ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ވާދަކުރާ އެންމެ ފާހަގަކޮށްލެވޭ ސަރަހައްދީ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ގިނަ ގައުމުތަކެއްގައި ކުޅޭ ގޮތަށް ނިންމާފައި އޮތް ނިންމުން ބަދަލުކޮށް، އެއް ގައުމެއްގައި މުބާރާތް މިއަހަރުވެސް ބާއްވަން ނިންމައިފިއެވެ.

މިއަދު ބޭއްވި ސާފްގެ އެކްސްކޯ ބައްދަލުވުމުގައި ނިންމާފައި ވަނީ ސަރަހައްދީ އެންމެ ބޮޑު މުބާރާތް، ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ގިނަ ގައުމުތަކެއްގައި ހޯސްޓް ކުރެވެން މިވަގުތު ނެތް ކަމަށެވެ. އެގޮތުން ސަރަހައްދީ ގައުމުތަކުގެ ސިޔާސީ ހާލަތާއި އެހެނިގެން ދަތިތައް އެކަމުގައި ހުރި ކަމަށް އެކްސްކޯއިން ފާހަގަކޮށްފައިވެއެވެ.

ކުރިން ނިންމާފައިވާ ގޮތުން މިއަހަރު ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި ކުޅޭ ހުރިހާ ގައުމެއްގައިވެސް މެޗުތައް ހޯސްޓް ކުރަން ނިންމާފައިވާ އިރު، ކޮންމެ ގައުމަކަށްވެސް ހޯމްގައި މެޗުތައް ކުޅުމަށް ފުރުސަތު ލިބޭނެއެވެ. އަދި ބައެއް މެޗުތައް އަވޭގައި ވެސް ކުޅެން ޖެހޭނެ މެއެވެ. އެ ބަދަލަކީ ސީދާ ހޯމް އެންޑް އަވޭ އުސޫލަަށް ކުޅެން ގެނައި ބަދަލެއް ނޫންނަމަވެސް، ހޯމް އަދި އަވޭ މެޗުތަކެއް ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ ގޮތަށް ގެނައި ބަދަލެކެވެ.

ސާފް ޗެމްޕިއަންޝިޕަށް އެ ބަދަލު ގެންނަން ކުރިން ނިންމި ނަމަވެސް، މިހާރު މުބާރާތް ބާއްވަން އަނެއްކާވެސް ނިންމާފައި ވަނީ ސެންޓްރަލައިޒްކޮށެވެ. އެހެންކަމުން މިއަދުގެ ބައްދަލުވުމުގައި އެ މަޝްވަރާވެސް ކޮށްފައިވެއެވެ. އެގޮތުން މުބާރާތް ހޯސްޓް ކުރުމަށް ސްރީ ލަންކާއަށް ދޭންވެސް މަޝްވަރާ ކުރެވިފައިވެއެވެ.

"ވަން ސްޕޯޓްސް"އަށް އެނގިފައިވާ ގޮތުގައި މުބާރާތް ސްރީ ލަންކާގައި ބާއްވަން އަދި އެކްސްކޯއިން ނިންމާފައެއް ނުވެއެވެ.

ސާފް ޗެމްޕިއަންޝިޕަކީ މި ސަރަހައްދުގެ އެންމެ ވާދަވެރި ފުޓުބޯޅަ މުބާރާތެވެ. ރާއްޖެއިން 2008 އަދި 2018 ވަނަ އަހަރު މުބާރާތް ކާމިޔާބުކޮށްފައިވާއިރު، އެންމެފަހުން 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި މުބާރާތް ކާމިޔާބުކުރީ އެންމެ ކާމިޔާބު ޓީމު އިންޑިއާ އެވެ. އެންމެފަހުން ސާފް ޗެމްޕިއަންޝިޕްގައި ކުވައިތާއި ލުބުނާނުންވެސް ވާދަކޮށްފައިވެއެވެ. އެއީވެސް މުޅިން އަލަށް ގެނައި ބަދަލެކެވެ.