ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ވ. އަތޮޅު ފައިނަލަށް އެންމެފަހުގެ ޗެމްޕިއަން ކެޔޮދުއާއި ފެލިދޫ ދަތުރުކުރި އިރު، ޅ. އަތޮޅުގައި ކުޅުނު ދެމެޗުވެސް އެެއްވަރުވެއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، މިފަހަރު ވ. އަތޮޅުން ވާދަކުރަމުން ދަނީ ތިން ޓީމެކެވެ. ރޭ އެ އަތޮޅުގެ ކެޔޮދޫން ފުރަތަމަ މެޗުގައި 3-1 އިން ފުލިދޫ ބަލިކުރި އިރު، އެ ނަތީޖާއާއެކު އަތޮޅު ފައިނަލް ޔަގީންވިއެވެ. އެއީ އެންމެ ފުރަތަމަ މެޗުގައި ފެލިދޫވެސް ކައިރިންވެސް ފުލިދޫ ބަލިވެފައި އޮތުމުންނެވެ. ފެލިދޫ ކައިރިން ފުލިދޫ ބަލިވީ 1-0 އިންނެވެ.

ރޭ ކެޔޮދޫގެ ތިން ގޯލު ޖަހައި، އަހުމަދު ރަޝީދު (އައްމަޑޭ) ހެޓްރިކް ހެދި އިުރ، ފުލިދޫގެ ގޯލު ޖެހީ ހުޝާމް އަބްދުﷲއެވެ.

ޅ. އަތޮޅުގައި މިފަހަރު ހަތަރު ޓީމަކުން ވާދަކުރަމުންދާ އިރު، ރޭ އަތޮޅު ބުރު ފެށި ދެމެޗުވެސް ނިމުނީ އެއްވަރު ވެގެންނެވެ. ނައިފަރާއި ހިންނަވަރު ކުޅުނު މެޗު 4-4 އިން އެއްވަރުވި އިރު، ކުރެންދުއާއި އޮޅުވެލިފުށި ވާދަކުރި މެޗު އެއްވަރުވީ 1-1 އިންނެވެ.

ނައިފަރުގެ އިބްރާހިމް ޝަރީފް މުހައްމަދު ރޭ ހެޓްރިކް ހެދި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ މުހައްމަދު އިއުޖާޒް ހަސަނެވެ. ހިންނަވަރުގެ ގޯލުތައް ޖެހީ މުހައްމަދު މައުރޫފް ހުސެއިން، ހުސެއިން މުހައްމަދު، އަހުމަދު ސުޖާއު އަލީއެވެ. އޭގެ އިތުރުން ނައިފަރުގެ މަޖުދާން ސޯލިހު އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.

ކުރެންދޫ ކުޅުނު މެޗުގައި އެޓީމުގެ ގޯލު، ހުސެއިން ފާއިޒް ޖެހި އިރު، އޮޅުވެލިފުށިން ގޯލު ކާމިޔާބުކުރީ އަބްދުﷲ ޝަކީލެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

16:00

ގްރައުންޑް 1: ށ. މިލަންދޫ - ށ. ނަރުދޫ (ސެމީ ފައިނަލް)

ގްރައުންޑް 2: ށ. ބިލެއްފަހި - ށ. ކަނޑިތީމު (ސެމީ ފައިނަލް)

17:00

ގްރައުންޑް 1: ނ. ހޮޅުދޫ - ނ. މިލަންދޫ

20:00

ގްރައުންޑް 1: ދ. މާއެނބޫދޫ - ދ. ކުޑަހުވަދޫ

21:00

ގްރައުންޑް 1: ގދ. ފަރެސްމާތޮޑާ - ގދ. ތިނަދޫ

ގްރައުންޑް 2: ގދ. ގައްދޫ - ގދ. ފިޔޯރީ

22:00

ގްރައުންޑް 1: ސ. ހުޅުދޫ - ސ. ފޭދޫ

ގްރައުންޑް 2: ސ. މީދޫ - ސ. ހިތަދޫ

23:00

ގްރައުންޑް 1: ފ. ފީއަލި - ފ. ނިލަންދޫ

ގްރައުންޑް 2: ފ. ދަރަނބޫދޫ - ފ. ބިލެއްދޫ