ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ހއ. އަތޮޅު ގްރޫޕް ސްޓޭޖުގައި ރޭ ވަށަފަރުން ޗެމްޕިއަން ދިއްދޫ ބަލިކުރި އިރު، މާރަންދޫ އާއި މުރައިދޫންވެސް މޮޅެއް ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އަށް މެޗެއް ރޭވެސް ރެހެންދި ދަނޑުތަކުގައި ވަނީ ކުޅެފައެވެ. އެއީ ހއ އަތޮޅު އަދި ހދ އަތޮޅުގެ މެޗުތަކެވެ. ހއ އަތޮޅުގެ ދެ ގްރޫޕުން ރޭ ވަނީ ޖުމުލަ ހަތަރު މެޗެއް ކުޅެފައެވެ.
ހއ އަތޮޅުން 10 ޓީމު ވާދަކުރަމުންދާ އިރު، އެ އަތޮޅުގެ އަތޮޅު ބުރު ކުރިއަށް ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ރޭ ހޯރަފުއްޓާއި ފިއްލަދޫ 2-2 އިން އެއްވަރުވި އިރު، އެ ގްރޫޕްގެ އަނެއް މެޗުގައި މާރަންދޫން ވަނީ 2-0 އިން ބާރަށް ބަލިކޮށްފައެވެ.
ރޭގެ މެޗަކީ ފިއްލަދޫގެ ފުރަތަމަ މެޗެވެ. އެ މެޗަށް ހޯރަފުށިން ނުކުތީ ފުރަތަމަ މެޗުގައި ބާރަށް އަތުން ބަލިވެފައި އޮވެގެންނެވެ. ހޯރަފުއްޓަށް ރޭވެސް މޮޅެއް ނުހޯދުނު އިރު، ފިއްލަދޫގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ހުސާމާއި އަލީ ކާމިލެވެ. ހޯރަފުށީގެ ދެ ގޯލުވެސް ޖަހައިދިނީ އެޓީމުގެ ފުރަތަމަ މެޗުގައިވެސް ގޯލު ޖެހި މުހައްމަދު ރައްޔާން ބިން އަބްދުﷲ އާމިރެވެ.
ފުރަތަމަ މެޗުގައި ހޯރަފުށި ބަލިކޮށް، ތިން ޕޮއިންޓާއެކު ރޭ މާރަންދޫއާ ދެކޮޅަށް ނުކުތް ބާރަށް ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މޮޅަކީ މާރަންދޫގެ ފުރަތަމަ މޮޅެވެ. އެޓީމު އޮތީ ފުރަތަމަ ކުޅުނު މެޗުގައި ކެލާ ކައިރިން ބަލިވެފައެވެ.
މާރަންދޫން ގްރޫޕްގައި އުންމީދު ހޯދި އިރު، އެމެޗުގައި މާރަންދޫގެ ގޯލުތައް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، ޒުވާން ކުޅުންތެރިޔާ ހުމައިދު ހުސައިނާއި އާދަމް ހަބީބެވެ.
ހއ. އަތޮޅުގެ ގްރޫޕް ބީގެ ފޯރި ގަދަކޮށް ފެނިގެން ދިޔަ އިރު، ޗެމްޕިއަން ދިއްދޫ އާއި ވަށަފަރު ވާދަކުރި މެޗު ފެނުނީ ވާދަވެރިކޮށެވެ. އެ މެޗު ވަށަފަރުން ފަހުވަގުތު ގޯލު ޖަހައިގެން 3-2 އިން ކާމިޔާބުކުރި އިރު، މެޗުގައި ވަށަފަރަށް އެންމެ މޮޅަށް ކުޅުނީ ތިން ގޯލު ޖަހައި، ހެޓްރިކް ހެދި އިބްރާހީމް އަތީގު ހަސަނެވެ. ދިއްދޫގެ ގޯލުތައް ޖެހީ ހުސައިން ޝީފާހާއި މުހައްމަދު ޝަނާއު ނަސީރެވެ.
އެ ގްރޫޕްގައި މުރައިދޫން ރޭ އިހަވަންދޫ ބަލިކުރި އިރު، އެ މެޗަކީ އިހަވަންދޫގެ ފުރަތަމަ މެޗެވެ. މުރައިދޫން ފުރަތަމަ ކުޅުނު މެޗުގައި ދިއްދޫ ކައިރިން ބަލިވެފައި އޮވެގެން ރޭގެ މެޗަށް ނުކުމެ މޮޅުވީ 5-3 ގެ ނަތީޖާއަކުންނެވެ.
މެޗުގައި މުރައިދޫގެ ގޯލުތައް ޖަހައިދިނީ އަބްދުﷲ ހިޝާނާއި އައިރޫން އަހުމަދު ރަޝީދުގެ އިތުރުން އަހުމަދު ނައުފަލް އަދި އިޔާން އަހުމަދު ރަޝީދެވެ. ހިޝާން މެޗުގައި ދެ ގޯލު ޖެހިއެވެ. އިހަވަންދޫގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު އިބްރާހީމް ހާމިދު ޖެހި އިރު، އަނެއް ގޯލު ޖެހީ އަހުމަދު ނައުޝާދެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުންދާ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށް ދާނެއެވެ.
މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕީއާރް ޕާޓްނަރަކީ ވަން ސްޕޯޓްސްއެވެ.
16:00
ގްރައުންޑް 1: ރ. މަޑުއްވަރި - ރ. އަލިފުށި
ގްރައުންޑް 2: ރ. މީދޫ - ރ. އިނގުރައިދޫ
17:00
ގްރައުންޑް 1: އދ. ކުނބުރުދޫ - އދ. ދަނގެތި
ގްރައުންޑް 2: އދ. އޮމަދޫ - އދ. މަންދޫ
20:00
ގްރައުންޑް 1: ތ. ދިޔަމިގިލި - ތ. ވިލުފުށި
ގްރައުންޑް 2: ތ. އޮމަދޫ - ތ. ކިނބިދޫ
21:00
ގްރައުންޑް 1: ތ. ގާދިއްފުށި - ތ. ހިިރިލަންދޫ
ގްރައުންޑް 2: ތ. ވޭމަންޑޫ - ތ. ބުރުނި
22:00
ގްރައުންޑް 1: ށ. ކަނޑިތީމު - ށ. ފޭދޫ
ގްރައުންޑް 2: ށ. މިލަންދޫ - ށ. މަރޮށި
23:00
ގްރައުންޑް 1: ށ. ބިލެއްފަހި - ށ. ނަރުދޫ
ގްރައުންޑް 2: ށ. ޅައިމަގު - ށ. ގޮއިދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް