މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު، ހެއްކަށް ނުފޫޒު ފޯރުވަންޖެހޭ ސަބަބެއް ނޯންނާނެކަމަށް އޭނާގެ ދިފާއީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވެއްޖެއެވެ.
މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ. ކްރިމިނަލް ކޯޓުގެ އެ އަމުރު ޝަމްއާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ މަހުގެ 26 ގައެވެ.
ހައިކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް މިދިޔަ މަހުގެ 28 ގައި ނިންމި ނަމަވެސް، ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމުން ނިންމީ މައްސަލަ ބަލައިގަތުމަށެވެ. ފުލުހުން މި މަހުގެ ހަވަނަ ދުވަހު ބުނެފައިވަނީ ޝަމްއާންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
ކުރިމިނަލް ކޯޓުން ޝަމްއާން، 15 ދުވަހަށް ބަންދުކުރަން އަމުރުކުރީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ އިހުތިމާލު އޮތުމުންނެވެ. އެފަހުން ޝަރީއަތް ނިމެންދެން ބަންދުކުރީ ހެއްކެއް ނުފޫޒު ފޯރުވަފާނެކަމުގެ އިހުތިމާލު އޮތުމުންނެވެ.
ޝަމްއާންގެ ފަރާތުން ވަނީ އެ ދެ އަމުރުވެސް އިސްތިއުނާފުކޮށްފައެވެ. ހައިކޯޓުގައި މިއަދު ވަނީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި މަައްސަލައިގެ އިސްތިއުނާފީ އަޑުއެހުމުގެ ޝަރީއަތެއް ބާއްވައިފައެވެ. ޝަމްއާންގެ ފަރާތުން ވަނީ ހަތަރު އިސްތިއުނާފީ ނުކުތާއެއް ހުށަހަޅައިފައެވެ.
އެ ނުކުތާތައް ހުށަހަޅައިދެއްވަމުން ނޫރުއްސަލާމް ވިދާޅުވީ މި މައްސަލައިގައި ޝަމްއާންއާ ދެކޮޅަށް ހެކިބަސް ދީފައިވަނީ ކޮންބައެއްކަން އަދި ޝަމްއާނަށް އެނގިވަޑައިގެންފައިނުވާ ކަމަށެވެ. އެހެންކަމުން އެ ހެކިތަކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލެއް ޝަމްއާންގެ ފަރާތުން ނޯންނާނެކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ. ޝަމްއާންގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމަށް އެއްވެސް ކަމެއް ކުރަންޖެހޭ ސަބަބެއްވެސް ނޯންނާނެކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.
މި މައްސަލައިގެ ހެކިތަކަށް ޝަމްއާން ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތްކަމަށް ދައުލަތުން ދެކެނީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މަތީ ކޯޓެއްގެ ނިންމުމަށް ރިއާޔަތްކޮށްގެން ކަމަށްވާ އިރު، އެ މައްސަލައިގައި ތަތުބީގު ކޮށްފައިވާ އުސޫލުތައް މި މައްސަލައަށް ތަތުބީގު ނުކުރެވޭނެކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.
އެ ވާހަކައާ ގުޅިގެން ދައުލަތުން ވިދާޅުވީ ދައުލަތުން އެގޮތަށް މާނުކުރަނީ މަތީ ކޯޓުގެ ދެ ނިންމުމަކަށް ރިއާޔަތްކޮށްގެން ކަަމަށެވެ. އޭގެ ތެރެއިން އެއް ނިންމުމަކީ ހިޔާނާތުގެ މައްސަލައަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށާއި އެ ނިންމުމުގައި މައްސަލަ ބެލި ފަނޑިޔާރު ރިއާޔަތްކުރީ ދައުލަތުން ފާހަގަކުރާ މަސްތުވާތަކެތީގެ މައްސަލައިގެ ނިންމުމަށް ރިއާޔަތްކޮށްގެންކަމަށް ދައުލަތުން ވިދާޅުވިއެވެ.
ޝަމްއާނަކީ ގާނޫނު ތަންފީޒު ކުރާ އިދާރާއެއްގެ އެންމެ އިސްވެރިއަކަށް ހުންނެވި ބޭފުޅެއް ކަމަށާއި އެފަދަ މަގާމެއްގައި ހުންނަވާ ބޭފުޅަކަށް ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ އިރު، މައްސަލައިގެ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ތުހުމަތުވާ ފަރާތަށް ލިބިގެންވާނެކަމަށް ދައުލަތުން ވިދާޅުވިއެވެ.
