ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ޒޯން އަށެއްގައި ކުޅުނު ފުރަތަމަ މެޗުތައް މައްޗަންގޯޅީގެ އިތުރުން ވިލިމާލެއިން ކާމިޔާބު ކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ އިރު، މާލޭ ޓީމުތައް ހިމެނޭ ޒޯން އަށެއްގެ ކުޅުން ރޭ ފެށި އިރު، މިދިޔަ އަހަރު މުބާރާތުގެ ސެމީ ފައިނަލަށް ދިޔަ ވިލިމާލެއިން ހުޅުމާލެ ކައިރިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ވިލިމާލޭގެ ގޯލުތައް އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އާއި އިސްމާއީލް ވަޖީހު ޖަހައިދިން އިރު، ހުޅުމާލޭގެ ގޯލު ޖެހީ މުހައްމަދު ނައްވާފެވެ. މި މެޗުގައި ވިލިމާލެއިން އިތުރު ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ހުޅުމާލޭގެ ގޯލްކީޕަރު މުހައްމަދު ޒުހަލް ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

މައްޗަންގޯޅިއާއި މާފަންނު ވާދަކުރި މެޗުވެސް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، މައްޗަންގޯޅިން މެޗު ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި މައްޗަންގޯޅީގެ ގޯލުތައް ޖެހީ މުހައްމަދު ނަޒާމާއި ރިލުވާން ވަހީދު (ރިލޭ)ގެ އިތުރުން ހުސައިން ސަވީލާއި ސިނާން އިބްރާހީމް ރަޝީދެވެ. މާފަންނުގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު މުހައްމަދު ހަމްދޫން ޖެހި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ މުހައްމަދު ވާއިލް އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، ޒޯން ބުރުގެ ކުޅުން މިރޭވެސް ކުރިއަށް ދާނެއެވެ.

މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

20:00

ގްރައުންޑް 1: ވ. ކެޔޮދޫ - އއ. މަތިވެރި (ޒޯން 4)

ގްރައުންޑް 2: އއ. ތޮއްޑޫ - އއ. މަހިބަދޫ (ޒޯން 4)

21:00

ގްރައުންޑް 1: ށ. މިލަންދޫ - ށ. ކަނޑިތީމު (ޒޯން 2)

ގްރައުންޑް 2: ރ. ދުވާފަރު - ނ. މިލަދޫ (ޒޯން 2)

22:00

ގްރައުންޑް 1: ގއ. ދެއްވަދޫ - ގދ. ވާދޫ (ޒޯން 7)

ގްރައުންޑް 2: ގއ. ވިލިނގިލި - ޏ. ދަނޑިމަގު (ޒޯން 7)

23:00

ގްރައުންޑް 1: ސ. ހިތަދޫ - ސ. ފޭދޫ (ޒޯން 7)