އަންނަ މަހުގެ 26 ވަނަ ދުވަހު ބާއްވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެފްއޭއެމް އިން މިއަދު ގެޒެޓްގައި އާންމުކޮށްފައިވާ އިއުލާނުގައިވާ ގޮތުން މިދިޔަ ދެ ދައުރު އެ އެސޯސިއޭޝަންގެ ރައީސަކަށް ހުންނެވި ބައްސާމް އަދީލް ޖަލީލަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
އެގޮތުން އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ހުންނަންޖެހޭ ޝަރުތުތަކުގެ ހަވަނަ ނުކުތާގައި ބުނެފައިވަނީ ފީފާގެ އެތިކްސް ކޮމިޓީ ނުވަތަ ކުޅިވަރުގެ އެހެން ޖަމިއްޔާއަކުން ވިޔަސް ކުށް ސާބިތުވެ/ ނުވަތަ ހުކުމް ކޮށްފައިވާ މީހަކަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށެވެ.
ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ފީފާ އިން ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ބައްސާމް ނުވަ މަސް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ. އެ މައްސަލަ އިސްތިއުނާފު ކުރަން ދުނިޔޭގެ ކުޅިވަރު އާބިޓްރޭޝަން ކޯޓު (ކާސް) އަށް ހުށަހެޅުމުން އެ ކޯޓުން ވެސް ހުކުމް ކުރީ އޭނާއާ ދެކޮޅަށެވެ.
ބައްސާމަށް ކުރިމަތި ނުލެވޭނެ އަނެއް ސަބަބަކީ ކުރިމަތިލާ ކެނޑިޑޭޓެއްގެ މަދަނީ އާއި ޖިނާއީ ދައުވާއެއް އުފުލިފައިވާނަމަ އެކަމުގެ ތަފުސީލު ހިއްސާ ކުރަން ބުނެފައި އޮތުމެވެ. އެގޮތުން ބައްސާމްއާ ދެކޮޅަށް ރާއްޖޭގެ ކޯޓުތަކުގައި މިހާރުވެސް ހިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތަކެއްގެ އަޑުއެހުންތައް ދަނީ ކުރިއަށެވެ.
އެފްއޭއެމް އިންތިހާބަށް ކުރިމަތިލުމުގެ ފަހު ތާރީހަކީ އަންނަ މަހު ހަ ވަނަ ދުވަހެވެ. ކެންޑިޑެސީ ހުށަހަޅަންޖެހޭ ހިންގާ ކޮމިޓީގެ މެންބަރުންގެ ލިސްޓުގައި ހިމެނެނީ ރައީސް، ފުރަތަމަ ނައިބު ރައީސް، ދެ ދެވަނަ ނައިބު ރައީސުން އަދި ހިންގާ ކޮމިޓީގެ ހަތް މެމްބަރުންނެވެ. މި ކޮމިޓީގެ ޖުމުލަ މެމްބަރުންގެ ތެރޭގައި، ދެ އަންހެން މެމްބަރުން ހިމަނަން ގަވައިދު ލާޒިމުކުރެ އެވެ.
އެފްއޭއެމްގެ އިއުލާނުގައި ބުނެފައިވާ ގޮތުން ކަންކަން ފުރިހަމަކުރަން ދޭ ފަހު މުއްދަތު ހަަމަވާނީ އަންނަ މަހުގެ 13 އަށެވެ.
މުހައްމަދު ސިމާއު
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް