ދިވެހި ފުޓުބޯޅައިގެ މާޒީންވެސް، މިހާރު ގުނަމުން މިދަނީ އެންމެ ކަޅު ސަފުހާއެވެ. އިދާރީ މައްސަލަތައް އެކަންޏެއް ނޫނެވެ. ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ އެތައް ޖަރީމާއަކަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ބޭނުންކޮށް، ފުޓުބޯޅަ މިއޮތީ ކިލަނބުކޮށްލައިފައެވެ. ބައްސާމް އަދީލް ޖަލީލާއި އެފްއޭގައި ކުރީން އުޅުނު އެތައް ބައެއްގެ ބޮޑެތި އިހުމާލުތައް އޮތީ ހާމައަށް ފެންނާށެވެ. މުސްތަގުބަލުގެ ޖީލުތަކަށް އުންމީދު ގެއްލި، ދިވެހި ފުޓުބޯޅައިގެ މިސްރާބު އޮޔާލައިފިއެވެ.

އެ ހާލަތުގެ ވާހަކަ ތަކުރާރުކޮށް ދެއްކުމުގެ ބޭނުމެއް ނެތެވެ. ދެން އޮތީ އެހެން ބާބެއް ލިޔަން ޖެހިފައެވެ. އާ ޗެޕްޓަރެއް ހުޅުވަން ޖެހިފައެވެ. އެފްއޭއެމްގެ އިތުބާރު ގެއްލިފައި އޮތް ނަމަވެސް، ހަގީގަތަކީ އެއީ އަދިވެސް ރާއްޖޭގެ ފުޓުބޯޅައަށް އެންމެ މުހިއްމު އިދާރާ ކެމެވެ. އެފްއޭއެމްގެ ތަރަހައިގެ ތެރެއިން ނޫނީ ހަގީގީ މަންފާއަކަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތެއް ނުކުރެވޭނެއެވެ. ފީފާއާއި އޭއެފްސީގެ ބެލުމުގެ ދަށުން އެފްއޭއެމް ނޯމަލައިޒްކޮށް ހިންގަން ޖެހުނީ އެހެންވެއެވެ.

ނޯމަލައިޒޭޝަން މަރުހަލާއަކީ ފަސޭހަވާނެ މަރުހަލާއެއް ނޫންކަން ކުރީންވެސް އެނގެއެވެ. އެކަމަށް ޗެއާމަނުގެ ގޮނޑީގައި ނުކުންނެވީ ކުރިން ކުޅިވަރާއި ހިންގުމުގެ ތަޖުރިބާތައްވެސް ކުރައްވާފައިވާ އަހުމަދު ޒުހޫރެވެ. ޒުހޫރާއި ޓީމުގައި ގާނޫނީ، ހިންގުންތެރި މޫނުތައް ތިއްބެވެ. މަތިކޮށްފައި އޮތް ޒިންމާއަކީ ލީގު ފަށައި، ގެއްލުނު ފައިސާ ހޯދައި، އަލުން ފުޓުބޯޅަ ދިރުވުމެވެ. ދިރުން ގެނެސްދޭނެ މަގެއް ކޮށުމެވެ.

އެ މަސައްކަތުގައި ކިހާ ހިސާބަކަށް ދެވިއްޖެތޯ އާއްމުން ސުވާލުކުރެއެވެ. އެކަމަކު އެއްވެސް ހިސާބަކަށް ދާނީ ކިހިނަކުން ހެއްޔެވެ. ބައްސާމު ދިޔައީ އެކައުންޓްވެސް ސުމަކަށް ހަދާފައެވެ. ފައިދާހުރި އެއްވެސް އިންވެސްޓްމެންޓެއް ކޮށްފައެއް ނެތެވެ، ދަރަނީގެ މައްސަލަތައް ފުނިޖެހިފައެވެ. ޒުހޫރު ފުރަތަމަ ޕްރެސްއަށް އަރައި ވިދާޅުވީވެސް އެވާހަކައެވެ. ނުދެވި ހުރި އެތައް ބައެއް މުސާރައިގެ ކުޑަ މިންވަރެއް ދޭންވެސް ފައިސާ ނެތް ވާހަކައެވެ.

