އަމިއްލަ ފަރާތެއް ކަމަށްވާ ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގޯލްޑް ކަޕްގެ ދެވަނަ ފޭސްގައި އިއްޔެ ހަވީރު ތ. ތިމަރަފުއްޓާއި ފުވައްމުލަކު ސިޓީން ކުޅުނު މެޗު އެއްވަރުވި އިރު، ރޭ ކ. މާފުށިން ވަރުގަދަ ބ. އޭދަފުށި ބަލިކޮށްފިއެވެ.

ގޯލްޑް ކަޕްގެ ދެވަނަ ބުރުގައި ވާދަކުރަމުންދަނީ 12 ޓީމެވެ. 12 ޓީމު ހަތަރު ގްރޫޕެއްގައި ވާދަކުރަމުންދާ އިރު، ކޮންމެ ގްރޫޕެއްގައި ހިމެނެނީ ތިން ޓީމެވެ. އޭގެ ތެރެއިން ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން ދެޓީމެވެ.

އިއްޔެ ހަވީރު ފުވައްމުލަކާއި ތިމަރަފުށި ގައުމީ ދަނޑުގައި ކުޅުނު މެޗުން އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އެއީ މިހާތަނަށް ފުވައްމުލައް އަތުން ޕޮއިންޓް ގެއްލުނު ފުރަތަމަ މެޗެވެ. އެޓީމުން މުބާރާތުގެ ދެވަނަ ފޭސްއަށް ނުކުތީ ފުރަތަމަ ބުރުގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައި އޮވެގެންނެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ކޮޅުގައި ތިމަރަފުށިން ލީޑު ނެގި އިރު، އެ ގޯލަކީ އަލީ އިލްމާން އަހުމަދު މޫސާ ޖެހި ގޯލެކެވެ. އޭގެ 15 މިނެޓް ފަހުން ފުވައްމުލަކުން އެއްވަރުކުރި އިރު، އެ ޓީމުގެ ގޯލު ޖަހައިދިނީ މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ކޯފީ އޮވޫސޫއެވެ.

ރޭ މާފުށިން އޭދަފުށި ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެއީ އޭދަފުށި ގޯލްޑް ކަޕްގައި ބަލިވި ފުރަތަމަ ފަހަރެވެ. މާފުށީގެ އެތައް ސަޕޯޓަރުންނެއް ދަނޑު ގުގުމަމުން ދިޔަ މެޗު، ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އޭދަފުށި ގައުމީ ދަނޑުގައި ބަލިކުރުން ވެގެންދިޔައީ މާފުއްޓަށް ފުޓުބޯޅަ ތާރީހުގައިވެސް ބޮޑު ކާމިޔާބީއަކަށެވެ.

ރޭގެ މެޗުގައި މާފުށީގެ ގޯލުތައް ޖެހީ އިބްރާހިމް އަތީގް ހަސަން (އިއްބެ)އެވެ. އޭނާއަކީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ފާހަގަކޮށްލެވުނު ފޯވަޑެކެވެ. ކުރިން އޭނާ ވަނީ ގައުމީ ސްކޮޑުގައިވެސް ހިމެނިފައެވެ.

ދެވަނަ ހާފުގައި މާފުށީގެ ދެވަނަ ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި އިސްމާއިލް މަފާޒް އިބްރާހީމެވެ. އޭދަފުށިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އެޓީމުގެ ކީޕަރު އަލީ އަޖުފާނު ކުރި ނުރައްކާތެރި ފައުލަކަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ.