އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި ނޮޓިންހަމް ފޮރެސްޓް ކައިރިންވެސް ބަލިވެއްޖެއެވެ.

ރޭ ރަށުން ބޭރުގައި ޗެލްސީން ކުޅުނު މެޗުގައި ފޮރެސްޓް ކައިރިން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ޗެލްސީން ވަނީ އެންމެފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފައެވެ. އެޓީމުން ތާވަލުގެ އަށްވަނައިގައި އޮތީ 12 މެޗުން 16 ޕޮއިންޓާއެކުގައެވެ.

ނޮޓިންހަމް ފޮރެސްޓުން 12 މެޗުން 12 ޕޮއިންޓާއެކު 14 ވަނައިގައި އޮތް އިރު، ރޭގެ މެޗުގައި އެޓީމުގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

ޗެލްސީގެ ޖުއާއޮ ޕެޑްރޯ އަދިވެސް އަނިޔާއިން އެނބުރި އައިސްފައިނުވާ އިރު، ރޭގެ މެޗުގައި ފޯވަޑަކަށް ފުރަތަމަ 11 އަށް ނުކުތީ ޑެނީ ވެލްބެކެވެ. ޑިފެންސިވް މައްސަލަތައްވެސް ޗެލްސީއަށް ދިމާވެފައިވާ އިރު، ފަސްވަނަ މިނެޓުގައި ފޮރެސްޓުން ލީޑު ނެގީ އީގޯ ޖީސަސްއެވެ.

ޑެނިއަލް މުނޯޒްގެ ބޯޅައިން ފޮރެސްޓުން ލީޑު ނަގައިދިން އިރު، ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ މޯގަން ގިބްސް ވައިޓް ވަނީ ޕެނަލްޓީއެއްގައި ލީޑު ފުޅާވެސް ކޮށްފައެވެ. އެ ޕެނަލްޓީއަކީ ލިއަމް ޑެލަޕަށް އޭރިއާ ތެރެއިން ވެސްލޭ ފޮފާނާ ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

އޭގެ ދެމިނެޓެއްހާއިރު ފަހުން ބަދަލަކަށް ނުކުތް ޗެލްސީގެ ޒުވާން ފޯވަޑް އެމަނުއެލް އެމެގާ ގޯލެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، ދެންވެސް ނުރައްކާ ކުރީ ފޮރެސްޓެވެ. ފޮރެސްޓަށް ފުލުފުލުގައި ފުރުސަތު ލިބިފައިވާ އިރު، 72 ވަނަ މިނެޓުގައި ގިބްސް-ވައިޓް ވަނީ ފޮރެސްޓަށް ދެވަނަ ފަހަރަށް ލީޑު ފުޅާކޮށްދީފައެވެ.

ޗެލްސިން މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތުގައި 89 ވަނަ މިނެޓުގައި ގޯލް ޖެހީވެސް އެމެގާއެވެ.