ތަޖުރިބާކާރު ކޯޗު، ފީފާގެ ޗީފް ހެޑް އޮފް ގްލޯބަލް ފުޓްބޯލް އާސެން ވެންގާ ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް އޮފްސައިޑް ގަވާއިދަށް ބަދަލު ގެންނަން ޓްރަޔަލްތައް ފަށާފައިވާ ކަމަށް އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑު (އައިއެފްބީ) އިން ބުނެފިއެވެ.

އާސެނަލްގައި 22 އަހަރު ހޭދަކުރުމަށްފަހު ވެންގާ އެ ކްލަބު ދޫކޮށްލީ 2018 ވަނަ އަހަރުގައެވެ. އާސެނަލްއާއެކު ވެންގާ ވަނީ ތާރީހީ ކާމިޔާބީތަކެއް ހޯދައިފައެވެ. މިހާރު ފީފާގައި ވެންގާ ވަޒީފާ އަދާކުރަމުން އަންނައިރު، އޭނާގެ މަގާމުގެ ގޮތުން ފުޓުބޯޅައިގެ ފައިދާއަށް ބައެއް ގަވާއިދުތައް ބަދަލުކުރުމަށް ވެންގާ އަބަދުވެސް ބާރު އަޅައެވެ.

އެގޮތުން އޮފްސައިޑް ގަވާއިދަށް ބޮޑު ބަދަލެއް ގެންނަން މަސައްކަތް ކުރާ ކަމަށް މީގެ އަހަރެއްހާ ދުވަސް ކުރިންވެސް ވެންގާ ވަނީ ފާހަގަކޮށްފައެވެ.

ވެންގާ ހުށަހަޅި ބަދަލަކީ އެޓޭކަރަށް ފައިދާ ވާނެ ގޮތަށް ހުށަހެޅި ބަދަލެކެވެ. މިހާރު އޮންނަ ގޮތުން، ބޯޅަ ދުއްވާލާ ގަޑީ ޑިފެންޑަރަކަށްވުރެ ކުޑަ ތަންކޮޅެއް ކުރީގައި އެޓޭކަރު އޮތް ނަމަވެސް، އޮފްސައިޑްވާނެއެވެ. އެއީ އަތް ފިޔަވާ ހަށިގަނޑުގެ އެހެން ކޮންމެ ބައެއް ނަމަވެސް މެއެވެ.

ވެންގާ ބޭނުން ވަނީ އެޓޭކަރު ހަށިގަނޑުގެ ކޮންމެ ތަނެއް ނަމަވެސް، ޑިފެންޑަރާ އެއް ހަމައެއްގައި އޮތަސް، އެއީ އޮފްސައިޑް ނޫން ކަމަށް ނިންމާށެވެ. އެހެން ބަދަލު ގެންނަން ވެންގާ ބޭނުން ވަނީ ވީއޭއާރްގެ ސަބަބުން މިލިމީޓަރަށް ބަލަން ފެށުމުގެ އިތުރުން ގޯލު ގިނަ ކުރުމަށް ކަމަށް ބުންޏެވެ.

އެ ބަދަލާއެކު ވެންގާ ހުށަހެޅި ހުށަހެޅުމުގައި ބުނެފައި ވަނީ ފުޓުބޯޅައަށް އެންމެ ބޮޑެތި ބަދަލުތަކެއް ގެނައީ 1990 ވަނަ އަހަރުގެ ވޯލްޑް ކަޕާއެކުގައި ކަމަށެވެ. އެގޮތުން މިހާރު މި އޮންނަ އޮފްސައިޑް ގަވާއިދުވެސް އޭގެފަހުން ތައާރަފް ކުރި އިރު، އޭގެ ކުރިން އެޓޭކަރު ހަށިގަނޑުގެ ކޮންމެ ހިސާބެއް ޑިފެންޑަރާ ހަމައިގައި އޮތަސް އޮފްސައިޑެވެ.

އެެފަހަރު ވޯލްޑް ކަޕުގައި އެވަރެޖް މެޗަކަށް 2.21 ގޯލު ފެނުނު އިރު، އެއީ ވޯލްޑް ކަޕް ތާރީހުގައި އެންމެ ގޯލު މަދު މުބާރާތެވެ. އެހިސާބުން އޮފްސައިޑް ގަވާއިދު މިހާރު އޮންނަ ގޮތަށް ބަދަލުކޮށް، ފަހަތަށް ކީޕަރަށް ޖަހާ ޕާސް ނުހިފޭނެ ގަވާއިދުވެސް ހެދިއެވެ.

ވެންގާ ބުނީ އާ އޮފްސައިޑް ގަވާއިދު މިހާރު އިޓަލީގެ އުމުރުފުރާ މެޗުތަކުގައި ޓެސްޓްކުރަން ފަށާފައިވާ ކަމަށާއި، އެ ބަދަލު އެންމެ އަވަހަސް ފެންނާނީ 2026 ހިސާބުގައި ކަމަށެވެ.

ވެންގާގެ ގަވާއިދު ޓެސްޓް ކުރަމުންދާ ނަމަވެސް، އެ ގަވާއިދު ބަދަލުކުރާނީ ފީފާގެ އިތުރު ދިރާސާތަކުގެ އިތުރުން އައުއެފްއޭބީގެ ހާއްސަ ކޮމިޓީއަކުން ފާސްވެއްޖެ ހާލަތެއްގައި އެކަންޏެވެ.