އެ މަރުހަލާ ކަޑައްތުކުރުމަށް ފީފާގެވެސް އެހީތެރިކަމާއެކު ޒުހޫރު ވަނީ މުސާރަތައް މި އަންނަ ޑިސެމްބަރު ނިމުމުގެ ކުރީން ހަލާސްކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އެއީ "ވަން ސްޕޯޓްސް"އަށް ދެއްވި އިންޓަވިއުއެއްގައެވެ. އެއީ ފީފާގެ އެއްބާރުލުމެވެ. ދެން ހުރި ޗެލެންޖްތަކަށް ބައިވެރިއަކަށްވާން ޖެހިފައި އޮތީ ސަރުކާރެވެ. ސްޕޯޓްސް މިނިސްޓްރީއެވެ. ރާއްޖޭގެ އެންމެ މަތީ ފަޑިއެވެ.

އެހިސާބުން މި ކަން ކުރެވިގެން ނޫނީ އެފްއޭއެމް ހަގީގީ މާނައިގައި ނޯމަލައިޒް ނުކުރެވޭނެ ކަމަށް ޒުހޫރު "ވަން ސްޕޯޓްސް"އަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

  • ފުޓުބޯޅަ ސްކޫލުގެ ބިން އެޗްޑީސީން ނެގުން، އެފްއޭއެމް ބޮޑު އަނދަވަޅަކަށް

އެޗްޑީސީން، ސަރުކާރު މެދުވެރިވެ، ހުޅުމާލެއިން 2015 ވަނަ އަހަރު އެފްއޭއެމަށް ދިން ދެ ލައްކާ ތިރީސް ހާސް އަކަފޫޓުގެ ބިމަކީ ހައިޕާފޯމަންސް، އެލީޓް ފުޓްބޯޅަ ސްކޫލެއް ހަދަން ދިން ބިމެކެވެ. އެ ބިމަކީ ރާއްޖޭގެ ފުޓުބޯޅަ އިތުރު ހަރުފަތަކަށް ގެންދިއުމަށާއި ފުޓުބޯޅައިގެ ޒުވާން ޖީލެއް ބިނާ ކުރުމުގެ މަގުސަދުގައި ފުޓްބޯލް ސްކޫލެއް ގާއިމުކުރުމަށް ދީފައިވާ ބިމެކެވެ. އެތަނުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް އެއްކޮށް ނިމިފައިވާއިރު، އެތަން ބޭނުން ކުރަން ނުފެށި އޮއްވާ، މިއަދު އެ ބިން ވެސް ގެއްލިއްޖެއެވެ. އެއީ އެތައް ކަމެއްގެ ތެރެއިން ބޮޑެތި އޮޅުވާލުންތަކެއް އެ ބިމުގައި މިހާރު އެކުލެވޭތީއެވެ.

"ހުޅުމާލޭގައި ފުޓުބޯޅަ ސްކޫލް އަޅަން ދީފައިވާ ބިމުގައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާތީ ބިމުގެ އެއްބަސްވުން ވަނީ ޓާމިނޭޓް ކޮށްފައި. އެއީ މިވަގުތު އެކަން ނިންމާފައި އޮތް ގޮތަކީ،" އެޗްޑީސީގެ މީޑިއާ އޮފިސަރު މުހައްމަދު ސިރާޖު "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.

