މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު ނަމަވެސް، އަހުމަދު ތޯރިގު (ޓޮމް) އަކީ ދިވެހީންނަށް ފުޓުބޯޅައިގެ ނަމެކެވެ. ސިޔާސީ ކޮންމެ ކުލައެއްގެ ޕޯޑިއަމެއްގައި ހުއްޓަސް، ތޯރިގަކީ ދިވެހީންގެ ފޯވަޑެކެވެ. އެއީ މާ ކުރިން ދެވުނު ލޯތްބެކެވެ. އެއީ ރަތް ޖާޒީގައި ބޯޅަ ކުޅެ، އެ ޖާޒީގައި ގޯލު ޖަހައި، ގައުމަށް ގެނެސްދިން ހިނިތުންވުމަށް ދިން ލޯތްބެކެވެ. އެ ލޯބީގައި މީގެ ކުރީންވެސް ފުޓުބޯޅަ ހިންގުން ތޯރިގު އަތަށް ދިނެވެ. އެފަހަރު ކަންތައް ދިޔައީ "ސަހަލަކު ގޮތަކަށް" ނޫނެވެ. އެފަހަރު ތޯރިގަށް ޖެހުނީ "ކޮޅިގަނޑެއް" ގައެވެ. ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ޖެނެރަލް ސެކްރެޓަރީގެ މަގާމުން ވަކިކުރެއްވުމުގެ މައްސަލައިގައި، އޭރުގެ އެކްސްކޯ ތޯރިގު އެކަނިކޮށްފައި، އިސްތިއުފާ ދިނީއެވެ.

އެއީ ތޯރިގުއާއި ބައްސާމާ ފުޓުބޯޅައިގެ "ޖެހުނު ހިސާބު" ކަމަށް ބުނެވިދާނެއެވެ. އެފަހަރު ތޯރިގުގެ އެކްސްކޯގައި ހިމެނޭ ފަސް މެންބަރުން އެއްފަހަރާ އިސްތިއުފާ ދިނުމުން، ތޯރިގަށް މަގާމު ގެއްލުނެވެ. އެއީ އެންމެ ތިން މަސް ވީތަނާއެވެ. ދެން އައި އިންތިހާބުގައި ބައްސާމާއި ތޯރިގު ވާދަކޮށް، ބައްސާމް ފުޓުބޯޅަ އަތުލިއެވެ. އެހިސާބުން މިއަދާ ހަމައަށް ވީ އެއްޗެއް ވީއެވެ. ތޯރިގު ހުރީ މަޖިލީސް މެންބަރެއްގެ ގޮތުގައެވެ. އެފްއޭއެމްގެ ވާހަކަ ބައެއް ފަހަރު ދައްކަވާ ނަމަވެސް، ބޮޑަށް އުޅުއްވީ ސިޔާސީ މަސައްކަތުގައެވެ.

10 ޑިސެމްބަރު 2021: މާލެ، މަހިބަދޫ ދާއިރާގެ މެމްބަރު ޓޮމް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން

އެހެން ނަމަވެސް، ބައްސާމުގެ އޮއްސުމަށް ތޯރިގު ބައްލަވަމުން ގެންދެވިއެވެ. އެ ދަނޑިވަޅުގައި ފީފާއާއި އޭއެފްސީއާވެސް މަޝްވަރާކޮށް، ފުޓުބޯޅަ ރިފޯމް ކުރުމުގެ އިސް ދައުރެއް ތޯރިގު ކުޅުއްވިއެވެ. އެއީ އަދި ކްލަބުތަކުގެ ތާއީދު ބައްސާމަށް އޮއްވައެވެ. އެ ހާލަތު ބަދަލުކޮށް، އެންމެފަހުން މިދިޔަ ހަފުތާގައި ރައީސް ކަމަށް އިންތިހާބުވީ، މެންބަރު ހުރިހާ ކްލަބެއްގެ ތާއީދާއެކުގައެވެ. އެންމެފަހުން ފާސްކުރި އަސާސީ ގަވާއިދުގައިވާ 23 ކްލަބުގެ ސޮއިވެސް ތޯރިގު ހޯދިއެވެ. އެއީ ފުރަތަމަ ޑިވިޝަނުގެ 10 ކްލަބާއި ދެވަނަ ޑިވިޝަނުގެ 13 ކްލަބުގެ ސޮޔެވެ.

ތޯރިގު އެފްއޭއެމްގެ ރައީސް ކަމަށް އަލުން އައުން ވެގެންދިޔައީ އުންމީދަކަށް ކަމަށް ގިނަ ބަޔަކު ބުނެއެވެ. އެއީ މެޖޯރިޓީ ހިޔާލެވެ. ރަނގަޅެވެ. އެފްއޭއެމް އޮތް ހާލަތުން، އެހެން ކޮންމެ މީހަކު އެކަމައިގެން އުޅޭތަން ބަލަންވެސް ސަޕޯޓަރުން ތިބީ ބޭނުންވެފައެވެ. ބައްސާމަށް ކުރިމަތި ނުލެވޭނެ ގޮތަކަށް އިންތިހާބު ބައްޓަން ކުރުން އެއީ އެކަމުގެ ހެއްކެއް ކަމަށް ވެދާނެއެވެ. ނޯމަލައިޒޭޝަން ކޮމިޓީން އިންތިހާބަށް އިއުލާނުކުރި ގޮތުން ބައްސާމަށް ކުރިމައްޗެއްވެސް ނުލެވުނެވެ.

ކޮންމެއަކަސް، ތޯރިގާއެކު ކުރިއަށް ދާން ކްލަބުތައް ބޭނުންވެ، އެގޮތަށް އެކަން ކޮށްފައިވާ އިރު، އަސާސީ ގަވައިދަށް އިސްލާހު ގެނައި ހިސާބުން، އަތޮޅު ފުޓުބޯޅައިގެ "އަޑަށް" ވަކާލާތުކުރާ ބަޔަކަށް ފާޑު ކިޔަން ޖާގަ ލިބި، އެ ފާޑުވެސް ވަނީ ކިޔައިފައެވެ. އެހެން ނަމަވެސް، ތޯރިގުގެ އެންމެ ބޮޑު ވައުދަކީ ކުޅިވަރު ގާނޫނަށް ގެނައި އިސްލާހާވެސް އެއްގޮތަށް، ރީޖަނަލް އެސޯސިއޭޝަންތަކެއް ގާއިމުކުރުމުގެ ވައުދެވެ. ތޯރިގު އެކަމަށް ބޭނުންވި ނަމަވެސް، މި ހާލަތުގައި އަދި ވޯޓު އޮތީ މާލޭގައި ކުޅޭ އެއްވަނަ އަދި ދެވަނަ ޑިވިޝަނުގެ ކްލަބުތަކަށެވެ. އެހެން ނަމަވެސް، އެކަން ބަދަލުކުރަން ތޯރިގު ފުރަތަމަވެސް ވައުދުވިއެވެ.

ދެން އޮތް އަނެއްކަމަކީ ގެއްލުނު ބޮޑު ބިމާއި، ހުރިހާ އިމާރާތްތަކެވެ. ދަރަނީގެ ގޮތުގައި ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ އެބައޮތެވެ. އެތައް ހިޔާނާތެއް ބަލަންވެސް އެބައޮތެވެ. އެހެންކަމުން ތޯރިގަށް އޮތީ އުނދަގޫ މަގެކެވެ. އެތައް ބަޔަކު އުންމީދު ކޮށްގެން ތިއްބާ، ދެން އަޅަން އޮތް ފިޔަވަޅުތަކަށް ވެސް ހުރީ ގޮންޖެހުމެވެ. އެކަން ވާނެކަމަށް އުންމީދުކުރަމާ ހިނގާށެވެ. ކުރަން ޖެހޭ ކަންކަން ބައިވަރެވެ.

ތޯރިގާއި ރާއްޖޭގެ ފުޓުބޯޅަ

ޓޮމް ނިއުގެ ޖާޒީގައި ގޯލު ޖަހައި އުފާފާޅުކުރަނީ --- ފޮޓޯ/ ޓްވިޓާ

ތޯރިގަކީ އެފްއޭއެމް ހިންގުމަށް، ފުޓުބޯޅައިގެ ޕޮލިޓިކްސް، އަދި ރާއްޖޭގެ ޕޮލިޓިކްސްއަށްވެސް މުޅިން އާ ބޭފުޅެއް ނޫނެވެ. ސްކޫލު ދައުރުގައި ސީއެޗްއެސްއީ ޓީމުން މޮޅު ފޯވަޑެއްގެ ގޮތުގައި ފާހަގަކުރެވުނު ތޯރިގު އޭނާގެ ކްލަބު ކެރިއަރުގެ ބޮޑުބައެއް ހޭދަކުރީ ނިއުރޭޑިއަންޓްގައެވެ. އެނޫން ކުލަބެއްގެ ޖާޒީގައި އޭނާ ފެނުނީ 2009 ވަނަ އަހަރު ފަހުކޮޅު ވެލެންސިއާއިންނާއި ޖެހިގެން އައި އަހަރުގެ ކުރީކޮޅު ވީބީ ސްޕޯޓްސް ކުލަބުން އެކަންޏެވެ.

ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ތޯރިގަކީ 2009 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އޭނާއަކީ ނިއުރޭޑިއަންޓް 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް ގެންގޮސްދިނުމަށް ކުއާޓާ ފައިނަލުގައި ޖޯޑަންގެ އަލްހުސައިން ކޮޅަށް ގޯލު ޖެހި ކުޅުންތެރިޔާވެސްމެއެވެ. އޭނާ އެ ގޯލު ޖެހީ މެލޭޝިޔާގައި އެކައުންޓިންގެ ރޮނގުން ކިޔަވަން ހުރެފައި ނިއުގެ އެދުމުގެ މަތީން އެމެޗަށް މާލެ އައިހެއެވެ.

ރާއްޖޭގައި ކްލަބް އަދި ގައުމީ ފެންވަރުގައި މޮޅަށް ފުޓްބޯޅަ ކުޅުމަށްފަހު ތޯރިގު ވަނީ ކުލަބުތައް ހިންގުމުގެ ދާއިރާގައިވެސް ހަރަކާތްތެރިވެފައެވެ. އެގޮތުން ނިއުރޭޑިއަންޓްގެ ޖެނެރަލް ސެކްރެޓަރީކަމާއި އެކުލަބުގެ ތަފާތު މަގާމުތައް އޭނާ ވަނީ ފުރުއްވާފައެވެ. އަމިއްލަ ރަށް އދ. މަހިބަދުއަށް ނިސްބަތްވާ ކުލަބެއް އުފައްދަވާ އެކުލަބު ތިން ވަނަ ޑިވިޝަނުން ފެށިގެން ފުރަތަމަ ޑިވިޝަނާ ހަމައަށް ގެންގޮސްދެއްވިއެވެ. އޭގެ އިތުރުން ކުލަބު އީގަލްސްގެ ވައިސް ޗެއާމަންކަންވެސް ތޯރިގު ކުރެއްވިއެވެ.

އޭގެފަހުން އެފްއޭއެމްގެ ރައީސްކަން ތޯރިގު ކުރައްވާފައިވާ އިރު، އެ މަގާމުން ޓޮމް ދުރުވާން ޖެހުނީވެސް ކުރީން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައެވެ. އެއީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން އިންތިހާބުން ބަލިވެ، ދެން ނުކުތީ މިފަހަރުގެ އިންތިހާބަށެވެ. އެއީ ދިވެހި ފުޓުބޯޅައިގައި ތޯރިގެވެ. ތާރީހަކީ އެއީއެވެ.

އަސާސީ ގަވައިދުގެ ބަދަލު: އަތޮޅު ތެރެއަށް އިންތިޒާރެއްތަ، އުންމީދެއްތަ؟

27 ޖޫން 2025، މާލެ، އެފްއޭއެމް އޯޑިނަރީ ކޮންގްރެސްގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ޖޫން 27 ގައި ބޭއްވި އެފްއޭއެމްގެ އާއްމު ޖަލްސާގައި އެންމެ މުހިންމު އެއް މަސައްކަތެއްގެ ގޮތުގައި ނިންމާފައިވަނީ އެފްއޭއެމްގެ ހިންގާ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތެވެ. ނޯމަލައިޒޭޝަން ކޮމެޓީން ހުށަހެޅި ގޮތަށް، ކޮންގްރެސްއަށް ހާޒިރުވެ ތިބި މެންބަރުންގެ އިއްތިފާގުން ވަނީ އެ އިސްލާހުތައް ފާސްކޮށްފައެވެ.

