ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ކ. އަތޮޅު ސެމީ ފައިނަލުގައި ވާދަކުރާ ޓީމުތައް ރޭ ޔަގީންވެއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުޅެމުންދާއިރު، މި އަހަރު ކ. އަތޮޅުން އަށް ޓީމު ވާދަކުރީ ދެ ގްރޫޕެއްގައެވެ. ރޭގެ މެޗުތަކަށް ދިޔައިރުވެސް އެއްވެސް ޓީމަކަށް ސެމީ ޔަގީންވެފައި ނުވާއިރު، ގްރޫޕް އޭގެ މާފުއްޓަށް އޮތީ ފުރުސަތު ފަހިކޮށެވެ. އެ ގްރޫޕުގައި ދެން އޮތް ގާފަރާއި ދިއްފުށި މަރުގެ މެޗަކަށް ނުކުތްއިރު، އެ މެޗު ވެގެންދިޔައީ ވެސް ތަފާތު ފޯރިގަދަ މެޗަކަށެވެ.

އެ ގްރޫޕްގެ އެއްވަނަ ރޭ މާފުށިން ޔަގީންކުރީ ހިންމަފުށި ކައިރިން 6-1 އިން މޮޅުވެގެންނެވެ. މާފުއްޓަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ދިއްފުށި ކަޓައިގެން ދިޔައީ ރޭ ގާފަރާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވެގެންނެވެ.

އެ ނަތީޖާ އާއެކު ގާފަރަށް ވަނީ ތިން މެޗުން ފަސް ޕޮއިންޓް ލިބިފައެވެ. ދިއްފުއްޓަށް ތިން މެޗުން ލިބުނީ ހަތަރު ޕޮއިންޓެވެ.

މާފުއްޓަށް އަހުމަދު ޝަމާލް ހެޓްރިކް ހަދައިދިން އިރު، ދެން އެ ޓީމުގެ ގޯލުތައް ޖެހީ އިސްމާއީލް މަފާޒާއި އިސްމާއީލް ނަޒީހުގެ އިތުރުން ހުސައިން ރިފާނެވެ. ހިންމަފުށީގެ ގޯލު ޖެހީ އަތުޝަން އިބްރާހީމެވެ.

ގާފަރާއި ދިއްފުށި މެޗުގައި ގާފަރުން ބޮޑަށް އެ ޓީމުގެ ޑިފެންސިވް ޑިސިޕްލިން ދަމަހައްޓާފައިވާ އިރު، އަލީ މާއިސް (މައްޓު) އާއި ޝަނާން ރަޝާދުގެ ހަމަލާތައްވެސް ފާހަގަވެގެންދިޔައެވެ. އަނެއްކޮޅުން އަހުމަދު ރިޒުވާން (ރިޒޭ) އާއި ޒައިން ޒަފަރު ގޯލަކަށް ބުރަކޮށް މަސައްކަތް ކުރިއިރު، ފައްޔާޒް ފަޔާޒް (ފައިއްޓެ) ވަނީ ގާފަރަށް ރަނގަޅު ސޭވްތަކެއް ކޮށްދީފައެވެ.

މެޗުގެ އެންމެ ފަހު ވަގުތުގައި ދިއްފުށީގެ ޒައިން ކުރި ފައުލަކަށް އޭނާ ސީދާ ރަތް ކާޑެއް ދައްކާފައިވާ އިރު، އެ ކާޑާއެކު ގާފަރުގެ ބެންޗު ހޫނުވެ ދަނޑަށްވެސް ކޮންމެވެސް ވަރަކަށް އެރިއެވެ. ނަމަވެސް އެ ވަގުތު މައްސަލަ ހައްލުކޮށް، މެޗު ވަނީ ފޯރި އާއެކު ނިންމާލައިފައެވެ.

ކ. އަތޮޅު ގްރޫޕް ބީގެ އެއްވަނަ ހޯދީ ކާށިދުއެވެ. ރޭ އެ ގްރޫޕުގެ މެޗުތައް ކާށިދުއާއި ގުރައިދޫ ކާމިޔާބު ކުރި އިރު، އެ ދެ ޓީމަށްވެސް ތިން މެޗުން ލިބުނީ ހަތް ޕޮއިންޓެވެ. ދެ ޓީމުގެ ފަރަގަކީ ފައިދާ ގޯލެއްގެ ފަރަގެވެ.

ގުރައިދޫ ސެމީއަށް ދިޔައީ ރޭގެ މެޗަށް ނުކުތްއިރުވެސް ކަޓާފައި އޮތް ތުލުސްދޫ ކައިރިން 4-0 އިން މޮޅުވެގެންނެވެ. އެ ޓީމުގެ ގޯލުތައް ޖެހީ އިޝްއާފު މުހައްމަދު ފިރާގާއި އަބްދުﷲ ޝަޔަމްގެ އިތުރުން އަހުމަދު ނޫމާން (ހެލްމެޓް) އަދި ނާއިޝް އާދަމެވެ.

ކާށިދޫން 4-2 އިން ގުޅި ބަލިކުރި އިރު، ކާށިދޫގެ ޝައްފާން ހަލީމާއި އަޖުލާން އަބްދުލް ހައްނާން ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. ގުޅީގެ ގޯލުތައް ޖެހީ އަހުމަދު އަރުސޫން ޝާހިރާއި މުހައްމަދު ޔަޒީދެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

16:00

ގްރައުންޑް 1: ށ. މިލަންދޫ - ށ. ކަނޑިތީމު (ފައިނަލް)

ގްރައުންޑް 2: ނ. މިލަދޫ - ނ. ވެލިދޫ

20:00

ގްރައުންޑް 1: ފ. މަގޫދޫ - ފ. ދަރަނބޫދޫ

ގްރައުންޑް 2: ފ. ބިލެތްދޫ - ފ. ފީއަލި

21:00

ގްރައުންޑް 1: ދ. ކުޑަހުވަދޫ - ދ. ބަނޑިދޫ

ގްރައުންޑް 2: ބ، ފެހެންދޫ - ބ. އޭދަފުށި

22:00

ގްރައުންޑް 1: މ. ދިއްގަރު - މ. މުލި (އަތޮޅު ސެމީ ފައިނަލް)

ގްރައުންޑް 2: މ. ކޮޅުފުށި - މ. މުލައް (އަތޮޅު ސެމީ ފައިނަލް)