ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެހެން ނުވާނެ ގޮތަކަށް ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއިލް ލަތީފުގެ މައްޗަށް ތުހުމަތުކުރާ މައްސަލައެއްގައި ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރުމުން އޭނާ ދޫކޮށްލަން ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލަ ބަަލައިފައެވެ. އެ މައްސަަލަ ބެލުމަށްފަހު ޖޭއެސްސީން ނިންމީ ސްލޫކީ މައްސަަލަ ސާބިތުވާތީ ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ފޮނުވުމަށެވެ.

ޖޭއެސްސީން އެދުނު ގޮތަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކުރަން ފާސްކޮށްފައެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ފަނޑިޔާރުން ބަދަލުކުރަން ޖެހޭ ކަމަށް އާ ވެރިންގެ ހިތަށް ވަންނަކަމީ ވަރަށް ބޮޑު ދެރައެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާއިރަށް ފަނޑިޔާރުން ބަދަލުކުރުމަކީ ފެހި ގާނޫނުއަސާސީ ތަސައްވަރުކުރި ގޮތެއް ނޫން ކަމަށެވެ.

"އެހެނަސް މި ގާނޫނުއަސާސީ ބައްޓަންކޮށްފައި މިވަނީ އުންމީދުކުރި ގޮތާ ހިލާފަށް ރަސްކަމެއް ފަދަ ރިޔާސީ ނިޒާމެއް. 2008 ގައި އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާއެކު ސުޕްރީމް ކޯޓު އެކުލަވާލަން ޖެހުނު،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބު 2013، 2018 އަދި 2023 އަށްފަހުގައި ކޮންމެ ވެރިކަމަކުން ވެސް މިވަނީ ފަނޑިޔާރުން ބަދަލުކޮށްފައި ކަމަށާއި އެއީ ވަރަށް ބޮޑު ދެރައެއް އަދި ގޯހެއް ކަމަށެވެ. އެހެން ނުވާނެ ގޮތަކަށް ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.