އަޒަރބައިޖާނާއި އީރާނުގެ ސަރަހައްދީ ރޮނގުގައި ކަރަންޓާއި ފެނުގެ ބިޔަ މަޝްރޫއެއް އިފްތިތާހު ކޮށްދެއްވުމަށްފަހު ތަބްރީޒަށް ދަތުރުކުރައްވަނިކޮށް ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި އީރާނުގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވީ މެއިމަހުގެ ނަވާރަ ވަނަ ދުވަހުއެވެ. މިއީ އިޒްރޭލް ނުވަތަ އެމެރިކާގެ އަތެއް އޮވެގެން އީރާނުގެ ރައީސް އަވަހާރަކޮށްލުމަށް ހިންގި ހަރަކާތެއް ކަމަށް ތުހުމަތު ކުރެވުނަސް ތަހުގީގަށް އެނގިފައިވަނީ މިއީ މޫސުން ގޯސްވެގެން ހިނގި ހާދިސާއެއް ކަމެވެ. މި ހާދިސާގައި އަވަހާރަވީ ރައީސް އިބްރާހިމް ރައީސީ އެކަންޏެއް ނޫނެވެ. އީރާނުގެ ޚާރިޖީވަޒީރު ހުސައިން އާމިރުވެސް ވަނީ އަވަހާރަވެފައެވެ. އީސްޓް އަޒަރބައިޖާން ޕްރޮވިންސްގެ ގަވަރުނަރު މާލިކް ރަހުމަތީވެސް ވަނީ އަވަހާރަވެފައެވެ. މިއީ 2024 ވަނަ އަހަރު ހިނގާފައިވާ އެކްސިޑެންޓްތަކުގެ ތެރެއިން އެ ހާދިސާއަކަށް ދުނިޔޭގެ ސަމާލުކަން 2024 ވަނަ އަހަރު އެންމެ ބޮޑަށް ލިބުނު ހާދިސާއެވެ.
ވައިގެ ދަތުރުފަތުރުގައި 2024 ވަނަ އަހަރަކީ ހިތާމަވެރި އެކްސިޑެންޓްތައް ގިނަ އަހަރެކެވެ. މަދަނީ އުދުހުންތަކުގައި އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އޮގަސްޓް މަހުގެ ތެރޭގައި ބްރެޒިލްގެ މަތިންދާބޯޓެއް ވެއްޓުމުގެ ހާދިސާގައެވެ. ވޮއެޕާސް އެއަރލައިނުގެ ބޯޓެއް ސައޮޕޯލޯ ކައިރިއަށް ވެއްޓުމުގެ އެ ހާދިސާގައި 62 މީހަކު މަރުވެފައިވެއެވެ. އަހަރުގެ ދެވަނައަށް އެންމެ ހިތާމަވެރި މަދަނީ ހާދިސާ ހިނގާފައިވަނީ އަހަރު ނިމެމުން ދަނިކޮށް ޑިސެމްބަރު ފަންސަވީހުގައި އަޒަރބައިޖާނުގެ ގައުމީ އެއަރލައިނުގެ ބޯޓެއް ކަޒަކަސްތާނަށް ވެއްޓިގެންނެވެ. އެ ހާދިސާގައި 38 މީހަކު މަރުވެފައިވެއެވެ. މިއީ ރަޝިޔާގެ މިސައިލެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް ވަނީ ގަބޫލު ކުރެވިފައެވެ. ވައިގެ އެކްސިޑެންޓްތަކުގައި 2024 ވަނަ އަހަރު އެންމެ ގިނައިން ވެއްޓިފައިވަނީ ރަޝިޔާގެ ބޯޓުފަހަރެވެ. ރަޝިޔާގެ އިލޫޝިން މަރުކާގެ އަސްކަރީ ޓްރާންސްޕޯޓް އުޅަނދެއް ޔުކްރޭނުން ހަމަލަދީ ވައްޓައިލުމުގެ ސަބަބުން ޖެނުއަރީ ސައުވީހުގައި 74 މީހަކު މަރުވެފައިވެއެވެ. އޭގައި ގިނައީ ޔުކްރޭނުގެ ސިފައިންގެ އަސީރުންނެވެ.
ހުސްވި 2024 ވަނަ އަހަރަކީ ބިންހެލުންތައް މަދު އަހަރެކެވެ. މުޅި އަހަރަށް ބަލާއިރު ބިންހެލުމުގެ ކާރިސާއެއްގައި އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ ޖެނުއަރީ އެއްވަނަ ދުވަހު ޖަޕާނުގެ ހުޅަނގުބިތަށް ރިކްޓަރ މިންގަޑުން 7.6 ގެ ބާރުމިނުގައި އައި ހެލުމެއްގައެވެ. އެ ކާރިސާގައި 213 މީހަކު މަރުވެފައިވެއެވެ. ގުދުރަތީ އެކި ކާރިސާތަކުގައި 2024 ވަނަ އަހަރު އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ ވާރޭވެހިގެން ބިންގަޑު ކަނޑައިގެން ދިއުމުގެ އެކި ހާދިސާތަކުގައެވެ. މެއިމަހުގެ ތެރޭގައި ޕަޕުއާ ނިއުގިނީން 670 މީހުން މަރުވެފައިވެއެވެ. ސެޕްޓެމްބަރު މަހުގެ ތެރޭގައި ޔާގީ ތޫފާން އަރައިގެން ބަރުމާ އާއި ފިލިޕީންސުން ފަސްސަތޭކައަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ޖުލައި މަހުގެ ތެރޭގައި އިތިއޮޕިޔާއިން 250 މީހުން މަރުވެފައިވެއެވެ. އެމެރިކާގެ ނޯތު ކެރޮލައިނާ ސްޓޭޓުން ސެޕްޓެމްބަރު މަހު 225 މީހުން މަރުވެފައިވެއެވެ. ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ހާދިސާތަކުގައި އޮކްޓޫބަރު މަހު ސްޕޭނުންވެސް 224 މީހަކު ވަނީ މަރުވެފައެވެ.
ހައްޖު މޫސުމުގައި ޖޫންމަހުގެ ތެރޭގައި އާދަޔާ ޚިލާފަށް މައްކާ އާއި މައްކާގެ ވަށައިގެންވާ ސަރަހައްދުތަކުގައި ހޫނުގަދަ ވުމުގެ ސަބަބުން ހައްޖުވެރިންގެ ތެރެއިން މަދުވެގެން 1300 މީހުން ނިޔާވެފައިވެއެވެ. މިއީ ފަހަކަށް އައިސް ހޫނުގަދަވެގެން ހައްޖުވެރިންގެ ތެރެއިން އެންމެ ގިނަބަޔަކު ނިޔާވި ފަހަރެވެ. ސައޫދީ ސަރުކާރުން އާއްމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ހޫނުގަދަވެގެން ދެހާހަށްވުރެ ގިނަ މީހުން އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނެވެ. ހޫނުމިން 52 ޑިގްރީ ސެލްސިއަސްއަށް އެރިއެވެ. ނިޔާވީ މީހުންނާއި ފަރުވާދޭން ޖެހުނު ގިނަ މީހުންނަކީ ރަޖިސްޓްރީ ކުރުމަކާ ނުލައި ހައްޖުގެ އަޅުކަމުގައި ޝާމިލްވެގެން އުޅުނު މީހުން ކަމަށްވެސް ބުނެފައިވެއެވެ. ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ޗިލީގައި ހޫނުގަދަވެގެން ޖަންގަލިތަކުގައި ރޯވުމުގެ އެންމެ ނުރައްކާތެރި ކާރިސާއެއް ހިނގާފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މަދުވެގެން 136 މީހަކު ވަނީ މަރުވެފައެވެ.
ދުނިޔޭގެ މަޝްހޫރު ސިޔާސީ ލީޑަރުންގެ ތެރެއިން 2024 ވަނަ އަހަރު ދުނިޔެ ދޫކުރެއްވި ބޭފުޅުންނަށް ބަލާއިރު އެންމެ ފާހަގަކުރެވޭ ބޭފުޅަކީ އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް އެވެ. ޑރ.މަންމޯހަން ސިންގް އަވަހާރަވީ އުމުރުފުޅުން 92 އަހަރުގައި ޑިސެމްބަރު ސައްބީހުގައެވެ. އޭނާއަކީ އިންޑިޔާގެ ތޭރަވަނަ ބޮޑުވަޒީރެވެ. ވެރިކަން ކުރެއްވީ 2004 ވަނަ އަހަރުން ފެށިގެން 2014 އަށެވެ. އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވަރސިޓީން އިގްތިސާދީ ދާއިރާގައި ކިޔަވައި ވިދާޅުވެފައިވާ ޑރ.ސިންގްއަކީ އިންޑިޔާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރުކަމާއި މާލީވަޒީރުކަންވެސް ކުރައްވާފައިވާ ތަޖުރިބާކާރެކެވެ. އިންޑިޔާގެ އިގްތިސާދު ޒަމާނީކޮށް ދުނިޔެއަށް ހުޅުވައިލުމުގެ އާރުކާޓީއެއްގެ ގޮތުގައި ބެލިފައިވަނީވެސް ޑރ. މަންމޯހަން ސިންގްއެވެ. ސިޔާސީ ބޭފުޅަކަށްވުރެ ބޮޑަށް އޭނާ މަޝްހޫރުވެފައިވަނީ އިގްތިސާދީ ދާއިރާޔާއި މާލީ ދާއިރާގެ ތަޖުރިބާކާރެއްގެ ގޮތުގައެވެ. އެންމެންގެ ތާއީދު ލިބިފައިވާ ނަޒާހަތްތެރިއެއްގެ ގޮތުގައެވެ.
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އަވަހާރަވީ ފެބްރުއަރީ މަހުގެ ސޯޅަ ވަނަ ދުވަހު ރަޝިޔާގެ ޖަލެއްގައެވެ. އުމުރަކީ 48 އަހަރެވެ. މި ލިސްޓަށް ނަވަލްނީ ގެންނަން ޖެހުނީ އޭނާއަކީ ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިންގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވެފައި ރަޝިޔާގެ ކުރިމަގު އޮތީ އޭނާގެ އަތްމަތީގައި ކަމަށް ވަރަށް ގިނަބަޔަކަށް ގަބޫލު ކުރެވިފައިވަނިކޮށް ޖަލުގައި ހައިރާންކުރަނިވި ގޮތަކަށް އޭނާ އަވަހާރަވުމުންނެވެ. ނަވަލްނީ އަވަހާރަކޮށްލުމަށް ޕުޓިންގެ ސަރުކާރުން މާކުރިންވެސް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިފައިވެއެވެ. ވިހަ ދީގެންނެވެ. ގޮތްނޭގޭ ސީރިއަސް އާލާސްކަންފުޅަކަށް އޭނާ ވަނީ ޖަރުމަންވިލާތުގައި ދިގު މުއްދަތަކަށް ފަރުވާ ހޯއްދަވައިފައެވެ. އެނބުރި ގައުމަށް ވަޑައިގެންނެވުމާއެކު ފެނުނީ ހައްޔަރުކޮށް އައު ސަރިޔަތެއް ހިންގި މަންޒަރެވެ. ދެން އިވުނީ ޖަލުގައި އަވަހާރަވި ޚަބަރެވެ. ގިނަ ބަޔަކު ގަބޫލުކުރަނީ ރައީސް ޕުޓިން އަންގަވައިގެން ނަވަލްނީ އަވަހާރަކޮށްލީ ކަމުގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