ހައި ކޯޓުގެ އިސް ފަނޑިޔާރު، ސ. ހިތަދޫ ބާޒީގޭ ހުސެއިން ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދިނުމަށް ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ފަނޑިޔާރު ހުސެއިން ޝަހީދު ސުޕްރީމް ކޯޓުގެ ފަޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާދެއްވުމާ އެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފޮނުއްވެވިއެވެ.

ޝަހީދަށް މަޖިލީހުން ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު، މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ މިއަދުގެ ޖަލްސާގެ ތަޅުމަށް އިއްވުމުން، އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވިކަން މަޖިލިސް ރައީސް އިއުލާން ކުރެއްވިއެވެ.

އެނަން ދިރާސާކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވިދާޅުވީ، އެފަދަ ކަންކަމުގައި ކޮމިޓީން އަމަލުކުރާ ގޮތަކީ އެއީ ޖޭއެސްސީން އިންޓަވިއުކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވައިގެން މަޖިލީހަށް ހުށަހަޅާ ނަކަމަށްވާތީ، އެމީހަކާ ކޮމިޓީން އިންޓަވިއު ކުރުމުގެ ބަދަލުގައި، އެ ނަމާއެކު ރައީސްގެ ސިޓީއާއެކު ކޮމިޓީއަށް ފޮނުއްވާ ޑޮއިކުމެންޓްތަކަށް ބެލުމަށްފަހު ކޮމިޓީން ގޮތެއް ކަނޑައެޅުން ކަމަށެވެ.

އެހެންކަމުން އެ މައްސަލައިގައި ކޮމިޓީން ގޮތެއް ކަނޑައެޅުމަށް ބަހުސް ހުޅުވައިލެއްވިއެވެ.

އެންމެ ފުރަތަމަ ވާހަކަ ދެއްކެވި ހުޅޫދޫ ދާއިރާގެ މެންބަރު މުހައްމު ޝާހިދު ވިދާޅުވީ ޝަހީދުގެ ނަމަކީ ކޯޓުތަކުގެ ބެލެނިވެރި ފަރާތް، ޖޭއެސްސީން ދިރާސާކުރުމަށްފަހު، ރައީސަށް ފޮނުއްވުމުން، އެކަމުގައި ކޮމިޓީން ދެކޭގޮތް ބެއްލެވުމަށް ފޮނުއްވި ނަމެއް ކަމަށެވެ.

އެހެންކަމުން އެކަމުގައި ކޮމިޓީން ދިރާސާ ކުރާނެ ކަމެއް ނެތް ކަމަށާއި ވޯޓެއް ނަގައިގެން ޝަހީދުގެ ނަން އަވަހަށް ފާސްކޮށް ފަނޑިޔާރުކަމަށް އައްޔަން ކުރެވޭނެ ގޮތެއް ވީހާވެސް އަވަހަކަށް ކޮމިޓީން ނިންމަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އެ ނަން އިތުރަށް ދިރާސާ ކުރަންޖެހޭ ކަންތައްތަކެއް މަޖިލީހުގެ ގަވާއިދުގައި ނެތް ކަމަށާއި ގަވާއިދު ބުނަނީ އެކަމުގައި ދެގޮތުންކުރެ ގޮތެއް ނިންމުމަށް ކަމަށް ވިދާޅުވެ، ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަންކުރަން މަޖިލީހުން ރުހުންދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކުރަން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވިއެވެ.

ތާއީދު ކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދެވް.

އެގޮތަށް ޝަހީދުގެ ނަން ކޮމިޓީން ފާސްކުރީ އެވަގުތު ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި މެންބަރުންގެ އިއްްތިފާގުންނެވެ.