ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ޒޯން ހަތެއްގެ ގްރޫޕް އޭގެ ފަހު މެޗުތަކުގެ ނަތީޖާއާ އެކު، އެ ގްރޫޕުން ޏ. ދަޑިމަގާއި ގދ. ވާދޫ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރެހެންދި ފުޓްސަލް ދަނޑުތަކުގައި މުބާރާތުގެ ޒޯން ބުރުގެ މެޗުތައް ފޯރިއާ އެކު ކުރިއަށްދާ އިރު، ރޭ ވަނީ ޒޯން ހަތެއްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅެފައެވެ. ޒޯން ހަތެއް ކުރިއަށް ދަނީ ދެ ގްރޫޕަކަށެވެ. ގްރޫޕް އޭގައި ހިމެނެނީ ގއ. އަތޮޅުގެ ޗެމްޕިއަން ދެއްވަދޫ އާއި ރަނަރަޕް ވިލިނގިލީގެ އިތުރުން ފުވައްމުލަކު ދަޑިމަގާއި ގދ. އަތޮޅުގެ ޗެމްޕިއަން ވާދޫއެވެ.

އެ ޒޯންގެ ގްރޫޕް ބީގައި ހިމެނެނީ ގދ. އަތޮޅުގެ ރަނަރަޕް ގައްދޫ އާއި އައްޑޫ ޗެމްޕިއަން ފޭދޫ އަދި ރަނަރަޕް ހިތަދޫއެވެ. ޒޯން ހަތެއްގެ ފައިނަލަށް ދާނީ ސެމީ ފައިނަލް މެޗުތަކުން މޮޅުވާ ދެ ޓީމެވެ.

ވާދޫން ރޭ ޕޮއިންޓެއް ހޯދަން މަޖުބޫރު މެޗެއްގައި ދެއްވަދޫއާ އެއްވަރުކުރީ 1-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުން މޮޅުވެގެން ދެއްވަދުއަށް ވެސް ސެމީއަށް ދެވެން އޮތެވެ.

ވާދޫން ޕޮއިންޓެއް ހޯދި މެޗުގައި އެ ޓީމުގެ ގޯލު ޖެހީ ނަޝާހް އަހުމަދު (ނައްޓު) އެވެ. ފުރަތަމަ ކޮޅުގައި އޭނާ ޖެހި ގޯލާ އެކު ކުޅެމުން ގޮސް، ހުޒައިފަތު ރަޝީދު (ހެޒޭ) ޖެހި ގޯލުން ދެއްވަދޫ އެއްވަރު ކުރި ނަމަވެސް، ވާދޫން ވަނީ ވަރުގަދައަށް ޑިފެންސްކޮށް، ސްކޯ ހިފަހައްޓާލައިފައެވެ.

އެ ގްރޫޕްގެ އެއްވަނަ ހޯދި ދަޑިމަގުން ދެވަނަ މޮޅެއް ހޯދީ، ގއ. ވިލިނގިލި 3-0 އިން ބަލިކޮށްގެންނެވެ. އެ މެޗުގައި ދަޑިމަގުގެ ގޯލުތައް ޖެހީ މުހައްމަދު ސާދު ނިޒާރާއި އަލީ ޝަމާލް އަބްދުﷲ (ޝައްމު)ގެ އިތުރުން މުހައްމަދު ވިޝާހް އިބްރާހީމެވެ.

ދަޑިމަގުން ގްރޫޕްގެ އެއްވަނަ ހޯދީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ވާދޫން ގްރޫޕްގެ ދެވަނަ ހޯދީ ތިން މެޗުން ފަސް ޕޮއިންޓާއެކުގައެވެ. ގްރޫޕްގެ ތިންވަނައިގައި ދެއްވަދޫ ނިންމާލީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. ވިލިނގިއްޔަށް ތިން މެޗުން ވެސް ޕޮއިންޓެއް ނުލިބެއެވެ.

ދަޑިމަގުން ސެމީގައި ނުކުންނާނީ ގްރޫޕް ބީގެ ދެވަނަ ޓީމު، އައްޑޫ ފޭދުއާ ދެކޮޅަށެވެ. ވާދޫން ސެމީގައި ނުކުންނަން ޖެހޭނީ ގްރޫޕް ބީގެ އެއްވަނަ ހިތަދޫއާ ދެކޮޅަށެވެ.

ގްރޫޕް ބީގެ ފަހު މެޗަށް ރޭ ހިތަދޫ އާއި ފޭދޫ ނުކުތީ ސެމީ ޔަގީންވެފައި އޮވެ، ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ޓީމު ޔަގީން ކުރުމަށެވެ. އެ މެޗުގައި ހިތަދޫން ވަނީ ފޭދޫ ކައިރިން 6-0 އިން މޮޅުވެފައެވެ. އަލީ ޝަނޫން ހިތަދުއަށް ހެޓްރިކް ހަދައިދިން އިރު، ދެން ގޯލުތައް ޖެހީ އައިމަން ނަޒީރާއި މުހައްމަދު އިންޝާލެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، ޒޯން ބުރުގެ ކުޅުން މާދަމާ ރޭ ވެސް ކުރިއަށް ދާނެއެވެ.

މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

20:00

ގްރައުންޑް 1: ބ. އޭދަފުށި - ކ. މާފުށި (ޒޯން 3)

ގްރައުންޑް 2: ކ. ކާށިދޫ - ޅ. ކުރެންދޫ (ޒޯން 3)

21:00

ގްރައުންޑް 1: މ. މުލަށް - ފ. ދަރަނބޫދޫ (ޒޯން 5)

ގްރައުންޑް 2: މ. ދިއްގަރު - ދ. ކުޑަހުވަދޫ (ޒޯން 5)

22:00

ގްރައުންޑް 1: ވިލިމާލެ - މައްޗަންގޯޅި (ޒޯން 8)

ގްރައުންޑް 2: މާފަންނު - ހުޅުމާލެ (ޒޯން 8)

23:00

ގްރައުންޑް 1: ލ. އިސްދޫ - ލ. ގަން (ޒޯން 6)

ގްރައުންޑް 2: ތ. ތިމަރަފުށި - ތ. ހިރިލަންދޫ (ޒޯން 6)