މި މައްސަލައިގެ ހެކިންނަކީ ކޮންބައެއްކަން އެނގިވަޑައިގެންފައިނުވާކަމަށް ޝަމްއާންގެ ފަރާތުން ފާހަގަކުރި ނަމަވެސް އެ ހެކިވެރިންނަކީ ކޮން ބައެއްކަން ސީދާކޮށް ޝަމްއާނަށް އެނގިވަޑައިނުގަތަސް އެއީ ކޮންބައެއްކަން ޝަމްއާނަށް ކޮންމެވެސް ވަރަކަށް އެނގިވަޑައިގަންނަވާނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ.
ކުރިމިނަލް ކޯޓުން ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމީ ފަނޑިޔާރަށް ގާނޫނުން ލިބިދޭ އިހުތިޔާރެއްގެ ދަށުން މި މައްސަލައަކީ އިސްތިއުނާފު ކުރެވޭނެ މައްސަލައެއްނޫން ކަމަށް ދައުލަތުން ވިދާޅުވިއެވެ. އަދި ޝަމްއާންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަކީ އިސްތިއުނާފީ އޮނިގަނޑު ގިރާކުރެވޭނެ ނުކުތާތަކެއް ނޫންކަން ދައުލަތުން ފާހަގަކުރެއްވިއެވެ.
އިސްތިއުނާފީ ނުކުތާގައި ނޫރުއްސަލާމް ވިދާޅުވީ ފުލުހުންނަށް އެކަނި ހިޔާނާތުގެ މައްސަލައެއް ތަހުގީގު ނުކުރެވޭނެ ކަމަށެވެ. ހިޔާނާތުގެ މައްސަލަތައް ތަހުގީގުކުރުމުގެ އިހުތިސޯސް ލިބިގެންވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ކަމަށެވެ. ނަމަވެސް ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި އޭސީސީއާއި ފުލުހުންނަށް މި މައްސަލަ ތަހުގީގު ކުރެވިދާނެ ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.
ފުލުހުން އެކަނި ހިޔާނާތުގެ މައްސަލައެއް ތަހުގީގުކޮށްފިނަމަ އެ ތަހުގީގެއް ބާތިލުވާނެކަމަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅައިފައިވާކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ. ޝަމްއާން އެންމެ ފުރަތަމަ ހައްޔަރުކޮށް ބަންދުކުރިއިރު އޭސީސީން މި މައްސަލައިގައި ފުލުހުންނާއެކު ޖޮއިންޓް އިންވެސްޓިގޭޝަނަކަށް ގޮސްފައިނުވާކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.
ހިޔާނާތުގެ އެކަނި މައްސަލަތަކުގައި ހައްޔަރުކުރުމުގެ އަމުރަކަށް އެދެވޭނީ އޭސީސީއަށް ކަމަށާއި ނަމަވެސް އެފަދަ އަމުރެެއް ތަންފީޒުކުރާނީ ފުލުހުން ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.
ޝަމްއާނަށް މަނީ ލޯންޑަރިންގެ ތުހުމަތު ފުލުހުން ކުރަނީ އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާ ފެނުމުން އެއީ ގާނޫނާހިލާފު ކަމެއްކޮށްގެން ޝަމްއާން ހޯދި ފައިސާކަމަށް ފުލުހުންނަށް ތުހުމަތުކުރެވިގެން ކަމަށާއި މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭނީ އެހެން ކުށަކާ ގުޅިގެން ކަމަށްވިޔަސް ޝަމްއާނަށް މަނީ ލޯންޑަރިންގެ ތުހުމަތު ފުލުހުން ކުރިއިރު ހިޔާނާތުގެ ތުހުމަތެއް ނުކުރާ ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.
ނަމަވެސް ޝަމްއާން ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުރަތަމަ ފަހަރަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރިއިރު ފުލުހުން ވަނީ ހިޔާނާތުގެ ތުހުމަތުކޮށްފައި ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ. ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމަން ހާޒިރުކުރިއިރުވެސް އޭސީސީން ކޯޓަށް ނުދާކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.
އެއީ ހިޔާނާތުގެ މައްސަލައެއްގައި ދުވަހަކުވެސް އަމަލުކުރި ގޮތެއް ނޫންކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.
ދިފާއުގެ އެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވީ މަނީ ލޯންޑްރިންގެ ތުހުމަތާއި ކޮރަޕްޝަންގެ ތުހުމަތު ކުރާ އިރު، ހަމައެކަނި މަނީ ލޯންޑްރިންގެ ކުށުގެ ތަހުގީގު ފުލުހުންނަށް ހިންގިދާނެ ކަމަށް މަތީ ކޯޓުތަކުން ކަނޑައަޅާފައިވާ ކަމަށެވެ. ދައުލަތުން ވިދާޅުވީ ކުށުގެ ތުހުމަތުގައި މީހަކު ހައްޔަރުކުރާއިރު އެ މީހަކާ މެދު ތުހުމަތުކުރެވޭ ހުރިހާ ކަމެއް ބަޔާން ކުރުމަކީ ގޮތެއް ކަމަށެވެ. އަދި ވިދާޅުވީ ހައްޔަރުކުރަން އެދޭ އިރު ބަޔާންކުރާ ތުހުމަތަށް ދައުވާ ކުރަން ފުލުހުން ފޮނުވުން ނޫން ކަމަށާއި ކޮރަޕްޝަންގެ ތުހުމަތެއް އުޅޭ ނަމަ އެކަމެއް ފުލުހުން އޭސީސީއަށް އަންގާނެ ކަމަށެވެ. މައްސަލައިގައި ޖޮއިންޓް އިންވެސްޓިގޭޝަނެއް ނުވަތަ ވަކި ތަހުގީގެއް ހިންގަން ބޭނުން ނަމަ އެކަމެއް ނިންމާނީ އޭސީސީން ކަމަށް ދައުލަތުން ވިދާޅުވިއެވެ.
ދައުލަތުން ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ ހައްޔަރުކުރުމުގެ ބާރު ލިބިގެންވަނީ ފުލުހުންނަށް ކަމަށެވެ. ކުށެއްގެ ތުހުމަތުކުރެވޭ ފަރާތެއް ހައްޔަރުކުރުމުގެ މަރުހަލާގައި ޖޮއިންޓް އިންވެސްޓުގޭޝަނެއް ކުރިއަށްގެންދަން ޖެހޭނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި މި މައްސަލައިގައި ޝަމްއާން ހައްޔަރުކުރިކަން ފުލުހުން ވަނީ 22 މާޗުގައި އޭސީސީއަށް އަންގައިފައި ކަމަށް ދައުލަތުން ވިދާޅުވިއެވެ. އަދި 28 މާޗުގައި އޭސީސީން ވަނީ މި މައްސަލައިގައި ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދިޔުމަށް ނިންމައި އެކަން ފުލުހުންނަށް އަންގައިފައި ކަމަށް ދައުލަތުން ވިދާޅުވިއެވެ.
މީގެ އިތުރުން ދައުލަތުން ވިދާޅުވީ ޝަމްއާންގެ ފަރާތުން ފާހަގަކުރާ ފަދައިން މި މައްސަލައިގެ ތަހުގީގު ބާތިލުވާންޖެހޭފަދަ ހާލަތެއް ނާންނަ ކަމަށެވެ. އެކަން އަބްދުﷲ ޔާމީންގައްޔޫމް ވ. ޕްރޮސިކިއުޓާ ޖެނެރަލް ގަޒިއްޔާގައި ނިންމާފައިވާ ނިންމުންތަކުން އެނގޭ ކަމަށެވެ. އެ ގަޒިއްޔާގައިވާ ގޮތުން އެހެން ކުށެއް ސާބިތުނުވި ނަމަވެސް މަނީ ލޯންޑަރިންގެ ކުށް ސާބިތުކުރެވިދާނެ ކަމަށާއި ހިޔާނާތާއި މަނީ ލޯންޑަރިންގެ ކުށެއް އެއްފަހަރާ ކުރެވޭއިރު ފުލުހުންނަށް އެކަނި މަނީ ލޯންޑަރިންގެ މައްސަލަ ތަހުގީގު ކުރެވިދާނެ ކަމަށެވެ.
ދައުލަތުގެ ވާހަކަ ނިމުމުން މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ ޝަމްއާނަށާއި ދައުލަތަށް ގިނަ ސުވާލުތަކެއް ކުރައްވައިފައެވެ. މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ނިޔާޒު (ނިޔާޒު) އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިންއެވެ.
މިއަދުގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރު ނިޔާޒް ވިދާޅުވީ ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވަނީ މާދަމާ މެންދުރުފަހު ކަމަށެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން