ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ޒޯން ހަތެއްގައި ރޭ ކުޅުނު މެޗުތައް ސ. ހިތަދޫއާއި ގދ. ވާދޫގެ އިތުރުން ޏ. ދަޑިމަގުން ކާމިޔާބު ކޮށްފިއެވެ.

ރެހެންދި ފުޓްސަލް ދަނޑުތަކުގައި ރޭ ޒޯން ހަތެއްގެ ދެވަނަރޭގެ މެޗުތައް ކުރިއަށް ގޮސްފައިވާ އިރު، އެ ޒޯނު ކުރިއަށް ދަނީ ދެ ގްރޫޕަކަށެވެ. ގްރޫޕް އޭގައި ހިމެނެނީ ގއ. އަތޮޅުގެ ޗެމްޕިއަން ދެއްވަދޫއާއި ރަނަރަޕް ވިލިނގިލީގެ އިތުރުން ފުވައްމުލަކު ދަޑިމަގާއި ގދ އަތޮޅުގެ ޗެމްޕިއަން ވާދޫ އެވެ.

އެ ޒޯންގެ ގްރޫޕް ބީގައި ހިމެނެނީ ގދ. އަތޮޅުގެ ރަނަރަޕް ގައްދޫއާއި އައްޑޫ ޗެމްޕިއަން ފޭދޫ އަދި ރަނަރަޕް ހިތަދޫއެވެ. ޒޯން ހަތެއްގެ ފައިނަލަށް ދާނީ ސެމީ ފައިނަލް މެޗުތަކުން މޮޅުވާ ދެޓީމެވެ.

ފުރަތަމަ ކުޅުނު މެޗުގައި ފޭދޫ ކައިރިން ބަލިވެފައި އޮތް ގައްދޫން ރޭ ހިތަދޫ ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ދެމެޗުން ބަލިވެ ގައްދޫ ކެޓުމާއެކު ހިތަދުއާއި ފޭދޫއަށް ވަނީ ސެމީ ޔަގީންވެފައެވެ. ގްރޫޕްގެ އެއްވަނަ ޔަގީންވާނީ ދެޓީމު ވާދަކުރާ މެޗުންނެވެ.

ރޭ ހިތަދޫގެ ގޯލުތައް ޖެހީ ޝާޝް ޝަރީފާއި އީމާން ނަޒީރެވެ. ގައްދޫގެ ގޯލު ޖެހީ އަހުމަދު އަކްމަލް ނިޒާމެވެ.

އެ ޒޯނުގެ ގްރޫޕް ބީގައި ދަޑިމަގުން ފުރަތަމަ މޮޅު ހޯދީ ރޭ ދެއްވަދޫ ކައިރިން 2-1 އިން މޮޅުވެގެންނެވެ. ދަޑިމަގުން ފުރަތަމަ މެޗުގައި ވާދޫއާ އެއްވަރުކޮށްފައިވާއިރު، ދެއްވަދޫން މެޗަށް ނުކުތީ ވިލިނގިލި ބަލިކޮށްފައި އޮވެގެންނެވެ.

ދަޑިމަގުގެ މޫސާ އަޒީމް ހަސަނާއި މުހައްމަދު ސާދު ނިޒާރު ގޯލުތައް ޖެހިއިރު، ދެއްވަދޫގެ ގޯލު ޖެހީ މުހައްމަދު އިމްރާނެވެ.

ދަޑިމަގަށް ދެމެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ދެން އެޓީމުން ނުކުންނަން ޖެހޭނީ ރޭ ވާދޫ ކައިރިން ބަލިވި ވިލިނގިއްޔާ ދެކޮޅަށެވެ. ރޭ ވާދޫން ވިލިނގިލި ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

އަޔާޒް އަހުމަދު (އަޔާ)ގެ ގޯލެއްގެ އިތުރުން ނަޝާހު އަހުމަދު (ނައްޓު) އަދި މުހައްމަދު ނާއިލްގެ ގޯލެއް ފެނުނު އިރު، ވާދޫންވެސް ވަނީ ދެމެޗުން ހަތަރު ޕޮއިންޓް ހޯދައިފައެވެ. އެޓީމުން ޒޯނުގެ ގްރޫޕް ސްޓޭޖު ފަހު މެޗުގައި ނުކުންނާނީ ދެއްވަދޫއާ ދެކޮޅަށެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، ޒޯން ބުރުގެ ކުޅުން މިރޭވެސް ކުރިއަށް ދާނެއެވެ.

މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

  • މިރޭ އޮންނަ މެޗުތައް

20:00

ގްރައުންޑް 1: ހއ. ދިއްދޫ - ހދ. ނޭކުރެންދޫ (ޒޯން 1)

ގްރައުންޑް 2: ހއ. ވަށަފަރު - ހދ. ނައިވާދޫ (ޒޯން 1)

21:00

ގްރައުންޑް 1: ޅ. ކުރެންދޫ - ބ. އޭދަފުށި (ޒޯން 3)

ގްރައުންޑް 2: ކ. މާފުށި - ކ. ކާށިދޫ (ޒޯން 3)

22:00

ގްރައުންޑް 1: ހުޅުމާލެ - ވިލިމާލެ (ޒޯން 8)

ގްރައުންޑް 2: މައްޗަންގޯޅި - މާފަންނު (ޒޯން 8)