އެހެންވާނެތާއެވެ. ކުލި ނުނަގާ ގޮތަށް ހަދާފައިވާ އެގްރީމެންޓެއް އޮތް އެ ބިމަކީ ކޮމިއުނިޓީ ސީއެސްއާރް ކޮމްޕޯނަންޓަކަށް ދީފައިވާ ބިމެއް ނަމަވެސް، އެ މަގުސަދު ކުރީން އެފްއޭއެމް ހިންގި މީހުން ވަނީ އޮޅުވައިލައިފައެވެ. މިހާރު ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަންކަމާ ހަވާލުވެވަޑައިގެން ހުންނެވި ޒުހޫރުގެ ނަޒަރުގައި ފަހުން "ސިއްރުން" އެފްއޭއެމްއާއި ކުރީގެ އެޗްޑީސީ ބައެއް މުއައްޒަފުން ވެގެން އެގްރީމެންޓެއް ހެދިގެން ބިންތައް ކުއްޔަށް ދޫކުރީއެވެ. ފަހުން ހެދި އެ އެއްބަސްވުންތަކަކީ ފުރަތަމަ އެެއްބަސްވުމުގައި ވާ ގޮތުން ބަލާނަމަ، ބާތިލު އެގްރީމެންޓެއް ކަމަށް ޒުހޫރު ފާހަގަކުރެއްވިއެވެ. އެ ކަންކަން ބެލެން ޖެހޭނެ ކަމަށާއި، އެ ކަންކަމަށް ހައްލު ހޯދުން އެއީ މިހާލަތުގައި ކަން ކުރަން ޖެހޭނެ ގޮތް ކަމަށްވެސް ވިދާޅުވިއެވެ.

އެފްއޭއެމްއަށް ސަލާމަތެއް ނެތެވެ. ގާތްގަނޑަކަށް 8 ކުންފުންޏަކަށް ފައިސާގެ ބަދަލު ދެއްކުމަށް ބިމުން ތަންތަން ދޫކޮށްފައިވެއެވެ. ސެޓްލްމެންޓް އެގްރީމެންޓް ހެދި ކުންފުނިތަކުގެ ތެރޭގައި އެޕޯލޯވެސް ހިމެނެއެވެ. އެކަން 2022 ވަނަ އަހަރު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުން ސާފުވާނެއެވެ.

މައްސަލައަކީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެފްއޭއެމް އާއި އެޕޯލާއާ ދެމެދު ސޮއިކޮށްފައިވާ ސްޓެލްމެންޓް އެއްބަސްވުމެއްގެ ދަށުން ދައްކަން ޖެހޭ ފައިސާ އާއި އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ އެފްއޭއެމުން ދައްކަމުން ނުދާތީ، ޖުމުލަ އަދަދު ކަމަށްވާ 45 މިލިއަން ރުފިޔާ އެކީ އެއްފަހަރާ ނަގައިދިނުމަށް އެދި އެޕޯލޯ ކުންފުނިން އެފްއޭއެމްއާ ދެކޮޅަށް ހުށަހެޅި މައްސަލައެކެވެ.

އެ ދައުވާއަށް އެފްއޭއެމުން ޖަވާބުދާރީވެފައި ވަނިކޮށް، އެޕޯލޯ އާއި އެފްއޭއެމުން ވަނީ ސެޓުލްމެންޓް އެގްރީމަންޓަކަށް ގޮސްފައެވެ. ސެޓުލްމެންޓް އެގްރީމެންޓަކީ ކޯޓުން ބޭރުން ދެފަރާތުން އެއްބަސްވާ ގޮތަކަށް މައްސަލަ ނިންމައި، ސޮއިކުރާ އެއްބަސްވުމެކެވެ. އެގޮތުން އެޕޯލޯ ކުންފުނީގެ ޑިރެކްޓަރެއް ކަމަށްވާ މުހައްމަދު ވަހީދު (ދިގަލި) ޖާމިނުވެ މިދިޔަ ޖޫން 14 ގައި، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އެޕޯލޯ އާއި އެފްއޭއެމާ ދެމެދު ވެވުނު ސެޓްލްމެންޓް އެގްރީމަންގައި، ދައްކަން ޖެހޭ ފައިސާއަކީ 13 މިލިއަން ރުފިޔާ ކަމަށް ކަނޑައެޅިއެވެ. ނަމަވެސް އެޕޯލޯ ކުންފުންޏަށް ދައްކަން ޖެހޭ 13 މިލިއަން ރުފިޔާގެ ބަދަލުގައި ހުޅުމާލެއިން އެފްއޭއެމަށް ކުއްޔަށް ދީފައިވާ ބިމުން 5،000 އަކަފޫޓުގެ ބިމެއް އިތުރު ކުއްޔެއް ނެގުމަކާ ނުލައި 25 އަހަރަށް ދިނުމަށް ވަނީ އެއްބަސްވެފައެވެ. އެފްއޭއެމުންވެސް އެގޮތަށް އެއްބަސްވެފައިވާތީ، ސިވިލް ކޯޓުންވެސް ހުކުމް ކުރީ އެގޮތަށެވެ. މިއީ ވެސް ކޮންމެވެސް ބަޔަކަށް ބޮޑު ކަޓެއް ލިބޭ ގޮތަށް ނިންމާލި ޑީލެއް ކަމުގެ ވާހަކަތައް ދެކެވުނެވެ.

އެ ދިޔައީ ފުޓުބޯޅަ ސްކޫލުން ބައެކެވެ. އެފްއޭއެމްއަށް އެޗްޑީސީން ބިން ދީފައި އޮތް މަގުސަދާ ހިލާފުވީއެވެ.

ފަސް އަހަރު ވެގެންދިޔައިރު، އެފްއޭއެމްއަށް އެތަނުގައި ތަރައްގީ ކުރެވުނީ އެކޮމޮޑޭޝަން ބްލޮކަކާއި މަދު އެހެން ބައިތަކެކެވެ. ފުޓުބޯޅަ ސްކޫލުގެ ބިމަކީ މުސްތަގުބަލުގެ ހައި ޕާފޯމަންސް ވިސްނުމަށް އެންމެ މުހިއްމު އެކައްޗެވެ. އެއީ ފީފާއާއި އޭއެފްސީންވެސް ރާއްޖޭގެ ފުޓުބޯޅަ ކޮޅަށް ޖެހުމަށް ބަލަމުން އަންނަ އެއް ގޮތެވެ. އެތަން ހިންގަން ފެށުން އެއީ ކުރިމަގަށް އޮތް އެންމެ މުހިއްމު އެއް ކަމެވެ. އެހެން ނަމަވެސް، މިއަދުގެ ހާލަތުގައި އެފްއޭއެމް އޮތީ ދަރައި، "އަތުގައި އޮތް ކަތިވަޅިއާއި ކޮށި ދަނޑުވެސް ގެއްލިފަ"އެވެ.

"އެބިމަކީ ސަރުކާރުން ދީފައިވާ ބިމެއް ނަމަވެސް، މެދުވެރިއަކަށް މި އޮންނަނީ އެޗްޑީސީ. އެޗްޑީސީން އެ ބިމުގެ އެއްބަސްވުން ޓާމިނޭޓްކޮށް، އެ ބިމުގައި ހުރި ހުރިހާ އެއްޗެއް ހުސްކުރަން އަންގައި، އެކަން މިހާރު އެ ކުރަނީ. އެ ބިމަކީ ކުރިން އެފްއޭއެމްގެ މެނޭޖުމަންޓުން، އެތެރެ އެތެރެއިން ވަރަށް ގިނަ ބަޔަކާ އެއްބަސްވުންތަކެއް ހަދައިގެން ބައިވަރު ފަރާތްތަކަށް ކުއްޔަށްވެސް ދީފައިވާ ބިމެއް. އެ ބޭފުޅުންގެ އެއްޗެހި އެކި ދިމަ ދިމާލުގައި މި ހުންނަނީ. އެހެންވީމަ އެބިން ހުސްކުރުމަކީވެސް މިހާރު އެފްއޭއެމްއަށް ކުރެވޭނެ ކަމެއް ނޫން،" ނޯމަލައިޒޭޝަންގެ ޗެއާމަން ޒުހޫރު، ދެހަފުތާއެއް ކުރީން "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.

