ޔޫއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ ޕްލޭ އޮފް ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުތައް، ޕީއެސްޖީގެ އިތުރުން ޔުވެންޓަސްއާއި ޑޯޓްމުންޑުންވެސް ކާމިޔާބުކޮށްފިއެވެ.

ޕީއެސްޖީން ރޭ ރަށުން ބޭރުގައި 3-0 އިން ބްރެސްޓް ބަލިކުރި އިރު، ޑޯޓްމަންޑުން ރަށުން ބޭރުގައި ސްޕޯޓިން ބަލިކުރީ 3-0 އިންނެވެ. އަދި ޔުވެންޓަސްއިން އަމިއްލަ ދަނޑުގައި ރޭ ޕީއެސްވީ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގު މުޅިން ތަފާތު ފޯމެޓަކަށް ކުޅެމުން އަންނައިރު، ޕްލޭ އޮފްގައި ވާދަކުރަނީ ގަދަ އަށެއްގައި ނުހިމެނި، އަށް ވަނައިން 24 ވަނައާ ދޭތެރޭ ހިމެނުނު ޓީމުތަކެވެ.

ޕީއެސްޖީއަށް ޕްލޭ އޮފް ފުރުސަތު ހޯދައިދިނުމުގައިވެސް އިސް ރޯލެއް އަދާކުރި ޑެމްބެލޭ، ރޭގެ މެޗުގައިވެސް ދެ ގޯލު ޖެހިއެވެ. މިހާތަނަށް މި ސީޒަނުގައި ޕީއެސްޖީއަށް އޭނާ ކުޅުނު 11 މެޗުގައި 18 ގޯލު ޖަހާފައިވެއެވެ.

ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން ދެމެޗު ހެޓްރިކް ހަދާފައިވާ މަދު ކުޅުންތެރިންގެ ލިސްޓަށް ނަން އިތުރުކޮށްލަން ޑެމްބެލޭއަށް ފުރުސަތު ލިބި ބޭކާރުވި އިރު، 82 ވަނަ މިނެޓުގައި ވަނީ އޭނާގެ ބަދަލުގައި ގޮންކާލޯ ރާމޯސް ކުޅެން ނެރެފައެވެ.

ރޭގެ މެޗުގައި ބްރެސްޓުންވެސް ރަނގަޅު ފުރުސަތުތަކެއް ހޯދި އިރު، އެޓީމުގެ ދެ ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވިއެވެ. ޕީއެސްޖީން މެޗުގައި ޖެހި އަނެއް ގޯލަކީ ވިޓީނިއާ ޖެހި ގޯލެކެވެ.

ޑޯޓްމަންޑުން ރޭ ސްޕޯޓިންނާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ތިން ގޯލުވެސް ފެނުނީ ދެވަނަ ހާފުގައެވެ. ސެރްހޫ ގުއިރަސީ ސީޒަނުގައި 10 ގޯލު ހަމަކުރި އިރު، އެޓީމުގެ އަނެއް ގޯލުތައް ޖެހީ ޕަސްކަލް ގްރޮސްއާއި ކަރިމް އެޑެޔޭމީއެވެ.

ލީގު ބުރުގެ 20 ވަނައިގައި ނިންމާލީ ޔުވެންޓަސްއިން ރޭ މޮޅަކާއެކު ފެށި އިރު، އެޓީމަށް މެޗުގެ ކުރީކޮޅުގައި ފުރުސަތުތައް ލިބި ބޭކާރުވިއެވެ. ނިކޮލަސް ގޮންޒާލެސްއާއި ކެނާން ޔިލްޑީޒްގެ އިތުރުން ކޯލޯ މުއާނީއަށްވެސް ފުރުސަތުތައް ލިބި ބޭކާރުވި އިރު، ވެސްޓޮން މެކްނީ ޔުވެންޓަސްއަށް ލީޑު ނަގައިިނީ 34 ވަނަ މިނެޓުގައެވެ.

ދެވަނަ ހާފަށް ނުކުމެ ސަމިއުލް އެމްބަންގޫލާ ޖެހި ގޯލުން ޔުވެންޓަސް ލީޑު ފުޅާކުރި އިރު، ޕީއެސްވީއަށް ގޯލު ޖަހައިދިނީ އިވާން ޕެރިސިޗެވެ.