މެންޗެސްޓާ ޔުނައިޓެޑްގެ އާ ކޯޗު މައުރީޝިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ލިވަޕޫލް ކައިރިން 4-0 އިން ބަލިވެއްޖެއެވެ.

މި ސީޒަނުގައި ދަށް ފޯމެއްގައި ފެނިގެންދާ ޔުނައިޓެޑުން ކޯޗު ބަދަލުކޮށްގެން ނުކުތް މެޗުގައި ބޮޑު ބައްޔަކާ ކުރިމަތިވި އިރު، މިވަގުތު އެޓީމު އޮތީ 19 ވަނައިގައެވެ. އެއީ 11 މެޗުން އަށް ޕޮއިންޓާއެކުގައެވެ. ޔުނައިޓެޑަށްވުރެ ދަށުގައި އޮތް ހަމައެކަނި ޓީމަކީ 20 ވަނައިގައި އޮތް ކްރިސްޓަލް ޕެލެސްއެވެ. އެޓީމަށް 11 މެޗުން ލިބިފައި ވަނީ ހަތް ޕޮއިންޓެވެ.

މެޗުގެ އަށްވަނަ މިނެޓުގައި ޔުނައިޓެޑަށް މާޔޫސްކަމާ ކުރިމަތިވިއެވެ. އަހަރެއްހާ ދުވަސްފަހުން އެނބުރި ކުޅުމަށް ނުކުތް މަތިއެސް ޑެ ލިޓް އަތުން ގެއްލުނު ބޯޅައެއްގައި ލިވަޕޫލްގެ އެލެކްސެންޑާ އިސާކަށް ހުސް ފުރުސަތެއް ފަހިވުމުން އޭނާ ހުއްޓުވަން ލެނީ ޔޯރޯ ކުރި ފައުލަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފައެވެ.

އެ ފައުލަށް ދިން ހިލޭ ޖެހުމާއެކު ޑޮމިނިކް ޝޮބޮލްސްލާއީ ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފައެވެ. އޭގެ ތިން މިނެޓް ފަހުން ފްލޯރިއަލް ވާޓްސް އުފެއްދި ހަމަލާފައި ލިވަޕޫލް ވަނީ ލީޑު ފުޅާވެސް ކޮށްފައެވެ. އެއީ ރިއޯ އެންގްމޯހާ ތަަނަވަސްކޮށްދިން ބޯޅައަކުން ޖެހި ގޯލެކެވެ.

ލިވަޕޫލާއި ޔުނައިޓެޑްގެ ވާދަވެރިކަމަކީ ޕްރިމިއާ ލީގުގައި ތާރީހީ ވާދަވެރި ކަމަކަށްވީ އިރު، އެންގްމޯހާ ވެގެން ގޮސްފައި ވަނީ ދެޓީމުގެ ކުރިމަތިލުމެއްގައި އެސިސްޓެއް ނޫނީ ގޯލެއް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. ރޭގެ މެޗުގައި އެންގްމޯހާ ވަނީ ދެވަނަ ހާފުގައި ގޯލެއްވެސް ޖަހައިދީފައެވެ. އެއީ 66 ވަނަ މިނެޓުގައެވެ.

ލިވަޕޫލްގެ ހަތަރު ވަނަ ގޯލް ޖަހައިދިނީ ވިކްޓޯ މުނޯޒެވެ. އެއީ 82 ވަނަ މިނެޓުގައެވެ.