ބިމުގެ އަގަކީ އިންތިހާއަށް ބޮޑު އަގަކަށްވާއިރު، ފީފާއާއި އޭއެފްސީން ރާއްޖެއަށް އުންމީދު ގެއްލުވައިނުލައި އޮތް އެއް ސަބަބަކީވެސް ކުރިމަގަށް ބޮޑު ޕްރޮޖެކްޓެއް ހިންގޭނެ ގޮތެއް އޮތުމެވެ.

ފުޓްބޯޅަ ސްކޫލުގެ ޕްލޭނުގައިވާ ގޮތުން އެ ސްކޫލުގައި 10 އާއި 15 އާ ދެމެދުގެ އަދަދަކަށް ބިދޭސީ ކޯޗުން ތިބޭނެ އެވެ. އެ ސްކޫލުގައި 12 އަހަރާއި 15 އަހަރާ ދެމެދުގެ 40 ކުޅުންތެރީން ތަމްރީނު ފުރިހަމަ ކުރާނެއެވެ. ހައި ޕާފޯމަންސް ސެންޓަރެއްގެ ގޮތުގައި ފުޓްބޯޅަ ސްކޫލް ހިންގާއިރު، އެތަނަށް ހޮވޭ ކުދީން ނަގަން 18 އެކެޑަމީއެއް ހުޅުވަން ނިންމައިފައި އޮތަސް، އެކަމުގެ ކޮޅުމައްޗެއްވެސް ނުފެނި، އެފްއޭއެމް ނޯމަލައިޒޭޝަނަށް ދިޔައީ ކޮރަޕްޝަނާ ފަސާދައަށް ތަން ވެއްޓުނުފަހުންނެވެ. އެ 18 އެކެޑެމީ ވެސް ހިންގަން ހަވާލުކޮށްފައިވަނީ ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝޭލް ސަލްގާޑޯއާ އެވެ. އޭނާ އެ ޕްރޮޖެކްޓްގައި މިވަގުތު ނެތްކަން ޔަގީނެވެ.

އެކަމަކުވެސް އެކަން ކުރަން ފީފާއިންވެސް ބޭނުންވެފައި ވަނިކޮށް، އެތައް އިމާރާތަކާއެކު ތަން އެޗްޑީސީއަށް ނެގުމުން އެފްއޭއެމްއަށް ވަނީ އިތުރުން 100 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ. މިވަގުތު އެފްއޭއެމްގެ ދަރަނިތައް އަދާކުރަން ފީފާއިން ފައިސާ ދިނުން ނޫން ގޮތެއް ނެތުމުން، އެކަމުގައި އޭއެފްސީއާއި ފީފާގެ ހިތްހަމަނުޖެހުންތައް އަންނާނެކަންވެސް ޔަގީނެވެ.

ކޮރެއާގައި ރަޖިސްޓްރީ ކޮށްފައިވާ ޓީކުއިން ކޮންސްޓްރަކްޝަން ކޯ ލިމިޓެޑާއި އެފްއޭއެމްއާ ދެމެދު ވެފައިވާ އެއްބަސްވުމަކާއެކު 3.3 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދައްކަން ދާދިފަހުން އެފްއޭއެމްގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފައިވާ އިރު، އެއީ ހިންދެމިލަން ލިބުނު ފުރުސަތުގައި ކުރިމަތިވި އިތުރު މާޔޫސްކަމެކެވެ. މިހާރު އޮތް ހާލަތުން އެފްއޭއެމްއަށް ހަމަނޭވައެއްވެސް ލެވޭކަށް ނެތެވެ.

