ޝަރުއީ ދާއިރާގައި 2024 ވަނަ އަހަރު ހިނގައިދިޔަ ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ސަބަބުން ކުރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ރުފިޔާގެ ޖޫރިމަނާގެ އަދަބު ހައިކޯޓުން ބާތިލުކުރުން ހިމެނެއެވެ. ކުރިމިނަލް ކޯޓުން ޔާމީން 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ 2022 ޑިސެމްބަރު 25 ވަނަ ދުވަހުގައެވެ. ކުރިމިނަލް ކޯޓުގެ އެ ހުކުމް ހައިކޯޓުން ބާތިލުކުރީ 2024 އެޕްރީލް އެކެއްގައެވެ.

ދައުލަތުން ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އުފުލައިފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ ތެރެއިން އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެންނެވެ.

ކުރިމިނަލް ކޯޓުގެ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ހުކުމްކުރުމުން އެ މަނިކުފާނުގެ ފަރާތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ. އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން އެންމެ ފުރަތަމަ ބާތިލުކޮށްފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގައި އެމަނިކުފާނަށް އިއްވާފައިވާ ހަތަރު އަހަރުގެ ޖަލު ހުކުމެވެ. އޭގެ ފަހުން މަނީލޯންޑާ ކުރުމުގެ ކުށުގައި ޔާމީނަށް އިއްވި ހަތް އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމްވެސް ބާތިލުކޮށްފައެވެ. މި ދެ މައްސަލަ ވެސް އަލުން ބަލަން ހައިކޯޓުން ވަނީ ދަށު ކޯޓަށް އަމުރުކޮށްފައެވެ. މި ދެ ހުކުމް ވެސް ބާތިލުކޮށްފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އެ މައްސަލައިގައި ހުކުމުގެ ރައުޔު އިއްވަމުން ފަނޑިޔާރު މުހައްމަދު ސަލީމް ވިދާޅުވެފައިވަނީ ދައުލަތުން ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރެއްވި ކަމަށް ވިދާޅުވާ އިރު، ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގެ ޖަލު ހުކުމް ބާތިލު ކޮށްފައިވާތީ މަނީ ލޯންޑްރިންގެ ކުށުގެ ރުކުން ނެތިގެންދާ ކަމަށެވެ. ފަނޑިޔާރު ސަލީމް ވިދާޅުވެފައިވަނީ ޔާމީންގެ މައްސަލަ ބެލުމުގައި ކުރިމިނަލް ކޯޓުން އަމަލުކުރި ގޮތުގެ ސަބަބުން އެ މަނިކުފާނަށް ޝަރީއަތުގައި ލިބެން ޖެހޭ ދިފާއީ ބައެއް ފުރުސަތުތަކާއި ބައެއް ހައްގުތައް ގެއްލިފައިވާ ކަމަށެވެ. ފަނޑިޔާރު ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ފައިސާތަކެއް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް އެ މަނިކުފާނުގެ މާލީ ބަޔާނުގައި އޮތުމަކީ، އޭގެ ޒާތުގައި އެ މަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއް ކަމަށް ކުރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

އެހެންވެ ކުރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލައިގައި އިއްވި ހަތް އަހަރުގެ ހުކުމް ބާތިލުކޮށް، އަލުން އެ މައްސަލަ ކުރިމިނަލް ކޯޓަށް ބެލުމަށް ފޮނުވުމަށް ފަނޑިޔާރު ސަލީމް ރައުޔު ކަނޑައެޅުއްވިއެވެ. މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ހަސަން ޝަފީއު ވަނީ އެ ރައުޔަށް ތާއީދު ކުރައްވައިފައެވެ. އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަނޑިޔާރު ސަލީމް ހުކުމް ކުރެއްވީ މަނީ ލޯންޑަރިންގެ މައްސަލައިގައި ކުރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އިއްވާފައިވާ ހަތް އަހަރުގެ ހުކުމް ބާތިލުކޮށް، އަލުން އެ މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލު ކުރުމަށެވެ.

އެގާރަ އަހަރު ދުވަހުގެ ޖަލު ހުކުމް މިނިވަންވެވަޑައިގަތުމާއެކު އެ މަނިކުފާނު ވަނީ ސިޔާސީ މަސައްކަތްތައް ކުރައްވަން ފަށްޓަވައިފައެވެ. ޖަލު ހުކުމުން ގެއަށް ބަދަލުކުރުމުން ވެސް އެ މަނިކުފާނުގެ އެންމެ ބޮޑު ހިތްހަމަނުޖެހުމެއް އޮތީ ސިޔާސީ މަސައްކަތުގައި ނޫޅެވުމާއި މީޑިއާތަކާއި އަދި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ލިބިފައިނެތުމުންނެވެ. ނަމަވެސް އެއިރު އެ މަނިކުފާނު ނިސްބަތްވެވަޑައިގަންވާ އަދި ލީޑަރުކަން ކުރައްވަމުން ގެންދެވި ޕީޕީއެމް/ޕީއެންސީގެ އޮފީހުގައި ބޭއްވި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ގޭބަންދަށް ބަދަލުކުރުމުގެ ޝަރުތުތަކާ ހިލާފުވުމުން ކަމަށް ބުނެ މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްއިން ވަނީ އެ މައްސަލަ ބަލާނެ ކަމުގެ އިންޒާރު ދީފައެވެ.

