައެވެ.

ޗެލްސީން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ރަނގަޅަށް ފަށާފައިވާ އިރު، 24 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް ބޮލުން ޖެހި ގޯލުން އެޓީމު ލީޑު ނެގިއެވެ.

އެންމެފަހުން ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ރަތް ކާޑަކާ ކުރިމަތިލާން ޖެހުނު ޗެލްސީއަށް މިރޭގެ މެޗުވެސް އުނދަގޫވީ، 53 ވަނަ މިނެޓުގައި ޓްރެވޯ ޗަލޯބާއަށް ދެއްކި ރަތް ކާޑުންނެވެ.

އެހިސާބުން ޗެލްސީއަށް އިތުރު ވިސްނުންތަކަކަށް ދާން ޖެހިފައިވާ އިރު، 77 ވަނަ މިނެޓުގައި ޑެނީ ވެލްބެކް ޖެހި ގޯލުން ބްރައިޓަން ހިތްވަރު އާކުރިއެވެ. އެއާއެކު މެޗުގެ އޮއިވަރު ބަދަލުވެގެން ގޮސް، އިތުރު ވަގުތަށް ދެއްކި 11 މިނެޓްގެ ތެރޭގައި އިތުރު ދެ ގޯލު ޖެހިއެވެ.

އޭގެ ތެރެއިން ފުރަތަމަ ގޯލު، ކޯނަރެއްގައި މެކްސިމް ޑެ ކިއުޕާ ޖެހި އިރު، އަނެއް ގޯލު ޖެހީ ވެލްބެކެވެ.

ޗެލްސީން ކުޅުނު މެޗުގެ ތެރެެއިން --- ފޮޓޯ/ ރޮއިޓާސް

ރަނގަޅު ފޯމެއްގައި ސީޒަން ފަށައިގެން، ފަހުވަގުތު ގޯލުތައް ޖަހައި، މޮޅުވަމުން އައި ލިވަޕޫލްވެސް މިރޭ މަޑުޖެހިލާފައިވާ އިރު، އެޓީމުން ކުޅުނު މެޗުގެ ކުރީކޮޅުގައި ޕެލެސްއިން ލީޑު ނެގިއެވެ. ނުވަވަނަ މިނެޓުގައި އިސްމައިލާ ސާ ޖެހި ގޯލުން ޕެލެސް ލީޑު ނެގި އިރު، އޭގެފަހުންވެސް ނުރައްކާކުރީ ޕެލެސްއެވެ.

ޔެރެމީ ޕިނޯއާއި ޑެނިއަލް މުނޯޒްގެ އިތުރުން ޖީން-ފިލިޕް މަޓެޓާގެ ހަމަލާތައް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ މަތަކުރި އިރު، ހާފު ނިމެން ދަނިކޮށް މަޓެޓާ ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.

ދެވަނަ ހާފުގައި ލިވަޕޫލުން ގޯލަކަށް ކުރި މަސައްކަތުގައި 125 މިލިއަން ޕައުންޑްގެ ފޯވަޑް އެލެކްސެންޑާ އިސާކަށް ލިބުނު ފުރުސަތު އޭނާ ނަގާލި އިރު، އެއްވަރުކުރީ ބަދަލަކަށް ނުކުތް ފެޑަރީކޯ ޗިއޭސާއެވެ. 87 ވަނަ މިނެޓުގައި ޗިއޭސާ އެއްވަރުކުރުމުން، އަނެއްކާވެސް ލިވަޕޫލުން ފަހުވަގުތު މޮޅުވާނެ ކަމަށް ބެލެވުނެވެ.

އެހެން ނަމަވެސް، މިރޭގެ މެޗުގައި ކަން ހިނގީ އެއާ އިދިކޮޅަށެވެ. އެޑީ އެންކެޓިއާ، މެޗުގެ ފަހު ސިކުންތުގައި ގޯލު ޖަހައި ޕެލެސްއަށް މުހިއްމު މޮޅެއް ޔަގީން ކޮށްދިނެވެ.

މެންޗެސްޓާ ސިޓީން މިރޭ ބާންލީއާ ދެކޮޅަށް ކުޅެ، 5-1 ގެ ނަތީޖާއަކުން މޮޅުވި އިރު، އެމެޗުގައި މެކްސިމް އެސްޓެވޭ އަތުން ބައިކޮޅަށް ދެ ގޯލު ވަނެވެ. އޭގެ އިތުރުން ސިޓީގެ އާލިން ހާލަންޑް ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ މަތެއަސް ނުނޭޒެވެ.

މެޗުގައި ބާންލީގެ ހަމައެކަނި ގޯލު ޖެހީ ޖައިޑޮން އެންތަނީއެވެ.

ބަލިވި ނަމަވެސް ހަ މެޗުން 15 ޕޮއިންޓާއެކު ލިވަޕޫލް އެއްވަނައިގައި އޮތް އިރު، ޕެލެސް ދެވަނައިގައި އޮތީ 12 ޕޮއިންޓާއެކުގައެވެ. ބޯންމައުތު، ހަ މެޗުން 11 ޕޮއިންޓާއެކު ތިންވަނައިގައި އޮތް އިރު، މިރޭ މޮޅުވި މެންޗެސްޓާ ސިޓީ ހަތަރެއްގައި އޮތީ ހަ މެޗުން 10 ޕޮއިންޓާއެކުގައެވެ.

ޗެލްސީ މިވަގުތު ހަ މެޗުން އަށް ޕޮއިންޓާއެކު އަށް ވަނައިގައި އޮތް އިރު، ޔުނައިޓެޑް އޮތީ 14 ވަނައިގައެވެ. އެއީ ހަ މެޗުން ހަތް ޕޮއިންޓާއެކުގައެވެ.