މިފަހަރު ވޯލްޑް ކަޕްގެ ތެރެއިން ކޮންމެ މެޗެއްގައިވެސް ދެމުންދާ ހައިޑްރޭޝަން ބްރޭކްގެ ސަބަބުން މެޗުތަކުގެ އޮއިވަރަށް ބަދަލު އައިސް، ނަތީޖާތަކަށް އަސަރުކުރާކަށް ދެކެވޭ ވާހަކަ ގަބޫލުނުކުރެވޭ ކަމަށް ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓުބޯލް ޑެވަލޮޕްމެންޓް އާސެން ވެންގާ ބުނެފިއެވެ.

މިފަހަރު ވޯލްޑް ކަޕް ބޭއްވި ގައުމުތަކުގެ މޫސުމަށް ބަލައި ހޫނުގަދަވުމުން ކުޅުންތެރިންނަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ ހައްލެއްގެ ގޮތުގައި ފީފާއިން ނިންމީ ކޮންމެ މެޗެއްގެ، ކޮންމެ ހާފެއްގައި ތިން މިނެޓްގެ ހައިޑްރޭޝަން ބްރޭކެއް ދޭށެވެ. އެކަން އެގޮތަށް ނިންމީ އެމެރިކާގައި ކުޅެން ޖެހޭ ބައެއް މެޗުތައް ސިއްހީ ގޮތުން ކުޅުންތެރިންނަށް ގެއްލުންވާ ވަރަށް ހޫނު ގަދަވާނެ ކަމަށް ލަފާކޮށްފައެވެ. އެކަން އެގޮތަށް ފެނިގެންވެސް ދިޔައެވެ. ބައެއް މެޗުތައް ރެކޯޑު ހޫނުގައި ކުޅެން ޖެހިފައިވާ އިރު، އެކަން ގޯސްކަމަށް ބައެއް ކުޅުންތެރިންނާއި ކޯޗުން ބުނެފައި ވަނީ ހުރިހާ މެޗެއްގައި ބްރޭކް ދޭތީއެވެ.

ހައިޑްރޭޝަން ބްރޭކަކީ ފީފާއިން ފައިދާ ހޯދަން ކުރި ކަމެއް ނޫން ކަމަށް އިންފަންޓީނޯ ބުނެފައިވާ އިރު، އެ ބްރޭކްތައް ބޭނުންކޮށް ބްރޯޑްކާސްޓަރުން އިޝްތިހާރުގެ ފައިދާ ނެގި ކަމަށްބުނެ ފާޑު ކިޔާފައިވެއެވެ. އަދި ބައެއް ކޯޗުންނާއި ކުޅުންތެރިން ފާހަގަކުރީ އެ ބްރޭކްތަކުން މެޗުތަކުގެ އޮއިވަރަށް ބަދަލު އައިސް، ކޯޗިން ބްރޭކަކަށް ބްރޭކް ވެފައިވާ ކަމަށެވެ. އަދި ބައެއް ތަފާސްހިސާބުތަކަށް ބަލާއިރު ބޮޑެތި ޓީމުތަކުން ބްރޭކްގެ ބޭނުންކޮށް ނަތީޖާ އަނބުރާލިތަންވެސް ފެނިފައިވެއެވެ.

"މެޗުތަކުގެ އޮއިވަރަށް ހައިޑްރޭޝަން ބްރޭކް އަސަރެއް ނުކުރޭ. ދެން ސަޕޯޓަރުން ހައިޑްރޭޝަން ބްރޭކާ ދެކޮޅު ކަމަށް ބައެއް ފަހަރު ފާހަގަވި. އެހެންވީމަ އޭގެ ސަބަބުން ބެލުންތެރިންނަށް ކުރެވޭ އިހުސާސްތަކަށް އަލުން ބަލަން ޖެހޭ،" ވެންގާ ބުންޏެވެ.

"އަހަންނަށް ފެނުނު ގޮތުގައި ހައިޑްރޭޝަން ބްރޭކުން މެޗުގެ ނަތީޖާއަކަށް އަސަރެއް ނުކުރޭ. އެކަމަކު އަހަރެމެން ފުޓުބޯޅަ މި ކުޅެނީ ސަޕޯޓަރުންނަށް. އެހެންވީމަ އެ ސަޕޯޓަރުންގެ ހިތްހަމަ ނުޖެހުމަށް ބަލަން ޖެހޭ. އެހެންވީމަ ސީދާ ފުޓުބޯޅައަށް ހައިޑްރޭޝަން ބްރޭކް އިތުރު ކުރުމަކަށް އަދި ނުނިންމަން. އެކަމަށް ޖެހޭނީ މަޝްވަރާތަކަކަށް ދާން،" ކުރިން އާސެނަލަށް ކޯޗުކަން ކޮށްދިން ވެންގާ ފާހަގަކުރިއެވެ.

ވެންގާ ބުނީ ފިނި ބައެއް ސިޓީތަކުގައި ކުޅުނު މެޗުތަކުގައި ހައިޑްރޭޝަން ބްރޭކް ދޭން ނިންމީ ހުރިހާ މެޗަކަށް އެއް އުސޫލެއް ގެންގުޅެން ކަމަށާއި، އެހެން އެކަން ނުކުރިނަމަ މާ ޝަކުވާ ގިނަވީސް ކަމަށެވެ.