އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި ތަފާތު ބޮޑުކޮށް ޓޮޓެންހަމް ބަލި ކުރި އިރު، ޗެލްސީން އެވަޓަންއާ އެއްވަރުވެއްޖެއެވެ.

ޗެލްސީން ރޭ ރަށުން ބޭރުގައި އެވަޓަންއާ އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ. ދެވަނައިގައި އޮތް ޗެލްސީން އެއްވަރުވުމާ އެކު ލިޕޫލުން ވަނީ އަނެއްކާ ވެސް އެއްވަނައިގައި ފަރަގު ބޮޑުކޮށްފައެވެ. އެއީ ރޭ ޓޮޓެންހަމް ކައިރިން 6-3 އިން މޮޅުވެގެންނެވެ.

ލީގު ތާވަލުގެ އެއްވަނައިގައި 16 މެޗުން 39 ޕޮއިންޓާއެކު ލިވަޕޫލް އޮތް އިރު، ދެވަނައިގައި ޗެލްސީ އޮތީ 17 މެޗުން 35 ޕޮއިންޓާއެކުގައެވެ. މިވަގުތު ތިންވަނައިގައި އޮތް އާސެނަލަށް 17 މެޗުން ލިބިފައި ވަނީ 33 ޕޮއިންޓެވެ.

ލިވަޕޫލުން ރޭ ކުޅުނު މެޗުގައި އެޓީމުގެ ފަރާތުން ވަރުގަދަ އެޓޭކިން ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ޓޮޓެންހަމްއަށް ލިވަޕޫލް ހުއްޓުވޭނެ އެއްވެސް ގޮތެއް ނުފެނުނެވެ. އަނިޔާގެ ގިނަ މައްސަލަތަކެއްގައި އޮތް ޓޮޓެންހަމް ކޮޅަށް ފުރަތަމަ މިނެޓުން ފެށިގެންވެސް ލިވަޕޫލުން ނުރައްކާ ކުރިއެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ޓްރެންޓް އެލެކްސެންޑާ-އާނޯލްޑްގެ ހުރަހަކުން ލުއިސް ޑިއާޒް އެޓީމަށް ލީޑު ނަގައިދިން އިރު، އޭގެ 13 މިނެޓްފަހުން އެލެކްސިސް މެކް އަލިސްޓާ ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް، ޖޭމްސް މެޑިސަން ޖެހި ގޯލުން ޓޮޓެންހަމްއަށް ކޮންމެ ވެސް ވަރެއްގެ އުންމީދެއް ލިބުނު ނަމަވެސް، ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ އަނެއްކާ ވެސް ގޯލެއް ޖަހައިފައެވެ. އެ ގޯލަކީ މުހައްމަދު ސަލާހް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑޮމިނިކް ޒޮބޮސްލާއީ ޖެހި ގޯލެކެވެ.

ދެވަނަ ހާފުގައި ޓޮޓެންހަމްގެ ފަރާތުން ވަރަށް ބޮޑަށް ވަރުބަލިކަން ފެނިގެން ގޮސްފައިވާ އިރު، ލިވަޕޫލުން ވަނީ އޭގެ ފައިދާ ނަގައިފައެވެ. ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ، ސަލާހްގެ ދެ ގޯލާއެކު ލިވަޕޫލް މެޗު ޔަގީން ކުރި އިރު، ސަލާހް ވެގެން ގޮސްފައި ވަނީ އެ ކްލަބުގެ ތާރީހުގައި ހަތަރު ވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށެވެ. އެއީ 373 މެޗުން 229 ގޯލު ޖަހައިގެންނެވެ.

ކުރިން އެ ރެކޯޑު އޮތީ 526 މެޗުން 228 ގޯލު ޖަހާފައި އޮތް ލެޖެންޑް ބިލީ ލިޑެލް އަތުގައެވެ.

ލިވަޕޫލްގެ ހަވަނަ ގޯލު ޑިއާޒް ޖެހި އިރު، ޓޮޓެންހަމްއިން މެޗުގައި ޖެހި އަނެއް ދެ ގޯލު ޖަހައިދިނީ ޑިޖާން ކްލުސޭވްސްކީއާއި ޑޮމިނިކް ސޮލާންކޭއެވެ.

ރޭ ޗެލްސީން ކުޅުނު މެޗުގައި އެޓީމަށް މަދުވީ ގޯލެކެވެ. ބޯ ވާރޭގެ އިތުރުން ގަދަ ވައި ތެރޭގައި ކުޅުނު މެޗުގައި ޗެލްސީގެ ނިކޮލަސް ޖެކްސަން އަތުން ރަނގަޅު ދެ ފުރުސަތެއް ބޭކާރުވިއެވެ. އޭނާގެ ފުރަތަމަ ހަމަލާ އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑު މަތަކުރި އިރު، ދެން ޖެހި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.

އަނެއްކޮޅުން އެވަޓަން ގޯލަކަށް ކުރި މަސައްކަތުގައި އޮރެލް މަންގާލާ ޖެހި ބޯޅަ މަތަކުރީ ޗެލްސީގެ ގޯލްކީޕަރު ރޮބަޓް ސަންޗޭޒެވެ.