ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކ. އަތޮޅު ފައިނަލަށް މާފުއްޓާއި ކާށިދޫ ދަތުރުކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އެންމެ ފޯރިގަދަ ހިސާބަށް މެޗުތައް ގޮސްފައިވާ އިރު، މިރޭ ވަނީ ކ. އަތޮޅުގެ ސެމީ ފައިނަލް ދެމެޗު ކުޅެފައެވެ.

ފުރަތަމަ ސެމީގައި މާފުށިން ނުކުތީ ގުރައިދުއާ ދެކޮޅަށެވެ. އެމެޗު މާފުށިން 5-1 އިން ކާމިޔާބުކުރި އިރު، މެޗުގެ 10 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ޖެހީ ގުރައިދޫންނެވެ. އެއީ އިޝްއާފު މުހައްމަދު ފިރާގު ޖެހި ގޯލެކެވެ.

އެ ގޯލަށް ފަސް މިނެޓު ފަހުން މާފުށިން މެޗު އެއްވަރުކުރިއެވެ. އެ ގޯލު ޖެހީ އިސްމާއީލް މަފާޒު އިބާރާހީމެވެ. ދެވަނަ ހާފަށް ނުކުމެ މާފުށިން ތަފާތު ދެއްކި އިރު، މަފާޒް ހެޓްރިކް ފުރިހަމަކުރިއެވެ. އެޓީމުގެ އަނެއް ގޯލުތައް ޖެހީ އިބްރާހީމް މުބީން އަހުމަދު ރަޝީދު (މުއްކި) އާއި އަހުމަދު ޝަމާލެވެ.

ކ. އަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން ގާފަރުން ސެމީގައި ނުކުތީ ކާށިދުއާ ދެކޮޅަށެވެ. ގާފަރުން މެޗުގެ ފުރަތަމަ ހާފުގައި ގޯލު ޖަހައި ލީޑު ނެގި އިރު، ގޯލު ޖެހީ ސާމިން މުހައްމަދު ނަސީރު (ސާންކޮ) އެވެ. އެ ގޯލާއެކު މެޗުގެ ބޮޑު ބައެއްގައި ގާފަރުން ލީޑުކޮށް ކުޅުނު ނަމަވެސް، އެޓީމަށް ދެވަނަ ގޯލެއް ނުޖެހި، ކާށިދޫން މެޗު އަނބުރާލިއެވެ.

ކާށިދޫން މެޗުގެ ނަތީޖާ އަނބުރާލީ ދެމިނެޓު ތެރޭގައި ދެ ގޯލު ޖަހައިގެންނެވެ. 36 ވަނަ މިނެޓުގައި އަހުމަދު މަޖީދު ގޯލު ޖަހައި މެޗުގެ ނަތީޖާ އެއްވަރުކުރި އިރު، ކާށިދޫ މޮޅުވި ގޯލު ޖަހައިދިނީ އަކްމަލް މުހައްމަދެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މާދަމާ ރޭވެސް ފޯރިއާއެކު ކުރިއަށްދާނެ އެވެ.

މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

20:00

ގްރައުންޑް 1: މ. ދިއްގަރު - މ. މުލައް (އަތޮޅު ފައިނަލް)

ގްރައުންޑް 2: ފ. ދަރަނބޫދޫ - ފ. މަގޫދޫ (އަތޮޅު ފައިނަލް)

21:30

ގްރައުންޑް 1: ދ. މާއެނބޫދޫ - ދ. ކުޑަހުވަދޫ (އަތޮޅު ފައިނަލް)