ކުއްޖަކު ފެންވަރަން ހުއްޓައި ވީޑިއޯކުރި މައްސަލައެއްގައި 20 އަހަރަށް ޖަލަށްލި މީހެއްގެ ހުކުމް ބާތިލުކުރަން ހައި ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކޮށްފައިވަނީ އަސްލަމް ހަސަން ކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އާއި ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ހާމަކޮށް ފެންނަ ގޮތަށް އޮރިޔާންކާޑު ހެދުމުގެ ދައުވާއެވެ. އެ ދައުވާތައް އަސްލަމް ހަސަންގެ މައްޗަށް ސާބިތުވާތީ ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.

ދަށު ކޯޓުގެ އެ ހުކުމް އަސްލަމް ހަސަންގެ ފަރާތުން ވަނީ އިސްތިއުނާފުކޮށްފައެވެ. އޭނާގެ ފަރާތުން ހައި ކޯޓުގައި ބުނީ ދަށު ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގައި ކުއްޖާގެ ހެކިބަސް ނަގައިފައިނުވާ ކަމަށެވެ. ކުއްޖާގެ ހެކިބަސް ޝަރީއަތަށް ނެގުމެއް ނެތި ކުއްޖާގެ ބަސް ގަބޫލު ނުކުރެވޭނެކަން ސުޕްރީމް ކޯޓުގެ ބައެއް ގަޒިއްޔާތަކުން އެނގޭ ކަމަށެވެ.

އެކަމާ ގުޅިގެން ދައުލަތުން ވިދާޅުވެފައިވަނީ އަސްލަމް ހަސަން އެ ފާހަގަކުރައްވާ ގަޒިއްޔާގައި ކުއްޖާގެ ހެކިބަސް ނެގުން ލާޒިމުކޮށްފައި ނުވާނެ ކަމަށެވެ. އަދި ހައި ކޯޓުން ވެސް ވަނީ މީގެ ކުރީގެ ގަޒިއްޔާއެއްގައި ކުއްޖާގެ ހެކިބަސް ނަގަން ނުޖެހޭނެ ކަމަށް ކަނޑައަޅައިފައި ކަމަށް ދައުލަތުން ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން ކުއްޖާގެ އޯޑިއޯ އަދި ވީޑިއޯ އިންޓަވިއު ހުށަހަޅައިވާނެ ކަމަށް ވެސް ދައުލަތުން ވިދާޅުވިއެވެ.

އަސްލަމް ހަސަން ބުނީ އޭނާގެ މައްޗަށް ކުރި ދައުވާތައް ސާބިތުކުރުމަށްޓަކައި ދަށު ކޯޓަށް ހުށަހެޅީ މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރު ކުރި ފަރާތް ކަމަށްވާ މުހައްމަދު އަހުމަދުއާ ސުވާލު ކުރުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ. އަދި އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާ ފެންވަރަން ހުރި ގިފިއްޔާއި ހެކިންގެ ހެކިބަހުން އެ ގިފިލި ސިފަކޮށްދީފައިވާ ގޮތުން މޯބައިލް ފޮރެންސިކް ރިޕޯޓަށް ދެވޭ ބުރަދަން ކުޑަވެގެންދާ ކަމަށް އަަސްލަމް ހަސަން ބުންޏެވެ.

ނަމަވެސް ދައުލަތުން ވިދާޅުވީ މޯބައިލް ފޮރެންސިކް ރިޕޯޓް ތައްޔާރު ކުރި ފަރާތާ ސުވާލުކުރުމުގެ ފުރުސަތު އަސްލަމް ހަސަނަށް ދަށު ކޯޓުން ދިން ކަމަށެވެ.

އަދި އަސްލަމް ހަސަންގެ ފަރާތުން ސުވާލު އުފައްދާ ހަސީނާ އަލީގެ ހެކިބަހަށް ބަލާއިރު، ހާދިސާއަކީ ހަސީނާ ދިރިއުޅޭ ގޭގެ ގިފިލީގައި ހިނގާފައިވާ ހާދިސާއެއްކަން އެނގޭ ކަމަށެވެ. އަދި ކުއްޖާ ފެންވަރަން ހުރި ގިފިލި ސާބިތުކުރުމަށް ހުށަހަޅާފައިވަނީ މޯބައިލް ފޮރެންސިކް ރިޕޯޓު ނޫން ކަމަށާއި ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓް ކަމަށް ދައުލަތުން ވިދާޅުވިއެވެ.

އެހެންކަމުން ހަސީނާގެ ހެކިބަހަށް ބިނާކޮށް މޯބައިލް ފޮރެންސިކް ރިޕޯޓަށް ދެވޭ ބުރަދަނަށް އަސަރުކުރާ ހާލަތެއް ނެތް ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ދެފަރާތުން ދެއްކި ވާހަކަތަކަށްފަހު ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސައިން މަޒީދު މައްސަލައިގެ ރައުޔުގައި ވިދާޅުވީ މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރު ކުރި ފަރާތާ ސުވާލުކުރުމުގެ ފުރުސަތު ދަށު ކޯޓުން އަސްލަމް ހަސަނަށް ދީފައިވާ ކަމަށެވެ.

މި މައްސަލައިގެ ލިޔެކިޔުންތައް ބަލައިލުމުން "ހެއްކާ ކޮށްލާނެ ސުވާލެއް އެބައޮތްތޯ އަސްލަމް؟" އެފަދައިން ދަށު ކޯޓުން ސުވާލުކޮށްފައިވާކަން އެނގޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެ ސުވާލަށް ޖަވާބުދެމުން އަސްލަމް ހަސަން "އަޑުސާފުނުވޭ" ކަމަށް ބުނިކަން ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އެހެންކަމުން މޯބައިލް ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި ފަރާތާ ސުވާލުކުރުމުގެ ފުރުސަތު ދަށު ކޯޓުން ދީފައިވާކަމާ މެދު ސުވާލު ނުއުފެދޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

މި މައްސަލައިގައި އަސްލަމް ހަސަންގެ މައްޗަށް ދަށު ކޯޓުގައި ކުރި ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ހާމަކޮށް ފެންނަގޮތަށް އޮރިޔާންކާޑު ހެދުމުގެ ދައުވާ ސާބިތުކުރުމަށް ހުށަހަޅައިފައިވާ އޭނާގެ ފޯނުން ފެނުނު ވީޑިއޯތަކުގައި "އަންހެނަކު" ފެންވަރަން ހުއްޓައި ފެންނަ ވީޑިއޯ އެއް ހިމެނޭ ކަމަށް ބަޔާންކޮށްފައިވާތީ އާއި ދައުލަތުން ކުރި މި ދައުވާގައި "އަންހެނަކު" ފެންވަރަން ހުރި ވީޑިއޯ އެއް ފެނިފައިވާ ކަމަށް ބަޔާންކޮށްފައިވާތީ، މިކަން ކުޑަކުއްޖާއާ ގުޅެނީ ކިހިނަކުންތޯ ދައުލަތާ ސުވާލުކޮށްފައިވާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެ ސުވާލުގެ ޖަވާބުގައި ދައުލަތުން ވިދާޅުވީ ވީޑިއޯ އިން ފެންނަ ކުއްޖާއަކީ ހަމަ ހަގީގަތުގައި ވެސް އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާކަން ސާފުކޮށް ބަޔާންކޮށްދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް މިފަދަ މައްސަލަތަކުގައި ކުދިންގެ ކަރާމާތަށްޓަކައި އެ މިންވަރަށް އެކަން ކުރުމުގައި ދަތިތަކެއް ހުރި ކަމަށެވެ.

ނަމަވެސް މި މައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ހެކިތައް އެކުގައި ގުޅުވާލުމުން އެ ވީޑިއޯ އަކީ މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާގެ ވީޑިއޯއެއްކަން ސާފުވާނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

އެ ޖަވާބާ ގުޅިގެން ފަނޑިޔާރު ރައުޔުގައި ވިދާޅުވީ ދަށު ކޯޓަށް ހުށަހެޅުނު މޯބައިލް ފޮރެންސިކް ރިޕޯޓުގައި ވަނީ "އަންހެނަކު" ގިފިލީގައި ފެންވަރަން ހުރި ވީޑިއޯ އަސްލަމް ހަސަންގެ ފޯނުން ފެނިފައިވާ ކަމަށެވެ. އެހެންކަމުން މި ރިޕޯޓަށް އެކަނި ބަލައ،ި އެ ވީޑިއޯގައި ފެންނަނީ މި މައްސަލައިގައި ބުނާ ކުޑަ ކުއްޖާ ފެންވަރަން ހުރި މަންޒަރުތޯ ނުވަތަ އެހެން މީހަކު ފެންވަރަން ހުރި މަންޒަރުތޯ ސާފުނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

މޯބައިލް ފޮރެންސިކް ރިޕޯޓުގައި ގިފިލީގައި "އަންހެނަކު" ފެންވަރަން ހުރި ވީޑިއޯ އެއް ފެނިފައިވާ ކަމަށް ބަޔާންކޮށްފައިވާ އިރު، މި މައްސަލައިގައި ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކަށް އެކުގައި ރިއާޔަތްކޮށް ބެލި ނަމަވެސް، އެ ވީޑިއޯ އިން ފެންނަނީ މި މައްސަލައިގައި ހިމެނޭ ކުޑަކުއްޖާތޯ ކަށަވަރުކުރުމަށް ތަހުގީގުން މަރުހަލާގައި އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

"މިސާލަކަށް ކުއްޖާގެ މަންމަ ނުވަތަ ކުއްޖާއާ ސުވާލުކޮށްގެން ނަމަވެސް ނުވަތަ ކުއްޖާގެ މޫނު ނުވަތަ ކުއްޖާގެ އެހެންވެސް ސިފައެއް އަޅައި ކިޔައިގެން ނަމަވެސް އެ ވީޑިއޯގައި ފެންނަނީ އެކުއްޖާކަން ނުވަތަ ކޮން އުމުރެއްގެ މީހެއްކަން ދަނެގަނެފައިވާކަން އެނގޭ ހެއްކެއް ދަށު ކޯޓަށް ހުށަހެޅިފައި ނެތެވެ،" ފަނޑިޔާރު ވިދާޅުވިއެވެ.

އެހެންވެ ފަނޑިޔާރު ރައުޔު ކަނޑައެޅުއްވީ މި މައްސަލަ އަސްލަމް ހަސަންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައިފައިވަނީ ގޯސްކޮށް ކަމަށެވެ. އެ ރައުޔަށް ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު މުހައްމަދު ފައިސަލް ވަނީ ތާއީދު ކުރައްވައިފައެވެ.

އެހެންވެ، މި މައްސަލައިގައި ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ ލ. ގަން މެޖިސްޓްރޭޓް ކޯޓުން އަސްލަމް ހަސަންގެ މައްޗަށް ކުރި 20 އަހަރު ޖަލު ހުކުމް ބާތިލުކުރާ ކަމަށެވެ.