ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާގެ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އެ ޖަމިއްޔާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ކަމަށް ވިދާޅުވެ އެ ޖަމިއްޔާގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ޖަވާޒް، ދައުލަތުން ބައްސާމުގެ މައްޗަށް ކޮށްފައިވާ ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާގައި ހެކިބަސް ދެއްވައިފިއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ބައްސާމުގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފެށުމާއި ހެކިބަސް ނެގުމުގެ އަޑުއެހުމެއް ބާއްވައިފައެވެ. މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވަނީ އިފްތިތާހީ ބަޔާން ހުށަހެޅުމުގެ ބައިވެސް ކުރިއަށް ގެންގޮސްފައެވެ. ދައުލަތުގެ އިފްތިތާހީ ބަޔާނަކީ ދައުވާގެ ސީއާގައި ބަޔާންކޮށްފައިވާ ކަންކަމަށް ޝަރީއަތުން ވަނީ ބަލައިގެންފައެވެ.

ބައްސާމުގެ ފަރާތުން އިފްތިތާހީ ބަޔާން ހުށަހަޅުއްވަމުން ވަކީލުން ވިދާޅުވީ ބައްސާމުގެ ފަރާތުން ދަނީ މި ދައުވާއަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އިންކާރު ކުރަމުން ކަމަށެވެ. އަދި ހިޔާނަތް ވިކަމަށް ދައުވާގައި ފާހަގަކުރާ ފައިސާތަކަކީ ބައްސާމަށް ލިބެންޖެހޭ ފައިސާތަކެއް ކަމަށް ވަކީލުން ފާހަގަ ކުރެއްވިއެވެ.

އެއަށްފަހު ވަނީ މި މައްސަލައިގެ ހެކިބަސް ނަގައިފައެވެ. މިއަދު ނަގާފައިވަނީ ޖަވާޒުގެ ހެކިބަސް އެކަންޏެވެ. ހެކިބަސް ދެމުން ޖަވާޒް ވިދާޅުވީ އޭނާ މިހާރު ހުރީ ސިޔާސީ މަގާމެއްގައި ކަމަށާއި އެފްއޭއެމްގެ ސްކެރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރެއްވީ 2016 އިން ފެށިގެން 2023 އަށް ކަމަށެވެ.

ޖަވާޒު ވިދާޅުވީ އޭނާ އެފްއޭއެމްގައި މަސައްކަތް ކުރެއްވި އިރު އަދި ޖެނެރަލް ސެކްރެޓަރީގެ ހައިސިއްޔަތުން އެފްއޭއެމްގެ ފައިސާގެ ކަންކަން ބަލަހައްޓާފައި ނުވާނެ ކަމަށާއި ފައިސާގެ ކަންކަން ބެެލެހެއްޓުމުގައި އެންމެ އިސްކޮށް އުޅުނީ އެފްއޭއެމްގެ ރައީސް ކަމަށެވެ. ދެން ފައިސާގެ ކަންކަން ބަލަހައްޓާނީ އެކައުންޓުންސް ޑިޕާޓުމެންޓު ކަމަށާއި އެ ޑިޕާޓުމެންޓުގެ އިސްވެރިއަކީ މުހައްމަދު އަގީލް ކަމަށެވެ.

ދައުލަތުން ވަނީ އެފްއޭއެމް ހިޔާނާތާ ގުޅިގެން އަގީލުގެ މައްޗަށްވެސް ހިޔާނާތުގެ ދައުވާކޮށްފައެވެ.

ޖަވާޒް ވިދާޅުވީ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އިރު، އަގީލް ގެންނަ ޗެކުތަކާއި ވައުޗާތަކުގައި ސޮއިކުރައްވާފައިވާނެ ކަމަށެވެ. އަދި ފައިސާގެ ކަންކަމުގައި އޭނާގެ ސޮއި ހޯދަން އަންނާނީ އަގީލް ކަމަށާއި 2018 ގައި ވެސް އެކަން ހިނގާނީ އެގޮތަށްކަން ޔަގީން ކަމަށެވެ.

ޖަވާޒް ވިދާޅުވީ އެފްއޭއެމްއަށް ފީފާއިންނާއި އޭއެފްސީން ލިބޭ ބޭރު ފައިސާ މާރުކުރުމަށް، ސޮއި ހޯދަން އަގީލް އަންނަ ކަމަށާއި ޑޮޮލަރު މާރުކުރުމުގެ ވަކި އުސޫލެއް ނޯންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އެފްއޭއެމްއަށް ފީފާއިން ފައިސާ ދެނީ ފީފާ ޑިވެލޮޕްމެންޓާ އެއްގޮތަށް ހަރަދުކުރުމަށް ޝަރުތު ކޮށްފައި ކަމަށެވެ. ނަމަވެސް އެ ފައިސާގެ ހަރަދު ކުރުމުގައި އުސޫލުން ބޭރުވާކަން ބައެއް ފަހަރު ފީފާގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ޖަވާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ޖަވާޒް ވިދާޅުވީ ބައްސާމުގެ މައްޗަށް ހިޔާނާތުގެ ދައުވާކޮށްފައިވާ މައްސަލައިގެ ޗެކް ގެނައީ އަގީލް ކަމަށެވެ. އެފްއޭއެމްއަށް ލިބޭ ފައިސާ އަމިއްލަ ބޭނުމަށް ނެގުމަށް ނުވަތަ ލޯނެއްގެ ގޮތުގައި ނުނެގޭނެ ކަމަށް ޖަވާޒް ވިދާޅުވިއެވެ.

