ކ. ހުރާއިން 43 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، މަސައްކަތް ކުރާ ބިދޭސީން ބަލައި ފާސްކުރުމަށް ޓާސްކުފޯހުން އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް ހުރާގައި ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި 341 މީހަކު ބަލައިފާސްކޮށް، އޭގެ ތެރެއިން 43 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެމުއައްސަސާއިން ބުންޏެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކޮށް. އެމީހުން ޑީޕޯޓް ކުރުމުގެ އޮޕަރޭޝަންތައް މި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ ކުރަމުންނެވެ.
އެގޮތުން މި ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް އުޅުނު 13000 ބިދޭސީން ޑީޕޯޓްކޮށްލާފައެވެ.
މީގެ އިތުރުން ރާއްޖޭގައި ތިބި ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ތިބި ބިދޭސީންގެ 99 ޕަސެންޓް މީހުންގެ 10 އިނގިލީގެ ބަޔޯމެޓްރިކްސް ނަގައި ވަނީ ނިންމާފައެވެ.
ކޮމެންޓް