"ފުޓުބޯޅަ ސްކޫލަކީ އެފްއޭއެމްގެ ދުރު ރާސްތާ ޕްލޭނުގައި ފީފާއާވެސް ގުޅިގެން ހިންގަމުން އަންނަ ވަރަށް މުހިއްމު ޕްރޮޖެކްޓެއް. އެހެންވީމަ ފުޓުބޯޅަ ސްކޫލް އަތުލާފަ ދެން ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވާށޭ ބުންޏަސް އެކަމެއް ނުވާނެ. ފީފާ އޭއެފްސީންވެސް އެކަން ގަބޫލެއް ނުކުރާނެ. އެ ހާލަތަށް ދާތީ އަޅުގަނޑުމެން ނޯމަލައިޒް ކުރުމަށް މިއައީ، އެހެންވެއްޖެ ކަމަށް ވަންޏާ، މި ހާލަތުގައި އެ ބިން އަތުލުމަކީ ނޯމަލައިޒް ކުރުމުގެ ތެރެއިން ކޮށްގެން ވާނެ ކަމެއް ނޫން. އަދި އަޅުގަނޑުމެން އެކަން ގަބޫލެއް ނުކުރާނެ. އެހެންވެއްޖެ ކަމަށް ވަންޏާ އަޅުގަނޑުމެން މީގެން ދުރަށް ދިޔައިމަ ނިމުނީ. ނޯމަލައިޒެއް ނުވެވޭނެ އެ ހާލަތުގައި އޮއްވައެއް. ނޯމަލައިޒް ކުރުމަކީ އެންމެން އެއްބާރުލުން ދީގެން، ރަނގަޅު ހާލަތަކަށް ރުޖޫއަކުރުން،" ޒުހޫރު ވިދާޅުވިއެވެ.

ޒުހޫރުގެ ނަޒަރުގައި ތިން ލައްކައެއްހާ މީހުންގެ އާބާދީއަކަށް އަރަމުން އަންނަ ހުޅުމާލޭގައި ދަނޑެއް ނެތުމާއި، މުސްތަގުބަލުގެ ޕްރޮޖެކްޓެއް އޮޔާލައި ދިއުމާއެކު ފުޓުބޯޅަ ސްކޫލުގެ ބިން ނެގުމަކީ ފުޓުބޯޅައަށް ބޮޑު ގެއްލުމެކެވެ. އަދިވެސް އެކަން ގަބޫލުކުރާ ހިތެއް ނެތެވެ. ބޭނުންވަނީ މަޝްވަރާގެ މަތީން ހައްލެއް ހޯދުމެވެ. އެކަމަށް އުންމީދުވެސް އެބައޮތެވެ.

މި ކަމުގައި އެޗްޑީސީންވެސް ދައްކަމުން އެއަންނަ ވާހަކަތަކުގައިވެސް ވިސްނާން ޖެހޭ މުހިންމު ކަންތައްތަކެއް އެބަ ހުއްޓެވެ. ސީއެސްއާރަށް ދިން މާސިންގާ ބިމެއް "ކަޓަށް" ބަދަލުކޮށްލީ އެފްއޭއެމުންނެވެ. އަޑި އަޑީން "ވަގު" އެގްރީމެންޓުތަކެއް ހަފައި، ހެޔޮހިތުން ދިން އެތައް މިލިއަނެއްގެ އަގު ބޮޑު ބިމުގެ ނާޖާއިޒު ފައިދާ ނެގީ އެފްއޭއެމުންނެވެ. ފުޓުބޯޅައިގެ ހައްގުގައި އެވަރު ބިމެއް ދިނުމުން، ފުޓުބޯޅައަށް ކަމެއް ނުކޮށްދީ އެ ކަމުންވެސް އަމިއްލަ މުއްސަނދިކަން ހޯދިކަމުގެ ތުހުމަތެވެ.

އެންމެންވެސް ރުޅި އާދެއެވެ. ފުޓުބޯޅަ ފުނޑިގެން ދިޔަ ދިޔުމަށް ނަފުރަތުވެސް ކުރެވެއެވެ. އެހެންވިޔަސް، ދެން އަނެއްކާވެސް އެފްއޭއެމް ކުރިއަރުވަން ޖެހިފައި މިއޮތީ މުޅި ރާއްޖެއަށެވެ. ކަންކަން ގޯސްކޮށްލި މީހުންނަށް އަދަބުދީ، މައްސަލަ ބަލަންވީއެވެ. އެއީ އެކަން ވާން ޖެހޭނެ ގޮތެވެ. އެހެންވިޔަސް، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ފީފާއާއި އޭއެފްސީއަކީ ރާއްޖޭ ފުޓުބޯޅައިގެ އެންމެ ބޮޑު ސްޕޮންސަރުންނެވެ. އަދިވެސް ފުޓުބޯޅައަށް ހިދުމަތެއް ކުރެވެން އޮތީ އެފްއޭއެމް އިސްލާހު ކޮށްގެންނެވެ.

އޭގެ މާނައަކީ މިހާރު އެފްއޭއެމްގައި ކަންކަން އޮތް ގޮތް، އޮތް ހާލަތު ގަބޫލުކުރުމެއްވެސް ނޫނެވެ. އަސާސީ ގަވާއިދަށްވެސް އިސްލާހު ގެންނަން ޖެހެއެވެ. ދިވެހި ފުޓުބޯޅައިގެ މުޅި ނިޒާމު ބަދަލުވާން ޖެހިއްޖެކަމަށް އެތައް ގޮތަކުން އަންނަނީ ފެންނަމުންނެވެ. ލީގު އުސޫލު، އަތޮޅުތެރެ ހިމެނޭހެން ބަދަލުކޮށް، އެއް ބައެއްގެ ކޮންޓްރޯލުގައި ވޯޓު އޮތް އޮތުން ނިންމައި، އަތޮޅުތެރެއިން ލީގަަށް ކްލަބުތަކުގެ ގޮތުގައި ޓީމުތައް އަންނަން ޖެހެއެވެ. ދިރުމެއް އޮތީ އެ ބީދައިންނެވެ.

އޭގެ އިތުރަށް އޭޝިއާ އެކި ފަންތީގެ މުބާރާތްތަކުގައި ދިވެހި ކްލަބުތަކުގެ ނަން ދެމެހެއްޓުމަށް، ދަށްވަމުންދާ ކްލަބު އިތުބާރު ހިފަހައްޓަންވެސް އޮތީ ރަޖިސްޓާޑް ލީގުގެ މަގެވެ. އެކަން ކުރުންވެސް މުހިއްމުވާ ގޮތަށް، މިއަދަށް އެފްއޭއެމްގެ މާލީ ބާރުވެރިކަން މުޅި ގައުމަށް މުހިއްމެވެ. މިއަދު ތިބީ އެތަން "ދަވާލި" މީހުންނެއް ނޫނެވެ. ނޯމަލައިޒް ކޮމިޓީއެކެވެ. އެ ކޮމިޓީއަށް އެއްބާރުލުން ދޭ މިންގަނޑު ފީފާއިން މިނެކިރާނެ އެވެ. މަންޒަރުން ތަސްވީރު ކުރަހައި، އިސްލާހަށް ބޭނުންވަނީ ކިހާވަރަކަށްތޯ ބަލާނެއެވެ.

