އިންޑިއާގައި އަރުވާލެވިގެން އުޅުއްވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އެނބުރި ގައުމަށް ވަޑައިގަތުމަށް ރާއްވަވާފައިވާކަން އިއުލާނުކުރެއްވުމާ ގުޅިގެން ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުންތައް އުފެދި، އާންމު ދަތުރުފަތުރާއި ވިޔަފާރިތައް ހުއްޓުމަކަށް އަތުވެއްޖެއެވެ.

ހަސީނާ 16 ޑިސެމްބަރު 2026 ގައި އެނބުރި ވަޑައިގަންނަވާނެކަން ހާމަކުރެއްވުމާއެކު، އޭނާގެ އަވާމީ ލީގު ސަޕޯޓަރުން ވަނީ ގައުމީ ފެންވަރުގައި އިހުތިޖާޖުތަކެއް ފަށައިފައެވެ. މި ހަރަކާތްތަކުގެ ތެރެއިން ވެރިރަށް ޑާކާ އާއި އެހެނިހެން ސަރަހައްދުތަކުގައި އަތުން ހަދާ ބޮން ގޮއްވައި، އުޅަނދުފަހަރާއި އިމާރާތްތަކުގައި ރޯކުރުމުގެ ހާދިސާތައް ވަނީ ހިންގައިފައެވެ.

ހަސީނާގެ އުފަން ރަށް ކަމަށްވާ ގޯޕާލްގަންޖުގައި ހަމަނުޖެހުންތައް ބޮޑުވުމުގެ ސަބަބުން، ވިޔަފާރިވެރިން ވަނީ ފިހާރަތައް ބަންދުކޮށް، ދަތުރުފަތުރުގެ ހިދުމަތްތައް މެދުކަނޑާލާފައެވެ. އަދި އެ ސަރަހައްދުގައި ބަސް ދަތުރުތަކާއި މޯބައިލް ބޭންކިންގެ ހިދުމަތްތައް ވަނީ ވަގުތީ ގޮތުން ހުއްޓުވައިފައެވެ. ސިޔާސީ ވާދަވެރިންގެ ގެތަކަށާއި ސިޔާސީ އޮފީސްތަކަށް ހަމަލާދީ ރޯކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ހާލަތު ކޮންޓްރޯލްކުރުމަށްޓަކައި ބަންގްލަދޭޝްގެ ބޯޑަރު ގާޑުންގެ 120 ޕްލެޓޫން ވަނީ 7 ސަރަހައްދަކަށް ފޮނުވައިފައެވެ. މީގެ ތެރެއިން 56 ޕްލެޓޫން ހަރަކާތްތެރިން ވަނީ ގޯޕާލްގަންޖު ސަރަހައްދުގައި ކަމަށް ސަރުކާރުގެ ކަމާބޭހޭ އިދާރާތަކުން މައުލޫމާތު ދެއެވެ.

2024 ވަނަ އަހަރުގެ އޮގަސްޓު މަހު ހިނގި މުޒާހަރާތަކާ ގުޅިގެން ހަސީނާގެ މައްޗަށް ވަނީ އިންސާނިއްޔަތާ ހިލާފު ޖަރީމާ ހިންގުމުގެ ކުށް ސާބިތުވެ، އޭނާގެ ގައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވާފައެވެ. ނަމަވެސް ހަސީނާ ވަނީ އެ ހުކުމް ބަލައިގަތުމަށް ދެކޮޅު ހައްދަވައި، ގައުމަށް އެނބުރި ވަޑައިގެން ގާނޫނީ ގޮތުން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރުން ބުނެފައިވަނީ ހަސީނާ އެނބުރި ވަޑައިގެންފިނަމަ، ހައްޔަރުކޮށް ޖަލަށް ގެންދާނެ ކަމަށެވެ. އަދި އޭނާ ގައުމަށް ވަޑައިގަންނަވަން ޖެހޭނީ ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ކަމަށްވެސް ސަރުކާރުގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.