ޔޫއެފާގެ ދެވަނަ ފަންތީގެ މުބާރާތް، ޔޫއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަނުން، ޔޫއެފާގެ އެންމެ މަތީ ފަންތީގެ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގަށް ކޮލިފައިވާ ގޮތަށް އޮތުމަކީ ބޮޑު ގޯހެއް ކަމަށް، ކުރިން އާސެނަލަށް ކޯޗުކަން ކޮށްދިން ފީފާގެ ހެޑް އޮފް ގްލޯބަލް ފުޓްބޯލް އާސެން ވެންގާ ބުނެފިއެވެ.

މިއަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލާ ހަމައަށް ދާން ޓީމުތައް މަސައްކަތް ކުރަމުންދާ އިރު، ދެން ބާކީ އޮތީ ސެމީ ފައިނަލްގެ ދެވަނަ ލެގެވެ. ފުރަތަމަ ލެގުގެ ނަތީޖާތަކާ އެކު އިނގިރޭސި ދެ ޓީމު ކަމަށްވާ ޓޮޓެންހަމް އާއި މެންޗެސްޓާ ޔުނައިޓެޑް ފައިނަލާ ގާތުގައި އޮތް އިރު، އެ ދެ ޓީމަކީވެސް މިފަހަރުގެ ލީގުގަށް ދަށް ދެ ޓީމެވެ.

ޓޮޓެންހަމް އާއި ޔުނައިޓެޑަށްވެސް ލީގުން އަނެއް ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެވެން ނެތް އިރު، ޔުނައިޓެޑް އޮތީ 15 ވަނައިގައެވެ. ޓޮޓެންހަމް އޮތީ 16 ވަނައިގައެެވެ.

ޔޫރޮޕާ ލީގު ހޯދައިގެން ޗެމްޕިއަންސް ލީގު ހޯދުމަށް ޓޮޓެންހަމް އާއި ޔުނައިޓެޑަށް ވެސް ފުރުސަތު އޮތް އިރު، ޔޫރޮޕާ ލީގުގެ ޗެމްޕިއަން ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބޭނެ ގޮތަށް ޔޫއެފާއިން ބަދަލު ގެނައީ 2014 ވަނަ އަހަރުއެވެ.

"އެއްވެސް ގޮތަކަށް ރަނގަޅު ގޮތެއް ނޫން އެއީ ޔޫރޮޕާ ލީގު ހޯދާ ޓީމު ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަކީއެއް. އެޓީމު ޖެހޭނީ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގަށް ކޮލިފައިވާން. މިހާރު ވިސްނާލާ، ޕްރިމިއާ ލީގުން ފަސް ޓީމެއް އޮޓޮމެޓިކުން ކޮލިފައިވާ އިރު، އަނެއްކާ އިތުރު ޓީމަކަށް އެލިބެނީ ޗެމްޕިއަންސް ލީގުން ޖާގައެއް. އެއީ އިންސާފެއް ނޫން،" އާސެނަލާއެކު ޕްރިމިއާ ލީގު ހޯދާފައިވާ ކޯޗު ވެންގާ ބުންޏެވެ.

ޔޫއެފާއިން 2009-10 ވަނަ އަހަރުގެ ސީޒަނުގެ ޔޫރޮޕާ ލީގު ރީ ބްރޭންޑް ކުރިފަހުން، ލީގެއްގެ 12 ވަނައަށްވުރެ ދަށް މަގާމެއްގައި އޮތް ޓީމަކުން ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައެއް ނުވެއެވެ.

ސެވިއްޔާއިން 2023 ވަނަ އަހަރު ތަށި ހޯދި އިރު، 12 ވަނައިގައި ލީގު ނިންމާލި އިރު، ފުލަމް ވަނީ އިނގިރޭސި ލީގުގެ 12 ވަނައިގައި ނިންމާލި ސީޒަނެއްގައި ޔޫރޮޕާ ލީގު ފައިނަލް ކުޅެފައެވެ. އެއީ 2010 ވަނަ އަހަރުއެވެ.

ދެހާސް އަށާރަ ވަނަ އަހަރު ޖޯސޭ މޮރީނިއޯއާއެކު ޔުނައިޓެޑުން ޔޫރޮޕާ ލީގު ހޯދައި، ޗެމްޕިއަންސް ލީގަށް ކޮލިފައިވި އިރު، އެޓީމުން އެފަހަރު ލީގުގައި ނިންމާލީ ހަވަނައިގައެވެ. އެހެންކަމުން އެއީ ކޮލިފިކޭޝަން ބޭރުގައި އޮއްވާ ލިބުނު ޖާގައެކެވެ.

ވެންގާ އިތުރަށް ބުނީ ޔޫރޮޕާ ލީގު ވާދަވެރިކޮށް ކުރިއަށް ގެންދިޔުމުގެ ނަމުގައި ޗެމްޕިއަންސް ލީގު ފުޓުބޯޅަ، ޗެމްޕިއަންކަން ކްލަބަށް ޔަގީންކޮށްދޭން ނުޖެހޭނެ ކަމަށާއި، އެ ގޮތަށް އޮތް އޮތުން ބަދަލުކުރަން ވިސްނަން ޖެހޭ ކަމަށެވެ.