ސައުދީ އަރަބިއާ ލީގުގެ އަލް ހިލާލުން ހުށަހެޅި ބޮޑު ބިޑަކަށް މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ނޫނެކޭ ބުނެފިއެވެ.

އަލް ހިލާލްގެ ރައީސް ފޯނުން ގުޅާ، ފެނާންޑޭޒަށް ޓްރާންސްފާ ފުރުސަތެއް ހުށަހެޅި ކަމަށާއި، އެ ފުރުސަތާ މެދު ވިސްނި ކަމަށް ބުނަމުން އޭނާ ބުނީ، ނޫނެކޭ ބުނަން ނިންމީ އެންމެ މަތީ ފަންތީގައި ކުޅެން ބޭނުންވާތީ ކަމަށެވެ.

އުމުރުން 30 އަހަރުގެ ފެނާންޑޭޒް ބުނީ ސައުދީގެ އަލް ހިލާލުން ހުށަހެޅި ހުށަހެޅުމާމެދު އާއިލާއެކު މަޝްވަރާކުރި އިރު، އާއިލާއިން ބޮޑަށް ބޭނުންވީ އެ ގައުމަށް ބަދަލުވުމަށް ކަމަށެވެ. އެއީ ފައިސާގެ ގޮތުންވެސް ވަރުގަދަ ހުށަހެޅުމަކަށް ހުށަހެޅުން ވާތީ ކަމަށް ޕޯޗުގަލްގެ ތަރި ފެނާންޑޭޒް ބުންޏެވެ.

ހަބަރުތައް ބުނާ ގޮތުގައި އަލް ހިލާލުން ހުށަހެޅި ހުށަހެޅުމުގައި ވާ ގޮތުން ފެނާންޑޭޒަށް މިހާރު ޖެހޭ މުސާރައިގެން ހަތަރު ގުނަ ބޮޑު އަދަދެއް ޖެހެއެވެ.

ފެނާންޑޭޒް ބުނީ އެ ހުށަހެޅުމަކީ ފަސޭހައިން އާނއެކޭ ބުނެވެން އޮތް ފުރުސަތެއް ނަމަވެސް، ވަރުގަދަ މުބާރާތްތަކުގައި ވާދަކޮށް، ވަރުގަދަ ފުޓުބޯޅައެއް ކުޅެން ދެމި ހުންނަން ބޭނުންވާ ކަމަށެވެ. އަދި ނިންމި ނިންމުން އަމިއްލައަށް ރަނގަޅު ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް އޭނާ ބުންޏެވެ.

ފެނާންޑޭޒް ވަނީ މިދިޔަ ސީޒަނުގައި ކުޅުނު 57 މެޗުގައި 19 ގޯލު ޖަހައި، 19 އެސިސްޓް ޔުނައިޓެޑަށް ފުރިހަމަ ކޮށްދީފައެވެ. އެޓީމުން މިފަހަރު ލީގުގެ 15 ވަނައިގައި ނިންމާލި އިރު، އެއީ މިދިޔަ 50 އަކަށް އަހަރު ދުވަހުވެސް ޔުނައިޓެޑް ވެއްޓުނު އެންމެ ދަށް ހާލަތެވެ.