އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި ސަންޑަލޭންޑް ކައިރިން ބަލިވި އިރު، ލިވަޕޫލުން ރަށުން ބޭރުގައި ކްރިސްޓަލް ޕެލެސް ބަލިކޮށްފިއެވެ.
ރޭ ކުޅުނު ލީގު މެޗުތަކަށް ބަލާ އިރު، ޗެލްސީން ރަށުން ބޭރުގައި ބަލިވީ 1-0 އިންނެވެ. ލިވަޕޫލް 3-1 އިން މޮޅުވި އިރު، މެންޗެސްޓާ ޔުނައިޓެޑުން ފަހުވަގުތު ޕޮއިންޓެއް ހޯދައިގެން އެސްޓަން ވިލާއާ އެއްވަރުކުރީ 4-4 އިންނެވެ.
ލީގު ތާވަލިގައި ލިވަޕޫލުން ޗެލްސީގެ ކުރިއަށް ހަތަރު ވަނައަށް ޖެހިލާފައިވާ އިރު، އެޓީމަށް ވަނީ 10 މެޗުން 18 ޕޮއިންޓް ލިބިފައެވެ. ޗެލްސީ ފަސްވަނައިގައި އޮތީ 10 މެޗުން 16 ޕޮއިންޓާއެކުގައެވެ. ރޭގެ މޮޅަކީ ސަންޑަލޭންޑަށް މިހާތަނަށް ލީގުގައި ހޯދުނު ދެވަނަ މޮޅެވެ. އެޓީމު މިވަގުތު 19 ވަނައިގައި އޮތީ 10 މެޗުން އަށް ޕޮއިންޓާއެކުގައެވެ. ލިވަޕޫލް ކައިރިން ބަލިވި ޕެލެސް އޮތީ އެއަށްވުރެވެސް ހާލު ދެރަކޮށް ފުލުގައެވެ. އެއީ 10 މެޗުން ހަތް ޕޮއިންޓާއެކުގައެވެ. އެ ދެޓީމާއެކު ދެން ރެލިގޭޝަން ޒޯންގައި އޮތީ ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު އެއް ޓީމު، ޔުނައޓެޑެވެ. އެއީ 10 މެޗުން އެންމެ މޮޅަކާއެކު އަށް ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް އޮތީ 18 ވަނައިގައެވެ.
ލިވަޕޫލުން ކުޅުނު މެޗުގައި އެޓީމުން ފުރަތަމަ ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ދަނިކޮށެވެ. ޑޮމިނިކް ޝޮބޮސްލާއީ އަރިމަތިން ނަގައިދިން ހުރަސް ބޮލުން ގޯލަށް ވައްދާލީ އެލެކްސިސް މެކް އަލިސްޓާއެވެ. އެ ގޯލާއެކު ފުރަތަމަ ހާފު ނިމުނު އިރު، ލިވަޕޫލް އޮތީ ލީޑުގައެވެ.
ދެވަނަ ހާފު ފެށިތަނާ ފްލޯރިއަން ވާޓްސްގެ ގޯލުން ލިވަޕޫލް ލީޑު ފުޅާކުރި އިރު، 89 ވަނަ މިނެޓުގައި އޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭރިއާ ތެރެއިން ޑިފެންޑަރު ނައްޓާލާފައި ލިވަޕޫލަށް ތިންވަނަ ގޯލް ޖަހައިދިނީ އެލެކްސެންޑާ އިސާކެވެ. ޕެލެސްގެ ހަމައެކަނި ގޯލަކީ 95 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އެޑްވާޑް އެންކެޓިއާ ޖެހި ގޯލެކެވެ.
ޗެލްސީން ބަލިވި މެޗުގައި ސަންޑަލޭންޑްގެ ގްރެނިޓް ޖަކާއަށް ކުރީކޮޅުގައި އަނިޔާވެ، އޭނާ ބާލަން ޖެހުނެވެ. އެހެން ނަމަވެސް ކުރީކޮޅުގައި ނުރައްކާ ބޮޑުކޮށް ފެނުނީ ސަންޑަލޭންޑެވެ. ބްރައިން ބްރޮބެރީ ހިފަހައްޓަން ޗެލްސީއަށް އުނދަގޫވެފައިވާ އިރު، ޗެލްސީގެ ކޯލް ޕާމާ އޭރިއާ ތެރެއިން ވައްޓާލުމުން ކުރީކޮޅުގައި ޗެލްސީން ވަނީ ޕެނަލްޓީއަކަށް ޝަކުވާ ކޮށްފައެވެ.
މޯގަން ރޮޖާސްއަށްވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އިރު، 35 ވަނަ މިނެޓުގައި ޗެލްސީގެ ލީވައި ކޮލްވިލް ބްރޮބެރީއަށް ކުރި ފައުލަކަށް ސަންޑަލޭންޑަށް ޕެނަލްޓީއެއްް ލިބުނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެންޒޯ ލެ ފީއެވެ.
ދެވަނަ ހާފުގައި ޗެލްސީން އެއްވަރުކުރަން މަސައްކަތް ކުރި ނަމަވެސް ޑެނީ ވެލްބެކްގެ ހަމަލާވެސް ކީޕަރު މަތަކުރިއެވެ. އަދި ފަހުވަގުތުވެސް ސަންޑަލޭންޑް ހިފަހައްޓައިލިއެވެ.
ޔުނައިޓެޑާއި ވިލާގެ މެޗު ފެނުނީ ފޯރިގަދަކޮށެވެ. ފުރަތަމަ މެޗުގައި ޖޯން މެގިންގެ ބޯޅައަކުން އެލިސޮން އެޑްވާޑް ޔުނައިޓެޑް ކޮޅަށް ގޯލް ޖެހި އިރު، ފަސް މިނެޓުވެސް ނުވަނީސް ނިކޮލަސް ޖެކްސަން ޖެހި ގޯލުން ވިލާ ވަނީ ލީޑު ފުޅާކޮށްފައެވެ. އެހެން ނަމަވެސް ހާފު ނިމުމުގެ ކުރިން ޔުނައިޓެޑް މެޗު އެއްވަރުކުރިއެވެ. ބްރޫނޯ ފެނާންޑޭޒްގެ ޕެނަލްޓީއެއްގެ އިތުރުން ޔޫރީ ތީލަމަންސް ޖެހި ގޯލްތަކުން ޔުނައިޓެޑް އެއްވަރުކުރި އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ވިލާ އަލުން ދެ ގޯލްގެ ލީޑަކަށް ދިޔައެވެ.
ދެވަނަ ހާފުގައި ވިލާގެ ގޯލްތައް ޖެހީ މެގިންއާއި ލެއޮން ގޮރެޓްސްކާއެވެ. ޔުނައިޓެޑުން މެޗުން ޕޮއިންޓެއް ހޯދީ 92 އަދި 96 ވަނަ މިނެޓު ގޯލްތައް ޖަހައިގެންނެވެ. އެ ގޯލްތައް ޖެހީ ޖޯޝުއާ ޒިރްކްޒީއާއި ޕެޓްރިކް ޑޯގޫއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
ކޮމެންޓް