ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކުއާޓާ ފައިނަލް ފުރަތަމަ ޖާގަތައް އެންމެފަހުގެ ރަނަރަޕް ލ. ގަމާއި އެންމެފަހުގެ ޗެމްޕިއަން ބ. އޭދަފުށިން ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގަދަ 16 ގެ ހުރިހާ މެޗެއް ރޭ ރެހެންދި ދަނޑުތަކުގައި ކުރިއަށް ގޮސްފައިވާ އިރު، ގަދަ 16 ގެ ފުރަތަމަ މެޗުގައި ގަމުން ރ. އިނގުރައިދޫ ކަޓުވާލީ ޕެނަލްޓީ ޖަހައިގެންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން ނަތީޖާއަކުން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ގަން މޮޅުވީ 10-9 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި އަހުމަދު ހަލީމް (އަންމަޑޭ)ގެ ގޯލުން ލީޑު ނަގައިގެން ގަމުން ކުޅެމުން ދިޔަ ނަމަވެސް، އިނގުރައިދޫން މެޗުގެ ފަހުކޮޅުގައި ނުރައްކާ ބޮޑުކުރިއެވެ. ހާއްސަކޮށް އަލީ ހާފިޒް (ހާއްޕެ)ގެ ނުރައްކާ ބޮޑަށް ފެނިގެން ދިޔަ އިރު، މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށް، އަލީ ފާތިހު އިނގުރައިދުއަށް އެއްވަރުކުރިއެވެ.
ޕެނަލްޓީގައި ދެޓީމުންވެސް ފެނުނީ ދާދި ހަމަހަމަކޮށެވެ. އިނގުރައިދޫގެ ހާއްޕެއާއި އަހުމަދު މަޝީދު، ޖަނާހް އަބްދުލް ރަހުމާން، އަލީ ޝާފިއުގެ އިތުރުން މުހައްމަދު މަމްދޫހާއި އަބްދުﷲ ނަބީހު، އަހުސަމް އަލީ އަދި އަބްދުﷲ ސަނޫން ޖެހި ޕެނަލްޓީތައް ވެއްދި އިރު، ގަމުން ވަނީ ޝިޔާން ޝާފިއު، ޒައިދާން އަބްދުﷲ، ހުސައިން އަޒްމީ، އަބްދުﷲ ޖުނައިދު (ޖެންނޭ)، އަލީ ޝާމިސް (ތޮއްޕެ)، އަންމަޑޭގެ އިތުރުން ހަސަން ފަވާޒް، ހުސައިން ނާޝިދު (ނާއްޓޯ) އަދި ކީޕަރު އަހުމަދު ހުޝާމް ޖެހި ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ.
ހުޝާމް ޕެނަލްޓީ ވެއްދީ އަނެއްކޮޅުން ޖެހި ޕެނަލްޓީއެއް ސާވްކޮށްފައި ގޮސް ފޮނުވާލި ޕެނަލްޓީގައެވެ. ގަމަށް ކުއާޓާ ޔަގީންކޮށްދިނުމުގެ އެންމެ ބޮޑު ރޯލެއް އަދާކުރީ ކީޕަރު ހުޝާމެވެ.
ގަމުން ކުއާޓާގައި ނުކުންނަން ޖެހޭނީ އެންމެފަހުގެ ޗެމްޕިއަން އޭދަފުއްޓާ ދެކޮޅަށެވެ. އޭދަފުށިން ރޭ ފުވައްމުލަކު ދަޑިމަގު ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި އޭދަފުށިން ފުރަތަމަ ތިން ގޯލުގެ ލީޑެއް ނެގި އިރު، އެޓީމުގެ އަލީ ނަސީމް (ދިއްލި) ވަނީ ދެ ގޯލު ޖަހައިފައެވެ. އަނެއް ގޯލަކީ ދިއްލި ފޮނުވާލި ބޯޅާއެއްގައި މުހައްމަދު ސާފު ނިޒާރޫ ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ.
ފަހުވަގުތު ދަޑިމަގުން ހިތްވަރުކުރި ނަމަވެސް އެޓީމަށް މެޗު އެއްވަރުކޮށްލެވޭ ގޮތެއްް ނުވިއެވެ. ދަޑިމަގުގެ ގޯލުތައް ޖެހީ ކީޕަރު އިސްމާއީލް ފާތިހު (ތާޑޭ) އާއި އަޖުމަލް އަހުމަދެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ އަންގާރަ ދުވަހުގެ ރޭގައެވެ. ގަމާއި އޭދަފުށި ވާދަކުރާ މެޗު އޮންނާނީ 8:00 ގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިއަހަރުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ. "ވަން ސްޕޯޓްސް"އިން ދަނީ މުބާރާތުގެ ހާއްސަ ކަވަރޭޖެއް ކުރިއަށް ގެންދަމުންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް