ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ށ. އަތޮޅުގެ ދެ ގްރޫޕުގައިވެސް ރޭ ކުޅުނު ފަހު މެޗުތަކާއެކު ސެމީ ފައިނަލް ފަހު ޖާގަ ނަރުދޫއަށް ޔަގީންވި އިރު، ޗެމްޕިއަން ކަނޑިތީމު ބަލިކޮށް މިލަންދޫން އެ ގްރޫޕްގެ އެއްވަނަ ހޯދައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ށ. އަތޮޅުގެ ދެ ގްރޫޕުގެވެސް ފަހު މެޗުތައް ވަނީ ކުޅެފައެވެ. އެ އަތޮޅުން އަށް ޓީމު ވާދަކުރަމުން އަންނައިރު، ކޮންމެ ގްރޫޕެއްގައި ހިމެނެނީ ދެޓީމެވެ.

ރޭގެ މެޗުތަކަށް ނުކުތްއިރުވެސް ގްރޫޕް އޭގެ މިލަންދޫއާއި ކަނޑީތީމަށް ސެމީ ޔަގީންވެފައިވާ އިރު، އެ ދެޓީމު ކުރިމަތިލީ އެއްވަނަ މަގާމު ކަަށަވަރުކުރުމަށެވެ. އެ މެޗު މިލަންދޫން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިލަންދޫގެ ގޯލުތައް ޖެހީ އަހުމަދު ޝަނީއާއި އިބްރާހީމް ޒާހީއެވެ.

އެ އަތޮޅުގެ ގްރޫޕް އޭއިން ކަޓާފައި އޮތް ފޭދުއާއި މަރޮށި ރޭ ކުޅުނު މެޗުން ފޭދޫ މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ފޭދޫގެ އަހުމަދު ފާއިން މުހައްމަދު ދެ ގޯލު ޖެހިއިރު، އަނެއް ގޯލުތައް ޖެހީ މާއީލް މުހައްމަދާއި މާޒިލް މުހައްމަދެވެ.

ށ. އަތޮޅު ގްރޫޕް ބީގެ އެއްވަނަ ބިލެތްފަހިން ޔަގީންކުރީ ރޭ ޅައިމަގު ކައިރިން 7-1 ގެ ނަތީޖާއަކުންނެވެ. ބިލެތްފަހިން ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްފައިވާ އިރު، އެޓީމުގެ ގޯލުތައް ރޭ ޖެހީ އާދަމް ހަލީމާއި ހުސައިން ސުޖާއުގެ އިތުރުން އަބްދުﷲ ހަމީދު، އިބްރާހީމް އިމްރާން، އަލީ އިފުރާދު އަދި އަހުމަދު އިބްރާހީމެވެ. އާދަމް ހަލީމް ދެ ގޯލު ޖެހި އިރު، ޅައިމަގުގެ ހަމައެކަނި ގޯލު ޖަހައިދިނީ އަބްދުލް ބާސިތު އަބްދުލް ގަނީއެވެ.

ރޭގެ މެޗުތަކަށް ނުކުތްއިރު، ށ. އަތޮޅު ސެމީން ޔަގީން ނުވެ އޮތީ އެންމެ ޖާގައެކެވެ. އެއީ ގްރޫޕް ބީގެ ޖާގައެކެވެ. އެ ޖާގައަށް ރޭ ނަރުދޫއާއި ގޮއިދޫ ވާދަވެރި މެޗެއް ކުޅެ، 2-2 އިން އެއްވަރުވުމާއެކު ނަރުދޫއަށް ސެމީގެ ދެވަނަ ޖާގަ ލިބުނީ ޖެހި ގޯލުގެ ތަފާތަކުންނެވެ. ދެޓީމަށްވެސް ތިން މެޗުން ހަތަރު ޕޮއިންޓާއެކު ފައިދާ ގޯލެއް ލިބިފައި ނުވާ އިރު، ނަރުދޫ ވަނީ ހަތް ގޯލު ޖަހައިފައެވެ. އަދި ގޮއިދުއަށް ޖެހިފައި ވަނީ ފަސް ގޯލެވެ.

ގޮއިދޫ ހިތްދަތިކޮށް ކެޓި މެޗުގައި އެޓީމުގެ ގޯލުތައް ޖެހީ މުހައްމަދު އަހުސަމް އެވެ. ނަރުދޫގެ ދެ ގޯލު ޖެހީ އަމާން އާދަމާއި މުހައްމަދު ނާއިޒެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

16:00

ގްރައުންޑް 1: ގދ. މަޑަވެލި - ގދ. ފަރެސްމާތޮޑާ

ގްރައުންޑް 2: ގދ. ވާދޫ - ގދ. ގައްދޫ

17:00

ގްރައުންޑް 1: ފ. ނިލަންދޫ - ފ. މަގޫދޫ

ގްރައުންޑް 2: ފ. ފީއަލި - ފ. ދަރަނބޫދޫ

20:00

ގްރައުންޑް 1: ނ. ވެލިދޫ - ނ. ހޮޅުދޫ

21:00

ގްރައުންޑް 1: ސ. މަރަދޫފޭދޫ - ސ. ހުޅުދޫ

ގްރައުންޑް 2: ސ. މަރަދޫ - ސ. މީދޫ

22:00

ގްރައުންޑް 1: ވ. ފެލިދޫ - ވ. ފުލިދޫ

ގްރައުންޑް 2: މ. މުލި - މ. ނާލާފުށި

23:00

ގްރައުންޑް 1: މ. ވޭވަށް - މ. މަޑުއްވަރި

ގްރައުންޑް 2: މ. ދިއްގަރު - މ. މުލައް