އެފްއޭއެމްގެ ހިންގާ ގަވައިދަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގައި މިހާރު ކުޅެމުން އަންނަ ހުރިހާ ކުލަބެއް މެންބަރުންގެ ގޮތުގައި ކަނޑައަޅާ ގޮތަށް ބަދަލުކުރުން ހިމެނެއެވެ.

އޭގެ އިތުރުން އަލަށް ހޮވޭ ހިންގާ ކޮމިޓީން ރީޖަނަލް އެސޯސިއޭޝަންތައް ކަނޑައަޅަން ޖެހޭ ގޮތަށް އިންތިގާލީ މާއްދާގައި ބަޔާންކުރުން ވެސް ހިމެނެއެވެ. އެގޮތުން އެ އިސްލާހާއެކު ކުޅިވަރުގެ ގާނޫނަށް ގެނެވުނު އެންމެ ފަހުގެ އިސްލާހުގެ ދަށުން އެކަލަވާލާ ގަވައިދުގައި ރީޖަނަލް އެސޯސިއޭޝަންތަކުގެ އޮނިގަނޑު ސަރުކާރުން ކަނޑައެޅުމާއެކު ހިންގާ ގަވާއިދުގެ ދަށުން ގާއިމުކުރަން ޖެހެއެވެ.

ރީޖަނަލް މުބާރާތްތައް ބޭއްވުމަށް ހިންގާ ކޮމިޓީން ކަނޑައަޅާ ގޮތެއްގެ މަތިން ބޭއްވުމުގެ އިހުތިޔާރު ދިނުމާއި، ހިންގާ ގަވާއިދަށް އަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އަލަށް ހޮވޭ ހިންގާ ކޮމިޓީން އަންހެނުންގެ ފުޓުބޯޅަ މުބާރާތުގެ އޮނިގަނޑެއް އެކުލަވާލައި ކޮންގްރެސްއަށް ހުށަހަޅަން ޖެހޭ ގޮތަށް ވެސް ހިންގާ ގަވާއިދަށް ވަނީ ބަދަލު ގެނެސްފައެވެ.

އެ ނިންމި ނިންމުމަށް ބައެއް ފަރާތްތަކުން ފާޑު ކިޔާފައިވެއެވެ. ކުޅިވަރު ހިންގުމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވައި، ކުރިން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވާފައިވާ ހާމިދު އަބްދުލްޣަފޫރު، އޭނާގެ ކޮލަމެއްގައި ލިޔުއްވާފައި ވަނީ " ކޮންގްރެސްގައި އަސާސީ ގަވާއިދު ފާސްކުރީ އެއިރު ދިރިދިރި އޮތް އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާއާއި 22 ވަނަ މާއްދާއާ ހިލާފަށް ކަމަށް ބެލެވެނީ، އެ ކޮންގްރެސްގައި ވޯޓުލީ މި މާއްދާތަކުން ތަފްސީލްކޮށްދޭ ވޯޓިންގް ޑެލިގޭޓުން ހިމެނޭ ލިސްޓަކަށް ނޫން ކަމަށް ވާތީއެވެ. މިއީ، ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމްގެ ގާނޫނީ ސައްހަކަން ގެއްލުވާލި އަމަލެކެވެ." މިހެންނެވެ.

ހާމިދު ދެކިވަޑައިގަންނަވާ ގޮތުގައި 23 ކްލަބަކީ މާލޭ ޒޯނުގެ ކްލަބުތައް އެކަންޏެވެ. އެހެން ނަމަވެސް، މިވަގުތަށް ފީފާއާއި އެފްއޭއެމްގެ ވިސްނުން ތަފާތު ވެދާނެއެވެ. ތޯރިގުގެ ނަޒަރުގައި އަތޮޅު ތެރެއަށް ވޯޓުގެ ބާރު ގެންނަން އެހެން ވިސްނުމަކަށް ދާން ޖެހެއެވެ.

"އަސާސީ ގަވާއިދު އިސްލާހުކުރި ކޮންގްރެސްގެ ކުރިންވެސް ވާހަކަ ދެއްކިން، އަދި އެ ކޮންގްރެސްއަށް ހުށަހަޅަންވެސް ހުށަހެޅިން ރާއްޖޭގެ ހަތަރު ސަރަހައްދެއްގެ ހަތަރު ރީޖަންއެއް ހަދައިގެން ލާމަރުކަޒީ ގޮތަށް ބަހާލައިގެން ކުރިއަށް ގެންދަން. ދެން އެއީ މިހާރު ކުޅިވަރު ގާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާހުވެސް އޮތް ގޮތް. ސަރުކާރުން ކުޅިވަރު ގާނޫނު ފާސްކޮށްފައި އޮތީވެސް ރީޖަނަލް އެސޯސިއޭޝަންތައް ހިންގަން. އެބައި ސީދާ އަސާސީ ގަވާއިދުގައި ނެތަސް، އެކަމަކު ޓްރާންސިޝަނަލް މަރުހަލާގައި އަތޮޅުތަކަށް އެ ބާރުތައް ދޭން މަޖުބޫރުކޮށް، އަސާސީ ގަވާއިދު ފާސްކޮށްފައި އޮތީ،" ވާދަވެރިޔަކާ ނުލައި އެފްއޭއެމް ރައީސްކަމަށް އިންތިހާބުވެވަޑައިގަތުމަށްފަހު ތޯރިގު މީޑިއާއަށް ވިދާޅުވިއެވެ.

ތޯރިގުގެ އިސްނެގުމާއެކު ޓީސީ ސްޕޯޓްސް ކްލަބުން ކުރިން ހުށަހެޅި ބަދަލުގައި ރާއްޖެ ބެހިގެންދާނީ ނޯތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހއ.ހދ.ށ،ނ،ރ،ބ،ޅ،ކުޅުދުއްދުށި ސިޓީ)، ސެންޓްރަލް ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކ،އއ،އދ،ވ،މ، ފ، ދ)، މާލެ ރީޖަނަލް ފުޓްބޯލަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (މާލެ ސިޓީ ކުލަބުތައް، ސެކަންޑް ޑިވިޝަން އަދި 3 ވަނަ ޑިވިޝަން)، ސައުތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް​ (ތ،ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ) މީގެ އިތުރުން، ދިވެހި ޕްރިމިއަރ ލީގުގެ ކްލަބުތަކުގެ މައްޗަށެވެ.

އެ ރީޖަނަލް އެސޯސިއޭޝަންތަކާއެކު އެފްއޭއެމްގެ ކޮންގްރެސްގައި 64 ވޯޓު ލެވޭނެ އެވެ. އެއީ، ނޯތު ރީޖަން، ސެންޓްރަލް ރީޖަން، މާލެ ރީޖަން، ސައުތު ރީޖަން، މީގެ ތެރެއިން ކޮންމެ ރީޖަން އަކަށް 11 ވޯޓުގެ އިތުރުން، ދިވެހި ޕްރިމިއާ ލީގުގެ 10 ކްލަބްގެ ތެރެއިން ކޮންމެ ކްލަބަކަށް ދެ ވޯޓުގެ މަގުން 20 ވޯޓެވެ.

27 ޖޫން 2025، މާލެ، އެފްއޭއެމް އޯޑިނަރީ ކޮންގްރެސްގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މީގެ އިތުރުން ދެން އިސްލާހު ގެންނަން ހުށަހަޅާފައިވާ މުހިންމު ތިން ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ⁠ރީޖަނަލް އެސޯސިއޭޝަންތައް 12 މަސްދުވަހުގެ ތެރޭގައި އުފެއްދުމަށާއި، ގިނަވެގެން 24 މަސްދުވަހުގެ ތެރޭގައި ރީޖަނަލް ލީގުތަކުން ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓް ވާނެ ގޮތާއި ރެލިގޭޓް ވާނެ ގޮތަށް ލީގުގެ ސްޓްރަކްޗާ ބަދަލުކުރުން ހިމެނެއެވެ. އޭގެ ތެރެއިން ރީޖަނަލް އެސޯސިއޭޝަންތަކަށް މަސައްކަތް ކުރުމަށް، އަތޮޅު ތެރޭގެ ލީގު މިއަހަރު ފަށަން އެފްއޭއެމްއިން ވަނީ އިއުލާނު ކޮށްފައެވެ.

"މިހާތަނަށް މާލޭގައި މިއޮންނަނީ މާލޭގައި ތިންވަނަ، ދެވަނަ އަދި ޕްރިމިއާ ލީގެއް ގާއިމުވެފައި. އަތޮޅު ތެރެއަށް މިހާރުގެ އަޅުގަނޑުގެ ވިސްނުން މިހުރީ، އަތޮޅު މުބާރާތެއް ބާއްވާފައި، ކޮންމެ ޒޯނެއްގައި، ޒޯން ވައިސްކޮށް މުބާރާތް ގެންގޮސް، ރީޖަނަލް ފެންވަރުގައި ލީގެއް ކްރިއޭޓްކުރަން. އޭރުން ކޮންމެ ރީޖަންއެއްގައި ސެކަންޑް ލެވެލް ލީގެއް އޮންނާނެ. ފީފާއާއި އޭއެފްސީގެ ގަވާއިދުތަކަށް ބަލާއިރުވެސް މި އޮންނަނީ ޓޮޕް ޓަޔާ، ޕްރިމިއާ އެއް ލީގު. އެހެންވީމަ އެއާ ޖެހިގެން ހަތަރު ހިސާބެއްގައި ޕްރޮފެޝަނަލް ފުޓުބޯޅަ މި ކުޅެނީ ދެވަނަ ޓަޔާގެ،" ތޯރިގު ވިދާޅުވިއެވެ.

ވޯޓުލުމުގެ ބާރަކަށް އަތޮޅު ކްލަބުތަކުން ކެތް މަދުވެފައި ތިބި ދަނޑިވަޅުގައި ތޯރިގުގެ އެ ވިސްނުމާއެކު، އަވަސް ހައްލު ހޯއްދަވަން އޭނާ ބޭނުންވެއެވެ. ތޯރިގު ގަބޫލުކުރައްވާ ގޮތުގައި، ރެލިގޭޝަނާއެކު، ޓޮޕް ޑިވިޝަނަށް އަތޮޅު ކްލަބުތަކަށް ކޮލިފައިވާން ފެށުމާއެކު، ދެ އަހަރު ތެރޭގައި ފުޓުބޯޅަ ސިސްޓަމް ހަމައަކަށް އެޅުވޭނެ އެވެ. އެއީ އޭނާ ފާހަގަކުރެއްވި ސިސްޓަމަށް ބައްޓަން ކޮށް، އެ ބާރު އަތޮޅު ތެރެއަށް ދީގެންނެވެ.

އެޗްޑީސީން ބިން އަތުލުމާއި ދަރަނި: ތޯރިގަށް އެންމެ ބޮޑު ގޮންޖެހުން؟

އެޗްޑީސީން، ރައީސް އޮފީސް މެދުވެރިވެގެން ހުޅުމާލެއިން 2018 ވަނަ އަހަރު އެފްއޭއެމަށް ދިން ދެ ލައްކާ ތިރީސް ހާސް އަކަފޫޓުގެ ބިމަކީ ހައިޕާފޯމަންސް، އެލީޓް ފުޓްބޯޅަ ސްކޫލެއް ހަދަން ދިން ބިމެކެވެ. އެ ބިމަކީ ރާއްޖޭގެ ފުޓުބޯޅަ އިތުރު ހަރުފަތަކަށް ގެންދިއުމަށާއި ފުޓުބޯޅައިގެ ޒުވާން ޖީލެއް ބިނާ ކުރުމުގެ މަގުސަދުގައި ފުޓްބޯލް ސްކޫލެއް ގާއިމުކުރުމަށް ދީފައިވާ ބިމެކެވެ. އެތަނުގެ މަސައްކަތްތައް ކޮށް، އިމާރާތްތައްވެސް ކޮށްފައިވަނިކޮށް، އެ ބިން އެފްއޭއެމް އަތުން މިހާރު ވަނީ ނަގައިފައެވެ. އެބިން ނެގީ، "ކަޓު"ތަކުން އެތައް ހިޔާނާތެއް ފަޅާއަރައިގެންނެވެ. އެގޮތުން އެފްއޭއެމްއިން ކުންފުނިތަކަށް ދޭން ޖެހޭ ފައިސާގެ ބަދަލުގައި އެ ބިމުގެ ސްލޮޓްތައް ދޫކޮށްފައިވާކަންވެސް ވަނީ އެނގިފައެވެ.