އެކަންކަމާ ގުޅޭ ގޮތުން ޒުހޫރު ފާހަގަކުރައްވާފައި ވަނީ ނޯމަލައިޒޭޝަނަކީ ރާއްޖޭގެ ފުޓުބޯޅައިގެ ކުރިމަގަށް މަގެއް ކޮށުން ކަމަށާއި، އެކަމަށް ފުޓުބޯޅަ ސްކޫލު ހިނގާ، ރާއްޖޭގެ ހުނަރުވެރި ކުޅުންތެރިން ހޯދޭނެ ނިޒާމެއް ތަނަވަސްވާން ޖެހޭ ކަމަށެވެ. އެކަމަށް ދަތިކޮށްގެން ނޯމަލައިޒް ނުކުރެވޭނެ ކަމަށްވެސް ޒުހޫރު ފާހަގަކުރެއްވިއެވެ.

"ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އަބަދުވެސް އުއްމީދު ކުރަން. އެޗްޑީސީން ބިން ނެގުމަށް ނޯޓިސް ހަރުކުރުމުންވެސް، އެ ބިން އަލުން ހޯދޭނެ މަގެއް ފެނޭތޯ ތަކުރާރުކޮށް މީޓީންތައްވެސް ކުރިއަށް ގެންދެވިއްޖެ،" ޒުހޫރު ވިދާޅުވިއެވެ.

ޒުހޫރު ވިދާޅުވީ ސަރުކާރުގެ ވިސްނުމުން ފުޓުބޯޅައަށް އެހީތެރިވާނެކަން އެނގޭ ކަމަށާއި، އެކަމުގައި ޝައްކު ނުކުރައްވާ ކަމަށެވެ. އަދި ހާއްސަކޮށް ރާއްޖޭގެ ސަރުކާރުގެ ތެރެއިން ބިމުގެ މައްސަލައަށް ހައްލެއް މުހިއްމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ޖުމްހޫރީ ދުވަހު ދެއްކެވި ވާހަކަފުޅުގައި ފުޓުބޯޅައިގެ ހައްލަކަށް ވެސް ވާހަކަ ދައްކަވާފައިވާ އިރު، ޒުހޫރު ވިދާޅުވީ އެއީ ލިބުނު ފެހި ސިގްނަލެއް ކަމަށެވެ. ދާދިފަހުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ސަރުކާރުގެ ކާމިޔާބީތަކަށް އަލިއަޅުވާލައި ވާހަކަ ދައްކަވަމުން ފުޓުބޯޅަ ނޯމަލައިޒްކުރެވިއްޖެ ކަމަށް ވިދާޅުވެ ދެން ވިދާޅުވީ، ފުރިހަމައަށް އެއްބާރުލުން ދެއްވަމުން ގެންދަވާ ކަމަށެވެ. އެކިއެކި ކަންކަމުގައި މަޝްވަރާކުރައްވައި ލީގު ފެށުމަށް މަގެއް ހޯދިއްޖެކަމަށް ފާހަގަކުރެއްވިއެވެ. ތަފްސީލުކޮށް ހުޅުމާލޭ ބިމުގެ ވާހަކަ ނުދެއްކެވި ނަމަވެސް، އެ އެއްބާރުލުމަށްވެސް މަޝްވަރާ ކުރެވޭނެކަން ޔަގީނެވެ.

ހަމަ ހަގީގަތުގައިވެސް އުންމީދެއް ހޯދުމަށް، ފުޓުބޯޅައިގެ ކަންކަމުގައި މިވަގުތު ވިސްނަން ޖެހިފައި މިއޮތީ އެއް ސިކުނޑިއަކުންނެވެ. ސްޓޭކްހޯލްޑަރުންގެ ވިސްނުން ތަފާތުވެ، ކަސިޔާރުވެ، ހާލަތު ބަދަލެއް ނުވާނެއެވެ. އެންމެން ތިބޭންވީ އެއް ވިސްނުމެއްގައެވެ. އެއީ ދިވެހި ފުޓުބޯޅައިގައި ހައްގުގައެވެ. އެއީ ދިވެހި ދިވެހި ފުޓުބޯޅަ ކޮޅަށް ޖެހުމުގެ ވިސްނުމެވެ.