ޗައިނާއަކީ ނުރައްކާތެރި އިސްތިއުމާރީ ބާރެއްގެ ގޮތުގައި ދެއްކުމަށް ހުޅަނގުގެ މީޑިއާއިން މިންނެތް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ޗައިނާގެ ސޫރަ ކިލަނބުކުރުން ނޫންކަމެއް ހުޅަނގުގެ މީޑިއާއިން ކުރާތަނެއް ނުފެނެއެވެ. ސަބަބަކީ ކޮބައިހެއްޔެވެ. ޗައިނާއަކީ އެބުނާފަދަ ނުރައްކާތެރި ގައުމެއް ހެއްޔެވެ. މިސުވާލުތަކަށް ޖަވާބު ލިބޭނީ ތާރީޚުގެ ތެރެއަށް ފީނައިގެންނެވެ. އެގޮތަށް ފީނައިގަތީމާ ފެންނަނީ އެހެން މަންޒަރެކެވެ. ކުޑަކޮށް ތިލަކޮށްލަމާ ބަހީއެވެ. ޗައިނާއަކީ އިރެއްގައި ހުޅަގުގެ ބާރުތަކުން ނޮޅައި، ވީދައި، ކޮލޮނީތަކެއް ގާއިމުކުރި މައިދާނެކެވެ. އިނގިރޭސީންނަށް ހޮންގްކޮންގެވެ. ޕޯޗުގީޒުންނަށް މެކާއޫއެވެ. ޖަރުމަނީއަށް ޖިއާޒޫބޭއެވެ. އެމެރިކާއަށް ޝެންހާއީއެވެ. ޗައިނާގެ މުޅި އައްސޭރި އޮތީ ކޭކެއްގެ މިސާލުގައި ފޮތިފޮތިކޮށްފައި ހުޅަނގުގެ ބާރުތަކުގެ މެދުގައި ބަހައިފައެވެ. ވިޔަފާރި ކޮންޓްރޯލްކުރުމުގެ މަގުސަދުގައެވެ. ނުވިތާކަށް ޖަޕާނުންވެސް ތަންކޮޅެއްފަހުން ޗައިނާއަށް އަރައި ޗައިނާގެ މުޅިއިރުމަތި ހިފައިގެން އުޅުނެވެ.

ޗައިނާގެ ރައްޔިތުންގެ ތެރެއިން ވިހި މިލިޔަން މީހުން ޖަޕާނު ސިފައިން ވަނީ މަރައިފައެވެ. ޗައިނާގެ ރަސްކަމުގެ ފަރާތުން މިއިން ބާރަކާ ދެކޮޅަށް ކިރިޔާވެސް ނިޝާނެއް ދައްކައިލާއިރަށް ހުޅަނގުގެ ބާރުތަކުން ބެއިޖިންއަށް އަރައި ރަސްކަމުގެ ގަޑުވަރުގައި ހުޅުޖަހައެވެ. މިއީ ހައްތާވެސް ވިޔަފާރީގެ މަސްލަހަތު ދެމެހެއްޓުމުގެ އަމަލުތަކެވެ. ހަންފެތުރުމުގެ އަމަލުތަކެވެ. އެކަމަކު އެއީ މާޒީއެވެ. ތާރީޚެވެ. ފަހަރުގައި އެކަން ތަކުރާރުކުރާހިތްވާ ބޮޑުކަމުން ޗައިނާގެ މިއަދުގެ ހައިސިއްޔަތު ފެނިފައި ހަސަދަވެރިވަނީކަމަށް ވެދާނެއެވެ. ކޮންމެއަކަސް ޗައިނާގައި ހުޅަނގުގެ މުސްތައުމިރުން ޖެހި ސަކަރާތުގެ ވާހަކަ ފަށައިގަންނާނީ އިނގިރޭސިންނާ ހަމައިންނެވެ. އިނގިރޭސިން ހޮންކޮންގް ފޭރިގަތީ 1842 ގައެވެ. ގިނަދުވަސްތަކެއް ނުވެ އެތަނާއި ޖެހިގެންެއޮތް ކައުލޫންވެސް ފޭރިގެންފިއެވެ. ހަމައެދުވަސްވަރު ވެއިހައިވެއިއޭ ކިޔުނު ސަރަހައްދުވެސް ފޭރިގަތެވެ. ބޭނުމަކީ ޗައިނާގެ އައްސޭރިން ބައެއް ކޮންޓްރޯލްކޮށް އިނގިރޭސީންގެ ވިޔަފާރި ފުޅާކުރުމެވެ.