އެފްއޭއެމްއިން 15 ވަރަކަށް ފަރާތަށް ބިންތައް ކުއްޔަށް ދީފައިވާ އިރު، އެ ޕްލޮޓްތަކުގެ ސައިޒް، ކަނޑައެޅިފައިވާ އަކަފޫޓަށްވުރެ ދެގުނަ އިތުރެވެ. އިއުލާނުކުރުމެއް ނެތި، ބިޑަށް ހުޅުވާލުމެއްވެސް ނެތި އެ ބިންތައް ސަބްލީސް ކޮށްފައިވާ އިރު، ބައެއް ބިންތައް ދީފައި ހުރީ އެޗްޑީސީއާއި އެފްއޭއެމްއާ ދެމެދު ވެވުނު އެގްރީމަންޓްގައިވާ 40 އަހަރަށްވުރެވެސް އިތުރު ވާ ގޮތަށެވެ.

އޭގެ އިތުރުން އެފްއޭއެމްއިން އެޗްޑީސީއަށް އަހަރަކު އަކަފޫޓަކަށް 10 ރުފިޔާ ދައްކަން ޖެހޭ ތަންތަން އެވަރެޖްކޮށް ކުއްޔަށް ދީފައި ވަނީ ތިން ރުފިޔާގެ ރޭޓުން ކަމަށްވެސް ނޯމަލައިޒޭޝަން ކޮމިޓީން ފާހަގަކޮށްފައިވެއެވެ.

"ކުރިން ހިނގާދިޔަ ކަންތައްތަކުގެ ވާހަކަ ދައްކަންޏާ ވަރަށް ގިނަ ވާހަކަތަކެއް ދައްކަން އޮންނާނެ. ދެން (ބިމުގެ ކަންތައް) ވަރަށް ދެރަކޮށް ހިނގާފަ އޮތީ. ހާއްސަކޮށް ފުޓުބޯޅަ ސްކޫލެއް އެޅުމަށްޓަކައި ހުޅުމާލެއިން އޭރުގެ ސަރުކާރުން ހިލޭ ދިން ބިމެއް އެއީ. އެބިމަށް އެގޮތް މިގޮތް ހަދައި، ސަބް ލީސްކޮށްފަ އޮތީ. 15 ވަރަކަށް ޕާޓީއަށް ސަބް ލީސްކޮށްފަ ވާކަމަށް ފެންނަނީ. އަޅުގަނޑަށް އެ ޑޮކިއުމެންޓްތައް ލިބޭ ހިސާބުން، އެ ބަލައި، އެބިން އަލުން ހޯދަން އެޗްޑީސީއާ މަޝްވަރާކޮށް، އަލުން ފުޓުބޯޅައަށް އެ ބިން ހޯދުން އެއީ އަޅުގަނޑުމެން ފުރަތަމަ ދުވަހުން ފެށިގެންވެސް ފަށާނެ ކަމެއް،" ތޯރިގު ވިދާޅުވިއެވެ.

އެބިމަކީ އެއް ބިމެވެ. މާފަންނު ސްޓޭޑިއަމްގެ ގުދަންބަރިއަށްވެސް އޮތީ ހަނދާނެ އެއްޗެއް ހަދައިފައެވެ. ތޯރިގުގެ ނަޒަރުގައި އެތަނުގެ ވާނުވާ ބަލައި، އެތަންވެސް އަލުން ހަމަމަގަށް އެޅުވުން އެއީ އޭނާގެ ޒިންމާއެކެވެ.

އެފްއޭއެމްއިން މާފަންނު ސްޓޭޑިއަމް ތަރައްގީ ކުރުމަށް ފީފާއިން ދިން ފަންޑުގައި ހަދާފައިވާ އިމާރާތުގެ ތިރީބައި އެއްކޮށް ވަނީ ގުދަން ބަރިއަކަށް ބަދަލުވެފައި --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ދެން އޮތީ އަނެއް ވާހަކައެވެ. ދަރަނީގެ ވާހަކައެވެ. އެފްއޭއެމްގެ އަގު އާއްމުން ތެރޭގައި ވެއްޓެން ފެށި ހިސާބަކީ މިއީއެވެ. ނުދަރަނީ ކޮންތާކަށް ކަމެއް ބުނަންވެސް ނޭނގޭ ވަރަށް އެފްއޭއެމް އޮތީ ދަރާފައެވެ. ގައުމީ ޓީމަކުން ކައިބޮއި، ނިދައި ހެދި ތަންތަނަށްވެސް ފައިސާ ނުދެއްކި އެތައް ދުވަހެއް ވިއެވެ. އެ ހާލަތުން ގޮސް، ތޯރިގަށްވެސް ދަރަނިތަކެއްގައި ކޮނޑު ވިއްދަން ޖެހޭނެއެވެ. އެއީ ޗެލެންޖެއްވެސް މެއެވެ.