އޭގެފަހުން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕާ ހިޔާލުތަފާތުވެވަޑައިގެން އެ މަނިކުފާނު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން ޕީޕަލްސް ނެޝަނަލް ފްރޮންޓް ޕާޓީ (ޕީއެންއެފް)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވައިފައެވެ. އެ ހުރިހާ ކަމެއް ހިނގިއިރު ވެސް ޔާމީން ހުންނެވީ ގޭބަންދުގައެވެ. ނަމަވެސް 2022 ޑިސެމްބަރު 25 ވަނަ ދުވަހު އެ މަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލުކުރުމާއެކު ޔާމީނަށް ސިޔާސީ ގޮތުން އާ ދިރުމަކާއި އާ ހިތްވަރެއް ލިބިގެންދިޔައެވެ. އެއާއެކު ޔާމީން ވަނީ އެ މަނިކުފާނުގެ ތާއީދާއެކު ވެސް ގެނައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވަން ކަމަށް ވިދާޅުވެ ސިޔާސީ މަސައްކަތްތައް ބާރު މިނުގައި ފަށްޓަވައިފައެވެ. ޔާމީންގެ ގެކޮޅުގައި ކޮންމެ ރެޔަކުހެން ބައްދަލުވުންތައް ބާއްވައި ސަރުކާރަށް ފާޑު ކިޔުން ކުރިމަތިކުރުވައެވެ. އެ ވާހަކަތަކަށް ސަރުކާރުގެ އެކްޓިވިސްޓުންނާއި މަޖިލިސް މެންބަރުން އަދި ބައެއްފަހަރު މިނިސްޓަރުން ވެސް ރައްދުދެއްވައެވެ.

ސަރުކާރާ ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ޔާމީން ކުރައްވަމުން ގެންދަވަނިކޮށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ހައިކޯޓުން، ދަށު ކޯޓަށް ފޮނުވާލި ޔާމީންގެ މައްސަލަ އަލުން ކުރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. މިއާއެކު ސަރުކާރަށް ޔާމީން އަމާޒުކުރަމުން ގެންދިޔަ ފާޑު ކިޔުންތައް ވަނީ އިހުނަށްވުރެ ވަރުގަދަކޮށްފައެވެ. ކުރިމިނަލް ކޯޓަށް ހުށަހެޅި އެ މައްސަލައިގެ އަޑުއެހުންތައް ވަނީ މިއަހަރުގެ އޮގަސްޓު 21 ފަށައިފައެވެ. ޔާމީންގެ އެހެން މައްސަލަތައް ވެސް ކުރިއަށް ގެންދިޔަ ގޮތަށް މި މައްސަލަ ވެސް ކުރިއަށް ގެންދާނީ ލައިވްކޮށްގެންނެވެ.

ކުރިމިނަލް ކޯޓުން އަލުން އެ މައްސަލަ ބަލަން ފެށުމާއެކު ޖުޑިޝަރީގެ ތެރެއަށް ސަރުކާރު ވަނީ "ހަަތަރެސްފައި ބާނައިފައި" ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ. ސަސަބުތައް ގިނަ ކަމަށްވެސް ވިދާޅުވިއެވެ. އެއް ސަބަބަކީ އެމްއެމްޕީއާރްސީ މައްސަލައިގެ ތަހުގީގަށް ނުވަތަ ޝަރީއަތުގެ ތެރެއިން އެ މަނިކުފާނަށް ޖަލު ބަންދަށް ވަޑައިގަންނަވާން ޖެހިވަޑައިގަތުމެވެ. ގޭ ބަންދުގައި ހުންނެވި ނަަމަވެސް އެ މަނިކުފާނަށް ސިޔާސީ މަސައްކަތެއް ކުރެއްވުމުގެ އިހުތިޔާރު ލިބިވަޑައިގެންފައިނެތުމެވެ.

ސަރުކާރު ޖަވާބުދާރީކުރުވުމުގެ ގޮތުން ސިޔާސީ މަސައްކަތްތައް ނުކުރެވި ހަނު ހުންނަވާން ޖެހިވަޑައިގަތުމަކީ ޔާމީން ބޭނުންފުޅުވާނެ ގޮތެއްނޫންކަން ސާފެވެ. ހަމަ އެހެންމެ ކުރިމިނަލް ކޯޓުގައި އެ މައްސަލަ ކުރިއަށް ގެންގޮސް ވަކިގޮތެއް ކަނޑަނޭޅެނީސް އެ މަނިކުފާނުގެ ސިޔާސީ ހަޔާތުގެ މުސްތަގުބަލާއިމެދު ނުތަނަވަސްކަމެއް އޮންނާނެކަން ހުދު އެ މަނިކުފާނުވެސް ގަބޫލުފުޅުކުރައްވާނެ އެވެ. އެހެންކަމުން، ބާރުމިނުގައި ސިޔާސީ މަސައްކަތްޕުޅު ފެއްޓެވި ނަމަވެސް، އެއީ ކިހާ ދުވަހެއްގެ ކަމެއްކަމެއް ނޭނގެ އެވެ. އަދި އެ މަސައްކަތުގައި ހުންނެވޭނެ ކަމުގެ ޔަގީންކަމެއްވެސް ނެތެވެ.