މިދެންނެވި ކޮލޮނީތަކުގެ ތެރެއިން ފަހަރަކު ތަނެއް ދޫކުރަމުން ދޫކުރަމުންގޮސް އެންމެފަހުން ހޮންގްކޮންގް ދޫކޮށްލީ 1997 ގައެވެ. މިހާރު އިނގިރޭސިން ބުނެއެވެ. ހޮންގްކޮންގް ދޫކޮށްލުމަކީ ހެދުނު ގޯހެކެވެ. އެހެން ބުނާއިރު ހޮންގްކޮންގުން ފޭބުން ނޫންގޮތެއް ނެތްކަން ހަނދާނެއްވެސް ނެތެވެ. ޗައިނާގެ އައްސޭރީގައި ހުޅަނގުގެ ބާރުތަކުން ކޮލޮނީތައް ގާއިމުކުރުމުގެ ފެށުމަކީ މީލާދީން 1557 ގައި ޕޯޗުގީޒުން ޗައިނާގެ އައްސޭރީގައި ގާއިމުކުރި ވިޔަފާރީގެ މަރުކަޒެކެވެ. މެކާއޫއަކީ އެއީއެވެ. އެންމެ ފުރަތަމަ ޗައިނާއަށް ފައިސާކޮޅެއް ދީފައި އަހަރު ކުއްޔަށެވެ. ފަހުން މަކަރާއި ހީލަތްހަދައި ގަދަބާރު ނެރެގެން މުޅިން ފޭރިގަތީއެވެ. އެހެންވީމާ ޗައިނާގައި ގާއިމުކުރެވުނު ވިލާތުގެ ފުރަތަމަ ކޮލޮނީއަކީ މެކާއޫއެވެ. ހަމައެގޮތަށް މެކާއޫއަކީ ޗައިނާގެ ސަރަހައްދުގައި އޮތް ވިލާތުގެ އެންމެފަހުގެ ކޮލޮނީވެސް މެއެވެ. ޕޯޗުގީޒުން އެތަނުން ފައިބައި ޗައިނާއާ ހަވާލުކުރީ 1999 ގައެވެ. އެނޫން އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ.

ޗައިނާ އަޅުވެތިކޮށް ކުޅޭކުޅޭ ދައުލަތެއްގެ ގޮތުގައި ބޭއްވުމަށް ހުޅަނގުން ގެންގުޅުނު ސިޔާސަތުގެ އެއް މިސާލަކީ ވެރިރަށް ބެއިޖިންގުގައި ހުންނަ ރަސްކަމުގެ ގަނޑުވަރުގައި ހުޅުޖެހުމެވެ. މިކަމެއް ހިނގީ މީލާދީން 1860 ވަނަ އަހަރުއެވެ. އިނގިރޭސިންނާއި ފަރަންސޭސިން ގުޅިގެންނެވެ. ހުއްޖަތަކަށް ދެއްކީ އިނގިރޭސިންގެ ވަފުދަކަށް ޗައިނާގެ ރަސްކަމުގެ ފަރާތުން ބޭއިހުތިރާމް ކުރީޔޯލައެވެ. ކޮންމެއަކަސް މިކަމެއްގެ މޭސްތިރިޔަކީ އިނގިރޭސިވިލާތުގެ ލޯޑް އެލްގިންއެވެ. އިނގިރޭސި ރާނީ ކުއީން ވިކްޓޯރިޔާ އާއި ބޮޑުވަޒީރު ހެންރީ ޖޯން ޓެމްޕަލްގެ އަމުރަށެވެ. މިއަދުގެ ޗައިނާއަކީ އެޒާތަށް ކުޅެވެންއޮތް މައިދާނެއް ނޫނެވެ. ބައެއް މީހުން ހީކުރުން އެކަށީގެންވެއެވެ. އެމެރިކާއަކީ މާފަހަކުން އުފެދުނު ދައުލަތަކަށްވާތީ އެމެރިކާއަކުން ޗައިނާގައި ކޮލޮނީތަކެއް ގާއިމެއް ނުކުރެއެވެ. ނޫނެކެވެ. އެމެރިކާއިންވެސް އެކަން ކުރިއެވެ. މީލާދީން 1848 ވަނަ އަހަރުން ފެށިގެން 1863 ވަނަ އަހަރާ ހަމައަށް ޗައިނާގެ ޝެންހާއީ އޮތީ އެމެެރިކާގެ ކޮންޓްރޯލްގެ ދަށުގައެވެ.

ސީދާ ކޮލޮނީއެކޭ ނުކިޔަކަސް ޝެންހާއީގެ މައްޗަކަށްވެސް ޗައިނާގެ ރަސްކަމުގެ ބާރެއް ނެތެވެ. މިއީވެސް މަކަރާއި ހީލަތުން ކޮށްފައިއޮތް ކަމެކެވެ. ފަހުން 1863 ވަނަ އަހަރުން ފެށިގެން އިނގިރޭސިން ކޮންޓްރޯލްކުރި ސަރަހައްދާއި އެއްކޮށްލައިގެން ދެން އެސަރަހައްދުގެ މައްޗަށް އެމެރިކާއިން ބާރުހިންގީ އިނގިރޭސިންނާ ގުޅިގެންނެވެ. ޝެންހާއީގެ އިތުރަށް ޗައިނާގެ ޓިއާންޖިންގެ މައްޗަށްވެސް މީލާދީން 1860 ވަނަ އަހަރުން ފެށިގެން 1901 ވަނަ އަހަރާ ހަމަޔަށް އެމެރިކާއިން ބާރު ހިންގިއެވެ. ގާތްގަޑަކަށް ކޮލޮނީއެއްގެ މިސާލުގައެވެ. ބޭނުމަކީ އެމެރިކާގެ ވިޔަފާރި ފުޅާކުރުމާއި ދެމެހެއްޓުމެވެ. ދެންއޮތީ ޖަރުމަންވިލާތުގެ ވާހަކައެވެ. ޖަރުމަނަކީވެސް ޗައިނާ ފޮތިފޮތިކޮށް ވިޔަފާރި ކުރިއެރުވުމުގެ ބޭނުމުގައި ޗައިނާގައި ކޮލޮނީތަކެއް ހިންގި އިސްތިއުމާރީ ބާރެކެވެ. ޗައިނާގެ ޖިއާޒޫބޭ އާއި ސިންގްޓާއޯއާއި ޓިއެންޓްސިން، އަދި ހަންކޫއޮތީ 1898 ވަނަ އަހަރުން ފެށިގެން ފުރަތަމަ ބޮޑު ހަގުރާމަޔާ ހަމަޔަށް ޖަރުމަންވިލާތުގެ ކޮންޓްރޯލްގެ ދަށުގައެވެ.

ނުވިތާކަށް ޗައިނާގެ ވެރިރަށް ބެއިޖިންގުގެ ވަރަށް ބޮޑު ސަރަހައްދެއްގެ މައްޗަށްވެސް އޮތީ ޖަރުމަނުގެ ހުކޫމަތެވެ. ދެވަނަ ބޮޑު ހަގުރާމަ 1945 ވަނަ އަހަރު ނިމެންދެންވެސް ޖަރުމަންވިލާތުގެ އެތައްހާސް ވިޔަފާރިވެރިންނެއް ޗައިނާގެ ޝެންހާއީގައި ވަކިވަކި ޕޮކެޓްތަކެއް ހަދައިގެން ޗައިނާގެ ވެރިކަމަށް ބޯނުލަނބައި ހިޓްލަރަށް ތަބާވެގެން އުޅުނެވެ. ޗައިނާދެކެ ހުޅަނގުން އަރާހައި ރުޅިއެއްގެ އަސްލަކީ މާޒީ އިއާދަނުކުރެވުމެވެ. ޗައިނާއިން ޓިބެޓް ހިފީޔޭ، ޒިންޖިއާން ހިފީއޭ، އިސްތިއުމާރޭ، ފައިބާށޭ ގޮވާއިރު އެމެރިކާއިން މެކްސިކޯއަށް އަރައި ހިފި ކެލިފޯނިޔާއާއި ޓެކްސަސް ކޮބައިހެއްޔެވެ. އެއީ ހަމަގައިމުވެސް 1845 ވަނަ އަހަރާއި 1848 ގައި ގަދަކަމުން ފޭރިގަތް ސަރަހައްދުތަކެކެވެ. ޓެކްސަސް، ކެލިފޯނިޔާ، ނެވާޑާ، އޫތާ، އެރިޒޯނާ، ކޮލަރާޑޯ، ވަޔޮމިންގް، އޮކްލަހޯމާ، ކެންސަސް، އަދި ނިއުމެކްސިކޯއަކީ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އެމެރިކާއަަށް އިތުރުކުރެވުނު ސްޓޭޓްތަކެއް ނޫނެވެ.

މިދެންނެވީ ގަދަބާރުން އެމެރިކާއިން ވެރިވެގަތް ތަންތަނުގެ ވާހަކައެވެ. މިއަދުވެސް އެމެރިކާޔާއި މެކްސިކޯގެ މެދުގައި އޮންނަ ހަސަދައިގެ އަސްލަކީ ފޭރިގަތް ބިންތަކެވެ. މާއޯގެ ވެރިކަމުގެ ދުވަސްވަރު 1949 ގައި ޗައިނާއާ އެއްކޮށްލެވުނު ޒިންޖިއާނާއި 1951 ގައި ޗައިނާއާ އެއްކޮށްލެވުނު ޓިބެޓުން ޗައިނާ ފައިބަން ހުޅަނގުން ބާރުއަޅަންޏާ މިދެންނެވި ތަންތަނުން އެމެރިކާ ފައިބާކަށް ނުވޭހެއްޔެވެ. ނޫނެކެވެ. ޗައިނާއަށް ވަކިގޮތެއް ހުޅަގަށް ވަކިގޮތެއް އޮވެގެން ނުވާނެއެވެ. ތެދެކެވެ. ޗައިނާގައި އޮތީ ކޮމިއުނިޒަމެވެ. އެކަމަކު ކޮމިއުނިޒަމް އުފަންވީ ކޮންތާކުހެއްޔެވެ؟ އުފަންވީ ޔޫރަޕުގައެވެ. ޖަރުމަންވިލާތުގައެވެ. އެއީ ފަލްސަފާއެކެވެ. ބާނީއަކީ ޖަރުމަންވިލާތުގެ ފިލޯސަފަރެއް ކަމަށްވާ ކާލް މާކްސްއެވެ. ކޮމިއުނިޒަމްގެ އަތްމަތީ ފޮތަކީ 1848 ގައި ކާލް މާކްސް ލިޔުނު ޑަސް ކެޕިޓަލް، މިފޮތެވެ. ޗައިނާއިން ކުރިކަމަކީ ހުޅަނގުގެ ވިޔަފާރީގެ ބޭއިންސާފު އުސޫލުތައް އުވައިލުމުގެ ގޮތުން ކާލް މާކްސްގެ ތިއަރީތައް ނަކަލުކުރީއެވެ. މާއޯ ޒެޑޮންގެ ވެރިކަމުގެ ދައުރުގައެވެ.

ޗައިނާގެ ވެރިކަމުގެ ނިޒާމު ކޮމިއުނިޒަމާ ގުޅިފައިވިޔަސް ޗައިނާގެ އިގްތިސާދަކާއި ކޮމިއުނިޒަމް ގުޅިފައެއް ނެތެވެ. ސަގާފަތަކާވެސް ގުޅުމެއް ނެތެވެ. ސަގާފަތުގެ ބިންގަލަކީ ކޮންފިއުޝިއަނިޒަމެވެ. ގަދީމީ ޗައިނާގެ އާލިމެއް ކަމުގައިވާ ކޮންފިއުޝަސްގެ އުސޫލުތަކެވެ. އިންސާފާއި ކިޔަމަންތެރިކަމާއި އުނގެނުމާއި މުރާލިކަމާއި އަމާނާތްތެރިކަމާއި ސުލްހަވެރިކަމުގެ މައްޗަށް ބާރުއަޅާ އުސޫލުތަކެވެ. ޗައިނާދެކެ ރުޅިއަރަންޏާ އެކަމުގެ ސިއްރަކީ މި އުސޫލުތަކެވެ. ހުޅަނގުގެ ބާރު އިއާދަކުރުމުގެ ހިޔަޅު ނިޔަތެވެ. އެކަމަށް ހުރަސްއަޅާ ކޮންމެބަޔަކީ ދުޝްމަނުންނެވެ. ޑިމޮކްރަސީއަކީ ބަހަނާއެކެވެ. އިންސާނީ ހައްގުތަކުގެ ވާހަކައަކީ ގިރިޓީކުރުމެކެވެ. މެދުއިރުމަތިން އެކަން ދަނީ ފެންނަމުންނެވެ. އެތާކު އިންސާނީ ހައްގުތަކެއް ނެތެވެ. ފަލަސްތީނަކަށް އިންސާނިއްޔަތު ކަމެއްވެސް ނެތެވެ. ކޮންމެއަކަސް ޗައިނާއަކީ ތަހުޒީބު ގައުމެކެވެ. ގޮތްކުޑަކަމާއި ހިޔަޅުކަމަކީ ޗައިނާ މީހުންގެ ސިފަތަކެއް ނޫނެވެ. ކަންކަންކުރަނީ ތަހުޒީބުކޮށް ނަލަކޮށެވެ. ހިސާބުޖަހައިފައެވެ.