"އެފްއޭއެމްއަށް ލިބެން ހުރި ފައިސާގެ ތަފުސީލެއް އަދި ނެތް. އެހެން ނަމަވެސް، އެފްއޭއެމްއިން ކޯޓަށް ދައްކަން ޖެހޭ ފައިސާތައް، ކޯޓު މެދުވެރިކޮށް ނޯމަލައިޒޭޝަން ކޮމިޓީން ފީފާގެ އެހީއާއެކު އަންނަނީ ދައްކަމުން. ދެން ކޯޓު މަރުހަލާއަށް ނުގޮސްވެސް ދައްކަން ޖެހޭ ފައިސާ އެބަހުރި. އެހެންވީމަ ސީދާ އަދަދެއް ދަންނަވަން ނޭނގުނަސް، އެންމެފަހުން ކޮންގްރެސްގައި ނޯމަލައިޒޭޝަން ކޮމިޓީގެ އަންދާޒާ ދައްކާ ގޮތުން، 100 މިލިއަނެއްހާ ރުފިޔާގެ ދަރަނި އެބައޮތް. އަދި މިހާރު ކޯޓުގައި އޮތް މައްސަލަތަކާއެކު 120 މިލިއަން ރުފިޔާ އަށް އަރާނެ. އެހެންވީމަ ދަރަނި ދެއްކުމުގެ އިތުރުން، ކޮންމެހެން ދައްކަން ނުޖެހޭ ފައިސާއެއް ނުދައްކައިވޭތޯ، ފައިޓް ކުރާނަން،" ދަރަނީގެ މައްސަލައަށް ތޯރިގު ފާހަގަކުރެއްވިއެވެ.

ކޮންމެއަކަސް ތޯރިގަށް ގޮންޖެހުންތައް ބޮޑު ނަމަވެސް، އޭނާ މިކަމަށް ކުރިމަތިލެއްވީ ގަދަ ކަނޑެއްގައި ފައްތަވާން ޖެހިވަޑައިގަންނަވާނޭކަން އެނގިވަޑައިގެން ހުންނަވައިކަން އޭނާގެ ވާހަކައިން އެނގެއެވެ. މިއަށްވުރެ ބޮޑަށް އެފްއޭއެމް ހަލާކުވާނެ ކަމަކަށް ދެން ބަލައިގެންވެސް ނުވާނެތާއެވެ. އެފްއޭއެމްގެ ފަޅާނާރާ ކަމެއް ނެތޭ ބުނެވިދާނެއެވެ. ބައްސާމް ކޯޓު މަރުހަލާގައެވެ. މަތިމަތިންވެފައި އޮތް ހިޔާނާތް ސާފެވެ. ދެން އޮތީ އުންމީދެއް ކުރުމެވެ.

ކުރީގެ ކުޅުންތެރިޔާ، އަދި ކާމިޔާބު ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ތޯރިގަށް މަރުހަބާ ކިޔުމަށްފަހު ބުނީ، މި ފެށުނީ ފުޓުބޯޅައިގެ "ރަން ބާބެއް" ކަމަށެވެ. ތޯރިގުގެ އެކްސްކޯގައި ކުރީގެ ތަރިން ކަމަށްވާ އިމްރާން މުހައްމަދު (އިންމަ) އާއި މުހައްމަދު އުމައިރުވެސް ހިމެނެއެވެ. ހުރިހާ ކްލަބެއް ޝާމިލުވެސް ވެއެވެ. ސަރުކާރުގެ ތެރެއިން ފެންނަ މޫނުތައްވެސް ގިނައެވެ. ފުޓުބޯޅައިގެ އުންމީދެއް ނަމަވެސް، ސީދާ މަގުން ދާން ޖެހެއެވެ. ވައުދަކީ "ކުރިންވެސް ވެފައި" ވާ އެއްޗެކެވެ. ނުފެނުނީ އަމަލީ މަސައްކަތެވެ. "ވައުދަކުން ނުފުދޭނެއެވެ. ފުދޭނީ ފެނުމުންނެވެ."