ޑެޕިއުޓީ މިނިސްޓަރުން ހިމެނޭހެން، ހައުސިން މިނިސްޓްރީގެ 9 ސިޔާސީ މުވައްޒަފަކު ސަސްޕެންޑް ކޮށްފި އެވެ.
"ވަން އަށް" ކަށަވަރު ވެފައިވާ ގޮތުގައި، މި އެންމެންވެސް ސަސްޕެންޑް ކޮށްފައި ވަނީ އިއްޔެ ވަގުތެއްގައެވެ. އެންމެ ފުރަތަމަ ސަސްޕެންޑް ކުރީ 10 މީހުން ނަމަވެސް، އެއިން އެކެއްގެ ސަސްޕެންޝަން ވަނީ ފަހުން އުވައިލައިފައެވެ.
މި އެންމެންނަކީ ވެސް ސިޔާސީ މީހުން ކަމުން، އެމީހުން ސަސްޕެންޑް ކުރި ކަމުގެ ލިޔުން ފޮނުއްވައިފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު، އަލީ އާރިފު އެވެ.
ސަސްޕެންޑް ކުރި މީހުންގެ ތެރޭގައި، ހަތަރު ޑެޕިއުޓީ މިނިސްޓަރުން ހިމެނޭ ކަމަށް އެނގިފައިވެއެވެ. ދެން ހިމެނެނީ، ޕޮލިޓިކަލް ޑައިރެކްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުންނެވެ.
ވަގު ގޯތީގެ މައްސަލައިގައި، އެޗްޑީސީގެ އެމްޑީ، އިބްރާހީމް ފަޒުލް ރަޝީދު ރަޝީދާއި އޭނާގެ ބޭބެ އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ، މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން، 20 މީހެއްގެ ޕާސްޕޯޓު ވަނީ ރޭގެ ވަގުތެއްގައި ހިފަހައްޓައިފައެވެ. މި ޕާސްޕޯޓުތަކުގެ ތެރޭގައި އެޗްޑީސީގެ ބައެއް ވެރީންގެ ޕާސްޕޯޓު ހިމެނޭ ކަމަށް ވަނީ ކަށަވަރުވެފައެވެ.
ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލަ ފެންމަތިވެ، ފެށި ތަހުގީގާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ޗެއާމަން އަހްމަދު ނާސިފް (ޑީޑީ) ފިޔަވައި އެ ކުންފުނީގެ ބޯޑުގެ ހުރިހާ ބޭފުޅުން ވަނީ ސަސްޕެންޑްކޮށްފައެވެ. އޭގެ ތެރޭގައި އެމްޑީ ފަޒުލް ރަޝީދު ވެސް ހިމެނިވަޑައިގަންނަވައެވެ.
އަދި ފަހުން ވަނީ، މެނޭޖްމަންޓުގެ އިސް ބަޔަކު ވެސް ސަސްޕެންޑްކޮށްފިއެވެ.އެ ގޮތުން، ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި އައިޓީ ކޮންސަލްޓެންޓް އަބްދުﷲ ޝުހޫދާއު ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން އާއި އެސްޓޭޓް ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަން ސަސްޕެންޑްކޮށްފައިވާކަން "ވަން" އަށް ވަނީ އެނގިފައެވެ.
މި މައްސަލައާ ގުޅިގެން، އެމްޑަބްލިޔުއެސްސީން ވަނީ ޑީއެމްޑީ، ފަޒީލް ރަޝީދުވެސް ޒިންމާތަކުން އެކަހެރިކޮށް ސަސްޕެންޑް ކޮށްފައެވެ.
ފުލުހުން އިއްޔެ ބުނީ މި ތަހުގީގުގައި ބަލަނީ ޑޮކިއުމެންޓު ފޯޖު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ. އަދި މި ތަހުގީގަކީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ފުލުހުން އިސްވެ ފަށާފައިވާ ތަހުގީގެއް ކަމަށެވެ. އޭސީސީންވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ.
އޭސީސީން މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ އިރު، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށާއި އޭސީސީއަށް، ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު އިއްޔެ ވަނީ އަމުރުކުރައްވައިފައެވެ.
ފަޒީލަކީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް ހައުސިން މިނިސްޓްރީން ކުރީން ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް ފަޒީލް ވަނީ އޭނާއަށް ލިބުނު ގޯތީގެ ރެޖިސްޓްރީ ކަމަށް ބުނާ ލިޔުމަކާއެކު، އެ ބިމުގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދި މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެޗްޑީސީއަށް ހުށަހަޅައިފައެވެ.
އެހެންވެ އެޗްޑީސީން ވަނީ އެ ގޯތީގެ ރެޖިސްޓްރީގެ ސައްހަކަން ބެލުމަށް ހައުސިން މިނިސްޓްރީއަށް ފޮނުވައިފައެވެ. ފަޒީލްގެ އިތުރުން ހއ. ދިއްދޫގައި ރަޖިސްޓަރީ އޮތް އަބްދުލް މަޖީދު މާހިރު ކިޔާ މީހަކު ވެސް ވަނީ އެކަމަށް ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހަޅައިފައެވެ.
އެ މައްސަލައިގައި އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ފޮނުވި ކަމަށް ބުނާ ސިޓީއެއްގައި ވަނީ، ދެ މީހަކަށް ދޫކުރި 1250 އަކަަފޫޓުގެ ދެ ގޯއްޗެއްގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދިފައިވާކަން ފާހަގަކޮށްފައެވެ. އެ ސިޓީގައި އެ ދެ ފަރާތުގެ ތަފްސީލު ވެސް ވަނީ ހިމަނައިފައެވެ.
އެ ސިޓީއަށް ހައުސިން މިނިސްޓްރީން ދިން ޖަވާބު ކަމަށް ބުނާ ސިޓީއެއް ވެސް ވަނީ ސޯޝަަލް މީޑިއާގައި އާންމުވެފައެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަަށް އެޑްރެސްކުރައްވައި، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެ ދެ ފަރާތަކީ ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކެއް ނޫންކަން އެ ސްކީމުގެ ޑޭޓާބޭސް އިން ދައްކާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު