ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ތިނެއްގައި ރޭ ކުޅުނު މެޗުގައި ކާށިދޫ ކައިރިން 7-4 އިން މޮޅުވެ، އެންމެފަހުގެ ޗެމްޕިއަން ބ. އޭދަފުށިން ޒޯން ފައިނަލާއެކު ގަދަ 16 ޔަގީން ކޮށްފިއެވެ.
ރޭ ޒޯން ތިނެއްގެ ފަހު މެޗުތައް ރެހެންދި ފުޓްސަލް ދަނޑުތަކުގައި ކުޅެފައިވާ އިރު، އެ ޒޯނުގައި ރޭ ކުޅުނީ އޭދަފުއްޓާއި ކާށިދޫ ވާދަކުރި މެޗުގެ އިތުރުން މާފުއްޓާއި ކުރެންދޫ ވާދަކުރި މެޗެވެ.
ރޭގެ މެޗުތަކަށް ނުކުތްއިރުވެސް ފައިނަލުގެ ފުރަތަމަ ޖާގަ ކާށިދޫން ޔަގީން ކޮށްފައި އޮތް އިރު، އޭދަފުއްޓަށް އޮތީ ކާށިދޫ ބަލިކުރުމެވެ. އަދި މާފުއްޓަށް އޮތީ ކުރެންދޫ ބަލިކޮށް، ކާށިދޫން އޭދަފުށި ބަލިކުރޭތޯ އިންތިޒާރު ކުރުމެވެ.
މާފުށިން އެ އިންތިޒާރުގައި ތިބެ، މާފުށިން ރޭ 11-1 އިން ކުރެންދޫ ބަލިވެސް ކުރިއެވެ. މާފުށީގެ އަހުމަދު ޝާވިން ޝިހާމް މެޗުގައި ހަތަރު ގޯލު ޖެހި އިރު، އަހުމަދު ޝަމާލްވެސް ހެޓްރިކް ހެދިއެވެ. އަނެއް ގޯލުތައް ޖެހީ އިސްމާއީލް ނަޒީހާއި ހުސައިން ރިފާންގެ އިތުރުން ނަޖާހް އަބްދުލް ރަހީމް އަދި އަލީ އުޒައިރު މުހައްމަދެވެ. ކުރެންދޫގެ ގޯލު ޖެހީ ހުސައިން ޝިހާމް އަބްދުލް ރަހީމެވެ.
އެ މެޗުން މާފުށި މޮޅުވި ނަމަވެސް، އެޓީމަށް ތިން މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. އޭދަފުށިން ރޭ ކާށިދޫ ކައިރިން 7-4 އިން މޮޅުވި އިރު، އެ މެޗުން ހޯދި ތިން ޕޮއިންޓާއެކު އޭދަފުށި ނިންމާލީ ތިން މެޗުން ހަތް ޕޮއިންޓާއެކު އެއްވަނައިގައެވެ.
ދެވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކު ކާށިދޫއެވެ. ޒޯން ފައިނަލުގައި ކުރިމަތިލާނީ އޭދަފުއްޓާއި ކާށިދޫއެވެ.
އޭދަފުއްޓަށް މުހައްމަދު ފާސިރު (ފާއްޓެ) ރޭ ހެޓްރިކް ހަދައިދިން އިރު، އަނެއް ގޯލުތައް ޖެހީ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އާއި މުހައްމަދު އަޖުފާންގެ އިތުރުން އަލީ ނަސީމާއި ހުސައިން ޝަރީފެވެ.
ކާށިދޫގެ ދެ ގޯލު އިސްމާއީލް ރަޔާން ޖެހި އިރު، އަނެއް ގޯލުތައް ޖެހީ މުހައްމަދު އަޖުވަދު ސަލާހާއި އަލާން މުހައްމަދެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، ޒޯން ބުރުގެ ކުޅުން މިރޭވެސް ކުރިއަށް ދާނެއެވެ.
މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: އއ. މަތިވެރި - އދ. މަހިބަދޫ (ޒޯން 4)
ގްރައުންޑް 2: އދ. މަންދޫ - އއ. ތޮއްޑޫ (ޒޯން 4)
21:00
ގްރައުންޑް 1: ހދ. ނޭކުރެންދޫ - ހދ. ނައިވާދޫ (ޒޯން 1)
ގްރައުންޑް 2: ހއ. ދިއްދޫ - ހއ. ވަށަފަރު (ޒޯން 1)
22:00
ގްރައުންޑް 1: ށ. ކަނޑިތީމު - ށ. މިލަންދޫ (ޒޯން 2)
ގްރައުންޑް 2: ރ. އިނގުރައިދޫ - ރ. ދުވާފަރު (ޒޯން 2)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް