ފީފާ ކްލަބު ވޯލްޑް ކަޕުގެ އާ ފޯމެޓާ ގުޅިގެން ޔާގަން ކްލޮޕް ދެއްކި ވާހަކައަށް، ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް، އާސެނަލްގެ ކުރީގެ ކޯޗު އާސެނަލް ވެންގާ ރައްދު ދީފިއެވެ.
އެމެރިކާގައި ކުރިއަށްދާ ކްލަބު ވޯލްޑް ކަޕަކީ މުޅިން އާ ފޯމެޓަކަށް ފީފާއިން ބާއްވަން ފެށި މުބާރާތެކެވެ.
މީގެ ކުރިން އޮންނަ އުސޫލުން ކްލަބު ވޯލްޑް ކަޕްގައި ވާދަކުރަނީ ބައްރުތަކުގެ ޗެމްޕިއަނުން އެކަންޏެވެ. އެ މުބާރާތް ކޮންމެ އަހަރަކު ބާއްވަމުން ދިޔައެވެ. އެހެން ބާއްވަމުން ދިޔަ މުބާރާތަކީ މާ ބޮޑަށް ވައިގައި ހިފި މުބާރާތެއްވެސް ނޫނެވެ. އާއްމުކޮށް ޔޫރަޕުން ވާދަކުރާ ޓީމު ދެ މެޗެއް ކުޅެލައި، ތަށި ނަގަނީއެވެ. އޭރު އޮތް ގޮތަށް ނިމުން ގެންނަން އާ ފޯމެޓުގެ ކްލަބު ވޯލްޑް ކަޕް ފީފާއިން އިއުލާނުކުރީ 2022 ވަނަ އަހަރު ގަތަރު ވޯލްޑް ކަޕަށްފަހުއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެ ފަހަރު އިއުލާނުކުރީ 32 ޓީމާއެކު، ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކްލަބު ވޯލްޑް ކަޕް ބާއްވާށެވެ. އެއީ ގައުމުތަކުގެ ވޯލްޑް ކަޕް އޮންނަ އުސޫލުންނެވެ.
އާ ފޯމެޓްގެ ކްލަބު ވޯލްޑް ކަޕަށް ތަފާތު ފާޑުކިޔުންތައް އަމާޒުވެފައިވާ އިރު، ކުރިން ލިވަޕޫލަށް ކޯޗުކަން ކޮށްދިން ޔާގަން ކްލަބު ބުނީ "މިއީ މިހާތަނަށް ފުޓުބޯޅައިގައި ފެނުނު އެންމެ ދޯހަޅި ވިސްނުން،" ކަމަށެވެ.
ކްލޮޕްގެ އެ ވާހަކަތަކަށް ރައްދު ދެމުން ވެންގާ ބުނީ، ހިޔާލަކީ ތަފާތުވާނެ އެއްޗެއް ކަމަށާއި، ކްލޮޕުގެ ވިސްނުމަށް ތާއީދު ނުކުރެވޭ ކަމަށެވެ.
"އަހަންނަކަށް ގަބޫލެއް ނުކުރެވޭ ކްލޮޕް ދެއްކި ވާހަކައެއް. މި ފޯމެޓަށް ކްލަބު ވޯލްޑް ކަޕެއް ބާއްވަން ޖެހޭ. މިއީ ބޭނުންތެރި މުބާރާތެއް. އަހަންނަށް ޔަގީން މުބާރާތުގައި ކުޅުނު ޓީމުތަކުން 100 ޕަސެންޓް މިކަމަށް ތާއީދުކޮށް، އަލުން ބާއްވަން ބޭނުންވާނެކަން،" ވެންގާ ބުންޏެވެ.
ވެންގާ އިތުރަށް ފާހަގަކުރީ މެޗުތައް ބަލަން ދާ މީހުންގެ އަދަދެވެ. ކްލަބު ވޯލްޑް ކަޕު ފެށި އިރު، މުބާރާތުގެ ގްރޫޕް ސްޓޭޖު ބައެއް މެޗުތައް ކުޅުނު ވަގުތު ސްޓޭޑިއަމަށް މާ ގިނަ މީހުން ވަދެފައި ނުވާ ކަމަށް ބުނެ، މީޑިއާތަކުން ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރިއެވެ.
ވެންގާ ބުނީ ބައެއް މެޗުތައް އެހެން ދިޔަ ނަމަވެސް، އުންމީދު ކޮށްފައިވާ ވަރަށްވުރެ މާ ގިނަ މީހުން މެޗުތައް ބަލަން ވަދެފައިވާ ކަމަށެވެ. ހާއްސަކޮށް ނޮކްއައުޓް މެޗުތަކަށް ބޮޑެތި ސްޓޭޑިއަމްތައް ފުރިފައިވާ ކަމަށްވެސް ވެންގާ ބުންޏެވެ.
ކްލަބު ވޯލްޑް ކަޕަކީ ފީފާއިން އަންނަ އަހަރު އުތުރު އެމެރިކާގައި ހޯސްޓް ކުރާ ވޯލްޑް ކަޕަށް ތައްޔާރުވާންވެސް ލިބުނު މުބާރާތެކެވެ. އެމެރިކާގެ ސްޓޭޑިއަމްތަކުގެ އިންތިޒާމުތައް ބަލައި، ސަޕޯޓަރުންގެ ޝައުގުވެރިކަން ކްލަބު ވޯލްޑް ކަޕުން ފެނިގެންދާނެ ކަމަށް ގިނަ ބަޔަކު ބުނެފައިވާ އިރު، ބައެއް ނޫސްތަކުން ބުނީ ފީފާއިން މެޗުތަކުގެ ޓިކެޓް ހުސްކުރަނީ އަގުހެޔޮކޮށްގެން ކަމަށެވެ. އަދި ބައެއް ކޮލެޖުތަކަށް ހިލޭ ޓިކެޓް ދިން ކަމަށްވެސް ބުނެފައިވެއެވެ.
ޓިކެޓްގެ ވާހަކައިގެ އިތުރުން ވެންގާ ވަނީ އެމެރިކާގެ ހޫނު ގަދަކަމުން ކުރާ ޝަކުވާތަކަށްވެސް ވާހަކަދައްކައިފައެވެ. ވެންގާ ބުނީ ކޫލިން ބްރޭކް ދީ، އިތުރު ކަންކަމަށް ބަލައި އެކަން ހައްލު ކުރަމުންދާ ކަމަށާއި، ދަނޑުތަކުގެ ފެންވަރުވެސް ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރެވޭނެ ކަމަށެވެ.
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް