ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާ ޓާމިނަލްގައި 35 "އީ-ގޭޓް" ހަރުކޮށް، ފަތުރުވެރިންނަށް ވެސް އިމިގްރޭޝަން ކްލިއަރެންސް ހިދުމަތް ދޭން ފަށައިފިއެވެ.
މީގެ ކުރިން "އީ-ގޭޓް" މެދުވެރިކޮށް ކްލިއަރެންސް ހިދުމަތް ދެމުން ގޮސްފައި ވަނީ ދިވެހިންނަށް އެކަންޏެވެ.
ވީއައިއޭގެ އެރައިވަލް ޓާމިނަލްގައި 20 ގޭޓް އަދި ޑިޕާޗާގައި 15 ގޭޓް މިހާރު ވަނީ ހަރުކޮށްފައެވެ.
އާ ޓާމިނަލްގައި އީ-ގޭޓްތައް އިތުރުކޮށް، ފަތުރުވެރިންނަށް އެ ހިދުމަތް ދޭން ފެށުން ފާހަގަކުރަން ވީއައިއޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮންޓްރާ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ފަސީހު ވިދާޅުވީ، އީގޭޓް އަކީ ތަރައްގީވެފައިވާ ގައުމުތަކުގައި ބޭނުން ކުރާ ހިދުމަތެއް ކަމަށެވެ.
ފަސީހު ވިދާޅުވީ މި އީގޭޓުތައް ހުޅުވުމާ ގުޅިގެން އިމިގްރޭޝަން އޮފިޝަރުންގެ އިންޓަރެކްޝަންތައް ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށެވެ.
"ދެން މި އީގޭޓްސް މެދުވެރިކޮށް މީހަކު އެ ހުރަސްކޮށްފިއްޔާ އެ މީހަކު ފުރާއިރު ނުޖެހޭނެ ޕާސްޕޯޓެއްވެސް ޖައްސާކަށް. އެހެންވީމާ ސީމްލެސްކޮށް މިކަން ދާނީ. މިއީ އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ ގައުމަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" ފަސީހު ވިދާޅުވިއެވެ.
ފަސީހު ވިދާޅުވީ، އީގޭޓް ބޭނުން ކުރި ނަމަވެސް ސެކިއުރިޓީ އެއްވެސް ވަރަކަށް ބްރީޗް ނުވާނެ ކަމަށާއި އެކަން ކުރަނީ ދުނިޔޭގައި އެކަން ކުރާ ގޮތް ބަލައިގެން ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، މި ހިދުމަތަކީ މޯލްޑިވްސް 2.0ގެ އިމްޕޮމެންޓޭޝަންގެ ދަށުން ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރަމުން ގެންދާ މަސައްކަތެއް ކަމަށެވެ.
"މި މަސައްކަތުގެ އާހިރުގެ ނަތީޖާއަކީ ރާއްޖޭގެ ބޯޑަރުން ވަދެގެން އަންނަ ކޮންމެ ފަރާތަކީ ސަލާމަތަކާއި ރައްކާތެރިކަމާއި ކަށަވަރު ކުރަން ޖެހޭ އެހެނިހެން ކަންކަން ކަަށަވަރުވެގެން އޭނާ އެތެރެވާއިރުވެސް ރާއްޖެއަކީ ޓޫރިޒަމް ޑެސްޓިނޭޝަނެއް ކަމަށް ދަނެގެން، އެ ދެވޭ ހިދުމަކީ އެންމެ އަވަހަށް ދެވޭނެ ހިދުމަތެއްކަން ކަށަވަރު ކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އީގޭޓްސްގެ ހިދުމަތް މި ސަރަހައްދުން މި ލެވެލްގައި ދޭން ފެށި ފުރަތަމަ ގައުމަކީ ރާއްޖެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އީގޭޓް ބޭނުން ކުރަން ފެށުމުން ވަގުތު ސަލާމަތްވެގެންދާނެ ކަމަށެވެ. އެގޮތުން ކުރިން އިމިގްރޭޝަން ކައުންޓަރުން 30 ސިކުންތާއި 50 ސިކުންތާ ދޭތެރޭގެ ވަގުތުކޮޅެއް ނަގާ ކަންތައް މިހާރު ފަސް ސިކުންތާއި ދިހަ ސިކުންތައި ދޭތެރޭގައި ނިމިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި މި ހިދުމަތް ފުރަތަމަ ފެށިގެން ދާއިރު ކަނޑައެޅިފައިވާ 46 ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށާއި މި ހިދުމަތުގައި މިހާތަނަށް ބައިވެރިވެފައިވާ 31 އެއާލައިނެއްގެ ފަސިންޖަރުންނަށް، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އީ-ގޭޓް މެދުވެރިކޮށް އިމިގްރޭޝަންގެ މަރުހަލާ ނިންމާލެވޭނެ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ މި އީ-ގޭޓްތަކުގައި ބޭނުން ކުރަނީ މޫނާއި ލޮލުގެ ކަޅީގެ ސިފަތައް ދެނެގަނެވޭ ފަދަ އެންމެ ޒަމާނީ ބަޔޯމެޓްރިކް ވެރިފިކޭޝަން ޓެކްނޮލޮޖީ ކަމަށެވެ. މި ޓެކްނޮލޮޖީ މެދުވެރިކޮށް ފަސިންޖަރާއި އިލެކްޓްރޯނިކް ޕާސްޕޯޓުގައި ހުންނަ މައުލޫމާތާއި އަޅާކިޔައި ކަށަވަރު ކުރެވޭނެއެވެ.
އަލީ ޔާމިން

ކޮމެންޓް