ލިވަޕޫލްގެ މިސްރު ތަރި މުހައްމަދު ސަލާހް ހޯދުމަށް ސައުދީ އަރަބިއާގެ ކްލަބުތަކުން މަސައްކަތް ކުރުމަކީ ހައިރާންވާ ކަމެއް ނޫން ކަމަށާއި، ހުރިހާ ގައުމެއްގެ ހުރިހާ ކްލަބަކުންވެސް ސަލާހް ބޭނުންވާނެ ކަމަށް ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.

އުމުރުން 32 އަހަރުގެ ސަލާހް، ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އެ އެއްބަސްވުން އާކުރަން ކުރިން ކުރި މަސައްކަތް ނާކާމިޔާބު ވެ، މިހާރު ސަލާހް ހުރީ ކްލަބު ދޫކޮށްލާ ކަހަލަ ވިސްނުމެއްގައެވެ.

ސަލާހް ދާދި ފަހުން މީޑިއާގައި ބުނީ މިހާރު ހުރި ހާލަތުން އެންމެ ގާތީ ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލުން ކަމަށެވެ. އެ ވާހަކައާ ގުޅިގެން ސައުދީ އަރަބިއާގެ މުއްސަނދި ކްލަބުތަކުން ސަލާހް ހޯދަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު، ޕްރިންސް އަބްދުލްއަޒީޒް ބިން ތުރްކީ އަލް-ފައިސަލްވެސް ވިދާޅުވީ ސަލާހަކީ ސައުދީ ލީގަށް "ރަނގަޅު ހަދިޔާ" އަކަށް ވާނެ ކަމަށެވެ.

އެ ވާހަކަތަކާ ގުޅޭ ގޮތުން ލިވަޕޫލް ކޯޗު ސްލޮޓް ބުނީ ސަލާހް ބޭނުންވެގެން ސައުދީ ކްލަބުތަކުން އުޅުމަކީ ހައިރާންވާ ކަމެއް ނޫން ކަމަށެވެ.

"އެންމެވެސް ސަލާހް ބޭނުންވޭ. އަހަރެމެންވެސް ސަލާހް ބޭނުންވޭ. އަހަރެމެން ބޭނުންވަނީ އެއްބަސްވުން އާކުރަން. ސައުދީ ކްލަބުތަކުން ސަލާހް ހޯދަން އުޅުމުން ހައިރާނެއް ނުވަން. އެ ހުށަހެޅުންތައް ހުއްޓަސް، ސަލާހަކީ ހަމަ ވިސްނޭ ވަރަށް މެޗުއާވެ، ރަނގަޅު ވިސްމުގައި ކަންކަން ކުރާނެ ކުޅުންތެރިއެއް. އެހެންވީމަ ރަނގަޅު ނިންމުން ނިންމާނެ ކަމަށް މި ބަލަނީ،" ސްލޮޓް ބުންޏެވެ.

ސަލާހް މިހާތަނަށް މިސީޒަނުގައި ޖުމުލަ 23 ގޯލު ޖަހާފައިވެއެވެ. އޭގެ ތެރެއިން 19 ގޯލަކީ ލީގުގައި ޖެހި ގޯލުތަކެވެ. އެ ގޯލުތަކާއެކު ސަލާހް ވަނީ ލީގުގައި ޖުމުލަ 176 ގޯލު ޖަހައިފައެވެ.