ބައްސާމަށް މަހަކު 3،000 ޑޮލަރު ދޭން އެކްޒެކެޓިވް ކޮމިޓީން މަޝްވަރާ ކުރި ކަމަށާއި އެ ފައިސާ މުސާރަ ޝީޓުގައި ނުހިމަނައި ނުދޭނެ ކަމަށް ޖަވާޒް ވިދާޅުވިއެވެ.

ހިޔާންތެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާ ބައްސާމްގެ މައްޗަށް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެކެއްގައެވެ. ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ ދުވަހު ބުނެފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ، އެ އެސޯސިއޭޝަނުގެ ބޭނުމަށް ފެޑަރޭޝަން އިންޓަނޭޝަނަލް ޑި ފުޓްބޯލް އެސޮސިއޭޝަން (ފީފާ) ގެ ފަރާތުން އެމެރިކާ ޑޮލަރުން ދެމުންދިޔަ ފައިސާގެ ތެރެއިން އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާ ބައްސާމްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް 10،000 އެމެރިކާ ޑޯލަރު ޖަމާކުރުމަށްޓަކައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި 10،004 ގެ ޓްރާންސްފާ ކުރުމަށް ލިޔެ، 26 އޮގަސްޓް 2018 ވަނަ ދުވަހު ލިޔުންތައް ހުށަހަޅައި، ބޭންކް ޗާޖުގެ ގޮތުގައި ފަސް ޑޮލަރު އުނިކުރުމަށް ފަހު 9،999 ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.

"އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކަށް ހުށަހެޅި ލިޔުންތަކުގައި 'sales of dollar' ލިޔެފައިވީ ނަމަވެސް، 9,999.00 (ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ އެމެރިކާ ޑޮލަރު) އަށް ވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނޯންނާތީ އާއި، ބައްސާމް އަދީލް ޖަލީލް އެފްއޭއެމް އަށް ޖަމާކޮށްފައިވާކަންވެސް އެނގެން ނޯންނާތީ އާއި، މި ފައިސާ މީނާގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާތީ" ބައްސާމްއަށް ހިޔާނާތުގެ ކުށުގެ ދައުވާ ކުރާ ސަބަބެއްގެ ގޮތުގައި ޕީޖީން ބުނެފައިވެއެވެ.

އެ ކުށް ސާބިތުވެއްޖެ ނަމަ ބައްސާމްގެ މައްޗަށް އެއް އަހަރާއި ހަތްމަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރަނީ ޕީފާއިން ދިން ޑޮލަރު އޭނާގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރުމަށް ފަހު އޭގެ ތެރެއިން 1،910 ޑޮލަރު 2 ސެޕްޓެމްބަރު 2018 ވަނަ ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް، ބައްސާމްގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ގްލޭސިއާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ކަންކަމަށް ބޭނުންކޮށްފައިވާތީ އާއި އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު 5 ސެޕްޓެމްބަރު 2018 ބަނަ ދުވަހު ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓުގެ ކުލި ދެއްކުމަށް ބޭނުންކޮށްފައިވާތީ އާއި އެފްއޭއެމުން އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާ އެކި އަދަދުތަކުން އެކި މީހުންނަށް ފޮނުވައި، އެފްއޭމްއެމްއާ ގުޅުމެއް ނެތް ކަންކަމަށް އެ ފައިސާ ހަރަދުކޮށް އެ ފައިސާ އޭނާގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާތީ ކަމަށް ޕީޖީން ބުނެފައިވެއެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ, ކުރާނެ ހުކުމަކީ 100،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ފަސް އަހަރާއި 15 އަރަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ބައްސާމްގެ މައްޗަށް ކުރާ ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ފަށައިފައިވާ އިރު، އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އެޕާޓްމެންޓެއް ގަނެފައިވާ ކަމަށް ބުނާ މައްސަލައެއްގައި ވެސް ބައްސާމުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ވަނީ ޕީޖީއަށް ފޮނުވައިފައެވެ.

ދައުލަތުން ވަނީ ބައްސާމުގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތުގެ އިތުރު ދައުވާއެއް މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ވެސް ކުރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. މި ދެ ދައުވާގެ އަޑުއެހުންތައް އަދި ކޯޓުގައި ފަށާފައެއްނުވެއެވެ.

އެ ދެ ދައުވާ އުފުލާފައިވަނީ ބައްސާމް، އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރި އިރު، އެ އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ހިޔާނާތްތެރިވެ، އެފްއޭއެމަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި އެމެރިކާ ޑޮލަރުން ދޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާއި ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކުގެ އެކައުންޓުތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލީ އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމުގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން އަމީން ކޮންސްޓްރަކްޝަނަށް ޖީއެސްޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމުލަ 23 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކިއެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާތީއެވެ.