ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ޒޯން ތިނެއްގައި މިހާތަނަށް ކުޅުނު ދެމެޗުވެސް މޮޅުވެ، ކ. ކާށިދޫން ފައިނަލްގެ ޖާގައަކާއެކު ގަދަ 16 ޔަގީންކުރި އިރު، ކ. މާފުށިން އެންމެފަހުގެ ޗެމްޕިއަން ބ. އޭދަފުށި ހިފަހައްޓައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ އިރު، ޒޯން ތިނެއްގައި ވާދަކުރަނީ ކ. އަތޮޅުގެ ޗެމްޕިއަން މާފުއްޓާއި ރަނަރަޕް ކާށިދޫގެ އިތުރުން ބ. އަތޮޅުގެ ޗެމްޕިއަން އަދި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން އޭދަފުށީގެ އިތުރުން ޅ. އަތޮޅުގެ ޗެމްޕިއަން ކުރެންދޫއެވެ.
ކާށިދޫން ރޭ ކުރެންދޫއާ ދެކޮޅަށް ނުކުތީ ފުރަތަމަ މެޗުގައި މާފުށި ކައިރިން މޮޅުވެފައި އޮވެގެންނެވެ. ރޭގެ މެޗު ކާށިދޫން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ކާށިދޫގެ ގޯލުތައް ޖެހީ އަކްމަލް މުހައްމަދާއި އަހުމަދު މަޖީދެވެ.
ކާށިދޫން މިހާތަނަށް ކުޅުނު ދެމެޗުން މޮޅުވެ، ހަ ޕޮއިންޓް ހޯދާފައިވާ އިރު، އެ ޒޯނުގައި ދެން މިރޭ ކުޅުނު އަނެއް މެޗުގައި މާފުށިން އޭދަފުއްޓާ އެއްވަރުކުރީ 1-1 އިންނެވެ.
އޭދަފުށީގެ ގޯލު އަލީ ނަސީމް (ދިއްލި) ޖެހި އިރު، މާފުށީގެ ގޯލު ޖެހީ އަހުމަދު ޝާވިން ޝިހާމެވެ.
މިހާތަނަށް އޭދަފުށިން ކުޅުނު ދެމެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ އިރު، މާފުއްޓަށް ދެމެޗުން ލިބިފައިވަނީ ޕޮއިންޓެކެވެ. ގްރޫޕްގެ ފަހު މެޗުތަކުގައި މާފުށިން ކުރެންދޫއާ ދެކޮޅަށް ނުކުންނަ އިރު، އޭދަފުށި ނުކުންނާނީ ކާށިދޫއާ ދެކޮޅަށެވެ. މާފުއްޓަށްވެސް އަދި ފުރުސަތު އޮތް އިރު، އެޓީމަށް އަމިއްލަ ބާރެއް ނެތެވެ. އެއީ އޭދަފުއްޓަށް ކާށިދޫ ބަލިކޮށްގެން ފައިނަލަށް ދެވޭނެތީ އެވެ. ކާށިދޫ އޭދަފުށި ކައިިރިން ބަލިވިޔަސް، ދެވަނައިގައި ފައިނަލަށް ދާނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، ޒޯން ބުރުގެ ކުޅުން މިރޭވެސް ކުރިއަށް ދާނެއެވެ.
މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: ށ. ދުވާފަރު - ށ. މިލަންދޫ (ޒޯން 2)
ގްރައުންޑް 2: ނ. މިލަދޫ - ރ. އިނގުރައިދޫ (ޒޯން 2)
21:00
ގްރައުންޑް 1: އއ. ތޮއްޑޫ - ވ. ކެޔޮދޫ (ޒޯން 4)
ގްރައުންޑް 2: އއ. މަހިބަދޫ - އއ. މަންދޫ (ޒޯން 4)
22:00
ގްރައުންޑް 1: ހދ. ނޭކުރެންދޫ - ހއ. ވަށަފަރު (ޒޯން 1)
ގްރައުންޑް 2: ހއ. ނައިވާދޫ - ހއ. ދިއްދޫ (ޒޯން 1)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް